އިބްރާހީމް ރާމިޒް
ތޮއްޑޫ ހެސްކިޔާފަ އެމްޑީޕީ އަށް މި ޝިޔާރުގެ ދަށުން އއ.ތޮއްޑޫގައި އެމްޑީޕީގެ ޖަލްސާ އެއް ބާއްވައިފިއެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އެމްޑީޕީ ތޮއްޑޫ ޑައިވިންގ ހަރުގެއިން އިންތިޒާމް ކޮށްގެން ބޭއްވި މި ސިލްސިލާގެ ފުރަތަމަ ޖަލްސާގައި ވެސް ޑީއާރޕީގެ 2 އާއިލާއަކުން 22 މެމްބަރުން އެމްޑީޕީ އަށް ސޮއިކޮށްފައިވާ ކަމަށް އެމްޑީޕީ ތޮއްޑޫ ދާއިރާއިން މަޢުލޫމާތުދެއެވެ.
މި ޖަލްސާ އަކީ ފަހަކަށް އައިސް ތޮއްޑޫ ޑައިވިންގ ހަރުގެއިން އިންތިޒާމްކޮށްގެން ބޭއްވި އެންމެ ކުލަގަދަ އަދި އެންމެ ކާމިޔާބު އެއް ޖަލްސާ ކަމަށާއި، “ތޮއްޑޫގެ ހުރިހާ ޒުވާނުންގެ މެޖޯރެޓީ އޮންނަ ޕާޓީގެ ގޮތުގައި ތޮއްޑޫގައި ކުރި އަރަމުންދާ އެމްޑީޕީ އަކީ 2013 ގައި ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ގެނައުމަށް މަސައްކަތްކުރާ ހެޔޮވިސްނޭ އިލްމީ ޤާބިލް ޒުވަނުން ތިބި ޕާޓީއެއް” ކަމަށް އެމްޑީޕީ ތޮއްޑޫ ދާއިރާގެ ރައީސް ޙަސަން ޝިޔާން ވިދާޅުވިއެވެ.
މި ޖަލްސާ ގައި ވާހަކަދައްކަވަމުން ތޮއްޑޫ ދާއިރާގެ ރައީސް ޙަސަން ޝިޔާން ވިދާޅުވީ ” ހެސްކިޔާފަ ތޮއްޑޫގައި އެމްޑީޕީ އަށް ދެން މީހުން ވަންނަ ތަން އިދިކޮޅު ފަރާތްތަކަށް ފެންނާނެ. 40 މެމްބަރުންނާއި އެކު ތޮއްޑޫގައި އުފަންވި އެމްޑީޕީގެ މެމްބަރުންގެ އަދަދު މިއަދު 400 އިން މައްޗަށް މިއަދު މިވަނީ ގޮސްފަ.”
ޝިޔާން އިތުރަށް ވިދާޅުވީ އިރާދަ ކުރެއްވިއްޔާ 2013 ގެ ރިޔާސީ އިންތިޚާބުގެ ކުރިން މި އަދަދުވެސް 2 ގުނައަށް އިތުރުކުރާނެ ކަމަށެވެ.
މި ޖަލްސާގައި ލޯކަލް ކައުންސިލް އިންތިހާބްގައި ޑީއާރުޕީން އަތޮޅު ކައުންސިލަށް ކުރިމަތިލެއްވި މުހައްމަދު ރަޝީދާއި، ރަށު ކައުންސިލަށް ޑީއާރޕީގެ ޓިކެޓްގައި ވާދަކުރެއްވި މޫސާ ހަސަން ވެސް ވާހަކަދެއްކެވި އެވެ. އެބޭފުޅުންގެ ވާހަކައިގައި ޑީއާރުޕީއަށާއި، ޕީޕީއެމް އަށް ވަރަށް ބޮޑަށް ފާޑުކިޔުއްވާފައިވެއެވެ. އަދި ރައީސް ނަޝީދު ފަދަ ޤައުމުގެ ރައްޔިތުން ދެކެ ލޯބިފުޅުވާ ޤައުމުގެ ތަރައްޤީއަށް ވިސްނަވާ 2 ވަނަ ވެރިއަކު ނުހުންނާނޭ ކަން މިހާރު ގަބޫލުކުރައްވާ ކަމށް ވިދާޅުވިއެވެ.
މި ޖަލްސާގައި ރަށުކައުންސިލްގެ އެމްޑީޕީ މެންބަރު މޫސާ ފާރޫޤް އާއި، މެދުއުތުރު ޕްރޮވިންސްގެ ހެލްތް ބޯރޑްގެ މެމްބަރ އާދަމް މަޖީދާއި، އަހްމަދު ކަރަމް ވާހަކަދެއްކެވިއެވެ.
އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުން ބައިވެރިވެލެއްވި މިޖަލްސާ ނިމިގެން ދިޔައީ ބޮނޑިބަތުންނެވެ.