ރައީސުލްޖުމްހޫރިއްޔާ ނޯދަން ޔޫޓިލިޓީޒް ލިމިޓެޑްގެ މައި އޮފީސް، ފެލިވަރުގައި ހުޅުއްވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ނޯދަން ޔޫޓިލިޓީޒް ލިމިޓެޑުގެ މައި އޮފީސް ފާދިއްޕޮޅު ފެލިވަރުގައި ހުޅުއްވައިދެއްވައިފިއެވެ. ބުރާސްފަތި ދުވަހު ހުޅުވި މި އޮފީހަކީ، ޔޫޓިލިޓީޒް ކުންފުނިތަކުގެ މައި އޮފީސްތައް މާލޭގައި ޤާއިމު ކުރެއްވުމުގެ ބަދަލުގައި، އެކުންފުންޏެއްގެ ޚިދުމަތްދޭ ސަރަޙައްދަކަށް ބަދަލުކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ދަށުން ބަދަލުކުރެވުނު ދެވަނަ އޮފީހެވެ.

ނޯދަން ޔޫޓިލިޓީޒް ލިމިޓެޑުގެ މައި އޮފީސް ފެލިވަރުގައި ހުޅުއްވައިދެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، މިގޮތަށް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ޔޫޓިލިޓީޒް ކުންފުނިތަކުގެ މައި އޮފީސްތައް ބަދަލުކުރެއްވުމުގެ ބޭނުންފުޅަކީ، އެކުންފުންޏެއްގެ ޚިދުމަތް ރައްދުވާ ރައްޔިތުންނާ، ވީއެންމެ ގާތުން ކުންފުނިތަކުގެ މަސައްކަތްކުރުން ކަމުގައި ރައިސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުން އުފައްދަވާފައިވާ 7 ޔޫޓިލިޓީޒް ކުންފުނިން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ކަރަންޓުގެ ޚިދުމަތް ފޯރުވައިދިނުމުގެ މަސައްކަތް ކުރިއަށްދަނީ ވަރަށް ރަނގަޅަށް ކަމުގައި ވިދާޅުވިއެވެ. އަދި ނޯދަން ޔުޓިލިޓީޒް ކުންފުނިން އުތުރު ޕްރޮވިންސްގެ ރަށްތަކަށް ފޯރުވައިދެމުން ގެންދާ ޚިދްމަތްތައް ފާހަގަކުރައްވަމުން، އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަނަށާއި، ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރަށާއި، އަދި ބޯޑު މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ބުރާސްފަތި ދުވަހު ފާދިއްޕޮޅަށް ފެށްޓެވި ދަތުރުފުޅުގައި، ނައިފަރަށް ވަޑައިގެން އެރަށު ކައުންސިލާ ބައްދަލުކުރައްވައި، އެރަށުގެ ތަރައްޤީއަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއި، ހިންގަވަމުން ގެންދަވާ މަޝްރޫޢުތަކާ ބެހޭގޮތުންވަނީ މަޝްވަރާކުރައްވާފައެވެ. އަދި ނައިފަރު މަދަރުސަތުލް އިފްތިތާޙަށާއި، ޅ. އަތޮޅު ހޮސްޕިޓަލަށާއި، ޅ. އަތޮޅު ކްލިނިކަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްކުރައްވައި އެ މުއައްސަސާތަކުގެ މަސައްކަތް ހިނގަމުންދާގޮތްވެސް ބައްލަވައިލެއްވިއެވެ.