މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ކަމަށް ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ އަލުން ޢައްޔަން ކުރައްވައި އެމަނިކުފާނަށް މަގާމުގެ ފަތްކޮޅު މިއަދު ދެއްވައިފި

hep-abdul-majeed

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ކަމުގެ މަގާމަށް ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ އަލުން ޢައްޔަން ކުރައްވައި އެމަނިކުފާނަށް މަގާމުގެ ފަތްކޮޅު މިއަދު ދެއްވައިފިއެވެ.

ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީއަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ކަމުގެ މަގާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ފަތްކޮޅު ދެއްވުމުގެ ކުރިން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފްގެ ކުރިފުޅުމަތީގައި، ވަޒީރުކަމުގެ ހުވާ، ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ ކުރައްވައި، ހުވައިގެ އިޤްރާރުގައި އެމަނިކުފާނު ސޮއިކުރެއްވިއެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ، މީގެކުރިންވެސް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ މަގާމުގައި ހުންނަވައިގެން އިޚްލާސްތެރިކަމާއި ފަރުވާތެރިކަމާ އެކުގައި ކޮށްދެއްވާފައިވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައިވެސް، އެފަދަ އިޚްލާސްތެރި ޚިދްމަތްތަކެއް ލިބިގެންދާނެ ކަމަށް އެދިވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.