ފުނަމާ
މިހާރަކަށް އައިސް ދިވެހިރާއްޖޭގެ ރައްޔިތުންނަށް ގާނޫނުއަސާސީން ލިބިދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ހިފަނީކަމުގައި ބުނެ މީޑިޔާގެ ދެޗެނެލެއް އުފައްދައިގެން އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައިއުޅޭ ބަޔަކު މާގިނައިން ދައްކާ އަޑުއިވޭ ވާހަކައަކީ މިހާރު އެމްޑީޕީގެ މެންބަރުން އެމްޑީޕީއާއި މިސަރުކާރާ ނުރުހިގެން ވަކިވެދާ ވާހަކައެވެ. މިސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދިގެން ސަރުކާރާ މެދު މާބޮޑަކަށް ހިންހަމަ ނުޖެހިގެން އުޅޭ ވާހަކައެވެ. އަދި މިގޮތުގައި ކުރިއަށްގޮސް 2013 ނިމޭއިރު އެމްޑީޕީއަށް ވެރިކަން ގެއްލި އެމްޑީޕީ މުޅީން ބައިބައިވެ ދާނެކަމުގައި މިދެންނެވި ޓީވީޗެނެލާއި ރޭޑިޔޯ ޗެނަލު ހިންގާ ބަޔަކު ކޮންމެ ދުވަހަކު އަރައި އެބަގޮވައި ނަގައެވެ. ތަފާތު އެކިއެކި ރިޕޯޓުތައް ހަދައިގެން ރައްޔިތުންނަށް ވަކިކަމެއްނެތި އޮޅުވާލަމުން ގެންދެވޭތޯ އެކުރަމުން ގެންދާ ބޭކާރު މަސައްކަތްތައް މިހާރު ރައްޔިތުންނަށްވެސް އެބައެނގެމުން ދެއެވެ.
ދުނިޔެއާއި ރާއްޖޭގެ ވެސް އިޤްތިޞާދު ފުންވަޅުގަނޑަކަށް ވެއްޓިފައިވާ ދަނޑިވަޅެއްގައި، މިސަރުކާރު އައިސް ސަރުކާރުގެ ވައުދުތައް ފުއްދުމުގައި މިހާތަނަށް ހޯދާފައިވާ ބޮޑެތި ކާމިޔާބުތަކަކީ މިފަދަ އިދިކީލި ، ހަސަދަވެރިކަމުން ފުރިފައިވާ މީހުންނަށް ނަފުސާނީގޮތުން ވަރަށްބޮޑު ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމަކަށް މިއަދު މިވަނީ ވެފައެވެ. އެހެންކަމުން ދެންހަމަ އެހެންގޮތެއް ނެތިގެން ( ރޭރުނުވާންވެގެން ) ކޮންމެވެސް މަސައްކަތެއް ކުރެވުނު ގޮތަކަށް އެގެންދަނީ ކުރަމުންނެވެ. އެމީހުންގެ ވާހަކައިގައި މިސަރުކާރުގެ އެއްވެސް ވައުދެއް މިހާތަނަށް ފުއްދައި ދެވިފައެއް ނުވެއެވެ.
މިމީހުންގެ ބަހުންނަމަ ބޯހިޔާވަހިކަމުގެ ވައުދުގެ ތެރެއިން ހަމައެންމެ ގެއެއް ، ފުލެޓެއްވެސް ކީއްކުރަން ވާރެއިން ހިޔާވާނެ ކުޑައެއް ފަދަވެސް މިސަރުކާރުން ރައްޔިތުންނަށް ފޯރުކޮށް ދެވިފައެއް ނުވެއެވެ. އަދި ފޯރުކޮށެއް ނުވެސް ދެވޭނެއެވެ. ދަތުރުފަތުރުގެ ނިޒާމުގެ ދަށުން ހަމައެއްކަމެއްވެސް އަދި ކުރެވެމަކުން ނުދެއެވެ. މަސްތުވާ ތަކެތި ބޭނުންކުރާ މިންވަރު ހަމަ ގުރާމަކުންވެސް މަދެއް ނުކުރެވެއެވެ. ސިއްހީ ޚިދުމަތް މުޅިރާއްޖެއިން މިހާރުވަނީ ނެތިގެން ގޮސްފައެވެ. މުދަލާއި ޚިދުމަތުގެ އަގުބޮޑުވެ ރައްޔިތުން ބަނޑަށްޖެހި ކުރީން މިރާއްޖެ ދެކެފައިވާ ފަދަ ބޮޑުތަދަށްވުރެ ތަދު ދުވަސްތަކެއް މިގައުމުގެ ރައްޔިތުންނާއި މިހާރު މިވަނީ ކުރިމަތިވެފައެވެ.
