ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން ހުރީ ތެރެވަރީގެ ގައުމުތަކުގެ ތެރެއިން އެންމެ މަތީގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ރާއްޖޭގެ ސިޔާސީ ކުޅިބައި އެތުރިފައިވާ ގޮތް އެންމެ ރަގަޅަށް އެނގިވަޑައިގަންނަވާ ބޭފުޅަކީ ރައީސް ނަޝީދު – ނާޒިމް އިބްރާހީމް

ޅ.ހިންނަވަރުން އިބްރާހީމް ރާމިޒް

ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން މިހާރު ހުރީ ތެރެވަރީގެ ގައުމުތަކުގެ ތެރެއިން އެންމެ މަތީގައި ކަމަށް އެމްޑީޕީގެ އިސް ލީޑަރު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރޭ “ހިންނަވަރު މެކުހަށް” މި ނަމުގައި އެމްޑީޕީން ހިންނަވަރުގައި ބޭއްވި ޖަލްސާ އެއް ގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އުފެއްދުންތެރިކަން އެއް ދުވަހުން އަނެއް ދުވަހަށް ކުރިއަރަމުންދާ ކަމަށާއި، ޖީއެސްޓީގެ ސަބަބުން ދައުލަތަށް އިތުރު އާމްދަނީ ލިބި، ސަރުކާރުން ހިންގާ އެކި މަޝްރޫއުތަކުގެ ތެރެއިން އެ ފައިސާ އަނބުރާ ރައްޔިތުންނަށް ލިބިގެންދާނޭ ކަމަށެވެ.

ޖީއެސްޓީ ނެގުން އަވަސް ކަމަށް ބުނެ އިދިކޮޅު ސިޔާސީ ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ” އިދިކޮޅު ސިޔާސީ ފަރާތްތަކުން އަބަދުވެސް ދައްކަނީ ވަގުތު ނުޖެހޭ ވާހަކަ ކަމަށާއި، ޑިމޮކްރަސީ ގެންނަންވެސް ވެރިކަމުން ފައިބަން ވެސް، ވެރިކަން ބަދަލުކުރަން ވެސް ވަގުތު ނުޖެހޭ ވާހަކަދައްކަމުން ދަނިކޮށް ދިވެހިރައްޔިތުން އެ ވެރިކަން ވެސް ބަދަލުކޮށްފައިވާ” ކަމަަށެވެ.

އެމްޑީޕީއަށް ބޮޑު ތާޢީދެއް އޮންނަ ހިންނަވަރުގެ ގިނަ ބަޔަކު ހާޒިރުވި މި ޖަލްސާ ގައި ރައީސް އިތުރަށް ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ ކޮންކްރީޓް ތަރައްގީ ނޫން ކަމަށާއި، “ތަރައްޤީ އަކީ ރަށަށްވާ ކަމެއް ނޫން” ކަމަށެވެ.

“ރަށެއްގެ ތަރައްޤީގެ ނާރެހަކީ އެ ރަށެއްގެ މަދަރުސާ. އަޅުގަނޑުމެން މަސައްކަތް މިކުރަނީ ރަށަށް ދިރުން ހޯދަން. އެ ދިރުން ފުރަތަމަ އަންނަން މިޖެހެނީ މީހާއަށް، އެ މީހާއަށް ދިރުން އައިމާ، ދެންޢާއިލާއަށް، ރަށަށް، ގައުމަށް ދިރުން މި އަންނަނީ.” ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ހިންގާ އިންސާނީ ތަރައްގީގެ ޕްރޮގްރާމްތައް ކާމިޔާބުކަމާއެކު ކުރިޔަށްދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ހުނަރު ޕްރޮގްރާމް ނިމިގެންދާއިރު އެއްފަހަރާ 8500 މީހުންނަށް ވަޒީފާ ލިބިގެންދާނޭ ކަމުގެ ޔަގީންކަން ލިބިވަޑައިގެންފައިވާ ކަމަށާއި، ރިޔާސީ ކެމްޕެއިންގައި އެމަނިކުފާނު ބޭނުންފުޅުކުރެއްވި ޝިޢާރުކަމަށްވާ ” އަނެއް ދިވެހިރާއްޖެ- ތާހިރު ދިރިއުޅުން އެއީ ވާނޭ ކަމެއް” ކަމަށެވެ.

ދިވެހި ރައްޔިތުންނަށް ފާގަތި މުސްތަޤްބަލެއް ހޯދުމަށް ސަރުކާރުން ދުރުމުސްތަޤްބަލަށް އަމާޒުކޮށްގެން ފަށާފައިވާ އެއްވެސް ޕްރޮގްރާމަކަށް މަޑުޖެހުމެއް ނެތް ކަމަށާއި، އިދިކޮޅު ސިޔާސީ ފަރާތްތަކުން ” އަޅުގަނޑުމެންނާ އެކީ ހިފެހެއްޓެންޏާ ދަތުރަށް އަރަންވީ” ކަމަށް ރައީސް ވިދާޅުވިއެވެ.

ރޭ މިރަށު ބަނދަރު ސަރަހައްދުގައި ބޭއްވި މި ޖަލްސާގައި އެމްޑީޕީއާ އަލަށް ގުޅިވަޑައިގެންނެވި މިރަށުގެ ތައުލީމީ ދަރިއެއް ކަމަށްވާ ގައުމީ ޔުނިވަރސިޓީގެ ލެކްޗަރަރ ނާޒިމް އިބްރާހީމް ވެސް ވާހަކަދެއްކެވިއެވެ. މި ޖަލްސާ ގައި ނާޒިމް ރާއްޖެއިން ފެންނަނީ ސިޔާސީ ލީޑަރަކާއި ސިޔާސީ މެނޭޖަރުންތަކެއް ކަމަށާއި، ސިޔާސީ ލީޑަރަކީ ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ސިޔާސީ ކުޅިބައި އެތުރިފައިވާ ގޮތް އެންމެ ރަގަޅަށް އެނގިވަޑައިގަންނަވާ ބޭފުޅަކީ ރައީސް ނަޝީދު ކަމަށާއި، އެހެން ސިޔާސީ ލީޑަރުންނޭ ކިޔައިގެން އުޅުއްވާ ” ސިޔާސީ މެނޭޖަރުންނަކީ” ދުރަށް ވިސްނެވުމެއްނެތި ސިޔާސީ ކަންތައް މެނޭޖްކުރައްވާ ބޭފުޅުން ކަމަށެވެ.