ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީގެ ނިންމެވުމަށް އެމްޑީޕީގެ ޗެއަރޕާސަން މަރުހަބާ ވިދާޅުވެއްޖެ

އިބްރާހީމް ރާމިޒް

ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީ އަލުން އިސްލާމިކް މިނިސްޓްރީ އާ ހަވާލުވެވަޑައިގެންނެވުމުން އެމްޑީޕީގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކު އެޕާޓީގެ މެންބަރުންގެ ނަމުގައި މިރޭ ޑރ. މަޖީދަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީ އިސްލާމިކް މިނިސްޓަރުކަން މީގެ ކުރިން ކުރައްވާފައިވަނީ ވެސް ވަރަށް ފަރުވާތެރިކަމާ ތެދުވެރިކަމާއެކު، ގައުމީ މަސްލަޙަތަށް އިސްކަން ދެއްވައިގެން ކަން ފާހަގަކުރައްވަމުން މޫސަ ވިދާޅުވީ އެފަދަ ބޭފުޅަކު އަލުން އިސްލާމިކް މިނިސްޓަރުކަމާ ޙަވާލުވެވަޑައިގެންނެވި ކަމީ އެމްޑީޕީން އެކަމާ ނުހަނު އުފާކުރާ ކަމެއް ކަމަށެވެ.

މޫސަ އިތުރަށް ވިދާޅުވީ ޑރ.ޢަބްދުލް މަޖީދު ޢަބްދުލް ބާރީ އަކީ އިސްލާމިކް މިނިސްޓަރު ކަމުގެ މަގާމް ފުރުއްވުމަށް މި ވަގުތު ރާއްޖޭގައި ހުންނެވި އެންމެ ޤާބިލް އެއް ބޭފުޅާ ކަމަށް އެމްޑީޕީން ދެކޭ ކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި ވެސް އެމަނިކުފާނުގެ އިޚްލާސްތެރި ޚިދުމަތް ކުރިޔެކޭ ވެސް އެއް ފަދައިން ނުވަތަ އެއަށްވުރެވެސް ފުޅާ ދާއިރާއެއްގައި، މިގައުމަށް ލިބިގެންދާނޭ ކަމަށް އުއްމީދުކުރައްވާ ކަމުގައި މޫސަ ވިދާޅުވިއެވެ.