ވެދާނެއެވެ. މިގައުމުގެ އެތަކެއް ރަށުގައި މިސަރުކާރުން ފަށައިގެން އަޅާ ނިންމައި ހަވާލުކުރަމުން އެގެންދާ ފުލެޓުތަކާއި ރޯހައުސްތައް ފެންނާނީ ފެނުމުގެ ހިއްސު ސަލާމަތުންހުރި ބަޔަކަށްތާއެވެ. މީގެކުރީން ދެހާސް ތިންހާސް ރުފިޔާއިން ކުރި ބައެއް ދަތުރު މިއަދު އެންމެ ވިއްސަކަށް ފަންސާހަކަށް ރުފިޔާއިން ކުރެވެމުންދާކަން އެނގޭނީ ކުޅެދޭ ހާލެއްގައި މިނިޒާމުގެ ތެރެއިން ދަތުރުކޮށްލުމުގެ ގާބިލުކަން ހުރި މީހަކަށް ތާއެވެ. ކަމާބެހޭ ފަރާތްތަކުން މިއަދު މިގައުމުގައި މަސްތުވާ އެއްޗެތި ބޭނުންކުރާ މިންވަރު ކުރިޔާ ބަލާއިރު ދެބައިކުޅަ އެއްބަޔަށް މަދުވެފައިވާ ކަމުގައި ބުނެ ހާމަކުރާއިރު އެއަޑު އިވޭނީ ހަމަ އިވުމުގެ ހިއްސު ސަލާމަތުން ތިބިބަޔަކަށް ތާއެވެ.
ތެދެކެވެ. އަދި މިވީ ތިންއަހަރުގެ މަސައްކަތަށް ބަލާއިރު ސިއްހީ ޚިދުމަތް އެންމެ އެދެވޭ މިންވަރަކަށް ތަރައްގީ ކުރެވިފައި ނުވާކަމުގައި މިސަރުކާރުވެސް އެއްބަސް ވެއެވެ. ނަމަވެސް ރާއްޖޭގެ އެކިކަންކޮޅު ތަކުގައި މިއަދު ގާއިމު ކުރެވިފައިވާ ޓެލެމެޑިސިންގެ ޚިދުމަތްތަކާއި އަދި އަންނަ އަހަރުގެ ފެށުމާއެކު އެންމެހާ ދިވެހި ރައްޔިތުންނަށް ހެލްތު އިންޝުއަރެންސް ޕެކެޖެއް ސަރުކާރުން ދެއްވާން ކަނޑައެޅުއްވުމުން ދެން މިޚިދުމަތް ކުރިއަރައި ދާނެކަން ސިކުނޑިއެއް ހުރި މީހަކަށްނަމަ އެނގޭނެތާއެވެ. މިއަދު މުދަލުގެ އަގު އިންތިހާއަށް އަރުވައިގެން އަދި އިތުރަށް އެތަކެތިން ޖީއެސްޓީ ނަގަމުން އެގެންދާ ވިޔަފާރިވެރީން މާދަމާ އެއަގުގެ ތެރެއަށް އިތުރު ކޮށްގެން އެއުޅޭ އިންޕޯޓު ޑިއުޓީ ކަނޑާލުމުން ދެން މުދަލުގެ އަގަށް ވެގެންދާނެ ގޮތެއް ކިރިޔާވެސް ހިސާބުދަންނަ މީހަކަށް ވިއްޔާ އެނގޭނެ ދޯއެވެ.
