އެމްޑީޕީގައި ދުވަސްވީ މެންބަރުންނާ އާ މެންބަރުންނާ ތަފާތުކުރުމެއް ނޯންނާނެ – އިބޫ

ޅ.ހިންނަވަރުން އިބްރާހީމް ރާމިޒް

އެމްޑީޕީގައި ދުވަސްވީ މެންބަރުންނާއި، އާ މެންބަރުންނާ ތަފާތުކުރުމެއް ނޯންނާނޭ ކަމަށާއި، އެޕާޓީގެ ތެރެއިން އެންމެ މަތީފަޑިއަށް ވާސިލްވުމުގެ ފުރުސަތު އެންމެ އާދައިގެ މީހާއަށް ވެސް ހުޅުވިފައިވާ ކަމަށް، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ޞޯލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.

ހިންނަވަރު ބަނދަރު ސަރަހައްދުގައި ރޭ ބޭއްވި “ހިންނަވަރު މެކުހަށް” ޖަލްސާ ގައި ވާހަކަފުޅުދައްކަވަމުން އިބޫ ވިދާޅުވީ ” މި ޕާޓިއަކީ ޑިމޮކްރެޓިކް ޕާޓީއެއް. ދުވަސްވީ މެންބަރުންނެކޭ ތަފާތުކުރުމެއް މި ޕާޓީގައި ނޯންނާނެ. މަގާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު އޮންނާނީ ހުޅުވިފަ. ކެރިވަޑައިގެން ކުރިމަތިލައްވަންވީ” ކަމަށެވެ.

ރޭގެ ޖަލްސާ ގައި ގިނަ އަދަދެއްގެ ބަޔަކު އެމްޑީޕީއާ އަލަށް ގުޅިފައިވާތީ އެކަން ފާހަގަކުރައްވަމުން އިބޫ ވިދާޅުވީ އެމްޑީޕީއާ މެނެބްރުން ގުޅެމުންދަނީ ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދެމުންދާތީ ސަރުކާރަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުވެގެންދާތީ ކަމަށެވެ. އަދި ހިންނަވަރުގެ ތައުލީމީ ދަރިންނާއި، އެކި ރޮނގުތަކުން ގާބިލް އެތައް ބޭފުޅުންނެއް އެމްޑީޕީއާ ރޭގެ ޖަލްސާގައި ގުޅިފައިވާތީ އެކަމަށް އިބޫ މަރުހަބާ ވިދާޅުވިއެވެ.

” މިރަށުގެ ތަޢުލީމީ ދަރިންނާއި، ޤާބިލް މަސައްކަތްތެރިން މިދަނީ އެމްޑީޕީއާ ގުޅެމުން. މޮހޮނާ، ކައްޕިއެއް ގޮތްޕެއް ހަމަވާ ވަރަށް މެންބަރުންނާ އެކު މިރޭ ސޮއި އެކުރައްވަނީ. ރައްޒާގު އާ ނާޒިމް، ރަށުގެ ތަޢުލީމީ 2 ދަރިން، އެއް ގޮތްޕެއް ވެސް ނޫން، 2 ގޮތްޕެއް ވެސް ނޫން، އެއަށްވުރެ ވެސް ގިނަ މެންބަރުންނާ އެކު މިރޭ އެ ސޮއިކުރައްވަނީ.” އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ކުރިން ހިންނަވަރުގައި އެމްޑިޕީގެ 913 މެންބަރުން ތިބި ނަމަވެސް ރޭ ސޮއިކުރި މީހުންނާ އެކު އެމްޑިޕީގެ 1200 އަށްވުރެ ގިނަ މެންބަރުން ރޭގެ ޖަލްސާ ނިމޭއިރު އެމްޑީޕީގައި ތިބޭނޭ ކަމަށާއި، އަދި ރެއިން ފެށިގެން އެމްޑިޕީގެ އެންމެ މެންބަރުން ގިނަ ދާއިރާއަކީ ހިންނަވަރު ދާއިރާ ކަމަށެވެ.

ރޭގެ ޖަލްސާ ގައި އިބޫ އިތުރަށް ވިދާޅުވީ އިދިކޮޅު ސިޔާސީ ފަރާތްތަކުން އަބަދުވެސް ދައްކަނީ ދެވަނަބުރެއްގެ ވާހަކަ ކަމަށާއި، އެމްޑީޕީން ދައްކަނީ މުޅިން ތަފާތު ވާހަކައެއް ކަމަށެވެ.

” އިދިކޮޅު ފަރާތްތައް ދައްކަނީ ދެވަނަ ބުރެއްގެ ވާހަކަ. އަޅުގަނޑުމެން މިދައްކަނީ އެހެން ވާހަކަ އެއް. އަޅުގަނޑަށް ޔަގީން ފުރަތަމަ ބުރުން އެމްޑީޕީއަށް ކާމިޔާބު ވާނެކަން” އިބޫ ވިދާޅުވިއެވެ