ސަރުކާރުއައުމުގައި ވައުދުވެފައި ނުވިނަމަވެސް އެތަކެއް ރަށުގެ ބަނދަރު ހެދުމާއި ، ހިއްކުމާއި ، ނަރުދަމާއާއި ބޯފެނުގެ ޚިދުމަތް ގާއިމުކުރެވެމުން ދާކަމީ ހަގީގަތެކެވެ. ރަށްރަށުގެ މަގުހެދުމާއި މިނޫންވެސް އެތަކެއް ޚިދުމަތްތައް އެވަނީ ގާއިމު ކުރެވިފައެވެ. އަދިއެދަނީ ގާއިމު ކުރަމުންނެވެ. މިއިން އެއްވެސް ކަމެއް ނުފެންނަ ބަޔަކު މިގައުމުގައި އުޅެމުން ދާކަމީ އެނގޭ ކަމެކެވެ. ނަމަވެސް ނޭނގޭ ކަމަކީ އެފަދަ މީހުންގެ ހިއްސުތައް ސަލާމަތުން ހުރިތޯ ބެލިފައިވާ މިންވަރެވެ. އެހެންކަމުން ހިއްސުތައް ސަލާމަތުންނެތް މަދު ބަޔަކު ހަމައެކަނި ވެރިކަމުގައި ތިބިބަޔަކާއި ޒާތީވެގެން އަރުވާ އަޑުތައް އެކަނި އަޑުއަހައިގެން ގައުމު ކުރިއަށް ގެންދިއުމަކީ ވެވޭނެ ކަމެއް ނޫނެވެ. ވޭތުވެދިޔަ މުއްދަތުގައި މިސަރުކާރުން މިގައުމަށް ގެނެސްފައިވާ ބަދަލުތަކަކީ މީގެކުރީން ބަޔަކަށް ގަބޫލުކުރެވިފައި ނެތްފަދަ ހަލުވި ބަދަލުތަކެކެވެ. ގައުމަށް ފައިދާހުރި ބަދަލުތަކެކެވެ. މިބަދަލުތަކާއިއެކު މިކަންކަން ދަމަހައްޓައި ކުރިއަށް ގެންދިއުމަށް ބޭނުންވާ ބަދަލުތައް ސަރުކާރުން އެދަނީ ގެންނަމުންނެވެ. މިގައުމު ކުރިއަށް ގެންދެވޭނީ ގައުމަށްލިބޭ އާމްދަނީ އިތުރުކޮށް ބަޖެޓުގެ ޑެފިސިޓް ކުޑަކޮށްގެން ކަން މިސަރުކާރަށް އެނގެއެވެ. އެހެންނަމަވެސް ރައްޔިތުންގެ އުންމީދުތަކާއި އެއްވަރަށް ގައުމު ކުރިއަށް ގެންދާނީ ކޮންވަގުތެއްގައި ކަމާމެދު ކުރެވޭ ބަހުސްތަކުގެ އޮއިވަރުގައި ގައުމު ބުރެކިޖައްސައިގެން މިސަރުކާރުން އޮންނާކަށް ބޭނުމެއް ނޫނެވެ. އެހެންކަމުން ގައުމު ކުރިއަށްގެންދަމުން ގެންނާންވާ ބަދަލެއްވެސް އެދަނީ ގެންނަމުންނެވެ.
މިކަންދެކި ރައްޔިތުން އެމީހުންގެ ރުހުން މިސަރުކާރަށް އޮތްމިންވަރު އެދަނީ ދައްކައި ދެމުންނެވެ. ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި މިސަރުކާރު ބޮޑުބައްޔަކުން ބަލިވީ ކަމުގައި ހީކުރިނަމަވެސް މިއަދު އެކަންއޮތީ އެގޮތަކަށް ނޫނެވެ. ސަރުކާރުއެއޮތީ މެޖޯރިޓީއާއި އެކުގައެވެ. އެންމެ ނަވާރަހާސް މީހުންނާއިއެކު ވެރިކަމަށްއައި ޕާޓީގެ އަދަދު ބައިލައްކަ ހަމަކޮށް އެއްލައްކައާއި ދިމާލަށް އެވަނީ މިސްރާބު ޖަހާފައެވެ. ރަށްރަށުގެ ކައުންސިލު މެންބަރުންގެ އަދަދު މިހާރުއެދަނީ ބަދަލުވަމުންނެވެ. ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ އަދަދު މަދުވެ ބައިބައިވެ ނެތިދަނީއެވެ. ވީއިރު މިސަރުކާރުގެ ތާއީދު ކުޑަވަމުން ދާކަމުގައި ބަޔަކު އެދައްކާ ވާހަކަތައް ގަބޫލުކުރެވޭނީ ކޮންގޮތަކަށް ހެއްޔެވެ؟