އެމްޑީޕީ އުތުރު ޕްރޮވިންސް ސެކްރެޓޭރިއަޓްގެ ހިންގާ ގަވައިދު ފާސްކޮށްފި

އުތުރު ޕްރޮވިންސް މިނީ ކޮންގްރެސް ކާމިޔާބުކަމާއެކު ނިންމާލައިފި

ޅ.ފެލިވަރުން އިބްރާހީމް ރާމިޒް

dsc_19441

އެމްޑީޕީ އުތުރު ޕްރޮވިންސްގެ ހިންގާ ގަވައިދު މިއަދު ބޭއްވި އެ ޕްރޮވިންސްގެ “މިނީ ކޮންގްރެސް” ގައި ފާސްކޮށްފިއެވެ.
މިއަދު ފާސްކުރި މި ގަވައިދު ފާސްކޮށްފައިވަނީ އެމްޑީޕީ ސެކްރެޓޭރިއަޓުން ޑްރާފްޓްކޮށްފައިވާ ޕްރޮވިންސް ހިންގުމުގެ ގަވައިދު އަސްލަކަށް ބަލައިގެން އެ ގަވައިދަށް، “އުތުރު ޕްރޮވިންސް މިނީ ކޮންގްރެސް” އިން އެކުލަވާލި 5 މެންބަރުންގެ ކުޑަ ކޮމިޓީއަކުން ބައެއް ބަދަލު ގެނެސްގެންނެވެ.
މި ގަވައިދު ފާސްކުރުމާއެކު، މި ޕްރޮވިންސް ގައި ހިމެނޭ ދާއިރާތަކުގެ ހިންގާ ގަވައިދުތައް ގަވައިދުތައް އެ ދާއިރާ އަކުން ފާސްކޮށް މި އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް އުތުރު ޕްރޮވިންސް ސެކްރެޓޭރިއަޓަށް ހުށަހަޅަން ޖެހޭނޭ ކަމަށް ފާސްކޮށްފައިވާއިރު، މި ޕްރޮވިންސްގެ ގޮފިތައް ހިންގާ ގަވައިދު 31 ޑިސެމްބަރ 2011 ގެ ނިޔަލަށް މި ޕްރޮވިންސް ސެކްރެޓޭރިއަޓަށް ހުށަހެޅުމަށް ވަނީ ފާސްކޮށްފައެވެ.
” އުތުރު ޕްރޮވިންސް މިނީ ކޮންގްރެސް ” މިއަދު ހަވީރު ނިމިފައިވާއިރު، މި ކޮންގްރެސް އިން ވަރަށް މުހިންމު ނިންމުންތަކެއް ނިންމާފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން ޕްރޮވިންސް ހިންގާ ގަވައިދު ދެން އެންމެ އަވަހަށް އޮންނަ އެމްޑީޕީގެ ގައުމީ މަޖިލީހަކަށް ހުށަހެޅުމަށާއި، ޕްރޮވިންސްގެ މަޖިލިސް މެންބަރުން ނެތް ދާއިރާތަކުގެ ރޯލް ސަރުކާރުތެރޭގައި އިތުރަށް ފުޅާކޮށް، ގުޅުން ބަދަހިކުރެވޭނޭ ނިޒާމެއް ގާއިމްކުރުމަށް އެއްބަސްވުމާއި، ޕާޓީގެ ދާއިމީ ކޮމިޓީތަކަށް މެންބަރުން ހޮވުމުގެ ކަންތައް އަވަސްކުރުމަށް ގޮވާލުމާއި، ދާއިރާ ރައީސުންނާއި ޕްރޮވިންސްގެ މަޖިލިސް މެންބަރުން ގުޅިގެން މި ދާއިރާގައި ލާމަރުކަޒީ އުސޫލުން ކަންތައް ކުރެވޭނޭ ނިޒާމެއް ގާއިމްކުރުމަށް އެއްބަސްވެވުނެވެ.

މީގެ އިތުރުން ވެސް ޕާޓީގެ ރަސްމީ ވެބްސައިޓް ގައި އުތުރު ޕްރޮވިންސްގެ މަޢުލޫމާތު ފަސޭހައިން ބެލެނޭ ފަދަ ލިންކެއް ގާއިމްކޮށްދިނުމަށް އެމްޑީޕީގެ މައި ސެކްރެޓޭރިއަޓަށް ހުށަހެޅުމަށާއި، މި ޕްރޮވިންސް ގައި ހިމެނޭ ސަރުކާރުގެ ކުންފުނިތަކާއި، ސަރުކާރުގެ އިދާރާތަކުން ނިންމާ ނިންމުންތަކުގައި ޕާޓީގެ މަސްލަޙަތު ހިމެނޭ ކަންތައް ނިންމުމުގައި ދާއިރާތަކުގެ ރައީސުންގެ މަޝްވަރާ ހޯދުމަށް ގޮވާލުމުގެ އިތުރުން ގައުމީ މަޖިލީހުގެ ނިންމުންތަކަށް އަމަލުކުރުމަށް ޕާޓީގެ މައި ސެކްރެޓޭރިއަޓަށް ބާރުއެޅުމަށް ވެސް ނިންމާފައިވެއެވެ. އަދި ދާއިރާތައް ހިންގުމަށް އެމްޑީޕީން ފައިސާދޭ ދުވަހުން ފެށިގެން އެ ދާއިރާއަކަށް ނިސްބަތްވާ އެމްޑީޕީގެ މަޖިލިސް މެންބަރުންނާއި، އަތޮޅު ކައުންސިލަރުންނާއި، ރަށު ކައުންސިލަރުންގެ އަތުން ދާއިރާ ހިންގުމަށް ޗަންދާއެއް ނެގުމަށް ފެންނަ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅުމަށްވެސް މިއަދުގެ “މިނީ ކޮންގްރެސް” ގައި ވަނީ ފާސްކޮށްފައެވެ.
“އުތުރު ޕްރޮވިންސް މިނީ ކޮންގްރެސް” ކާމިޔާބުކަމާއެކު ނިމިގެން ދިޔަ އިރު، މި ކޮންގްރެސް އިން ޙާސިލްކުރަން ބޭނުންވި ނަތީޖާ ޙާސިލްކުރެވިފައިވާކަމަށް ކޮންގްރެސްގެ ގިނަ ބައިވެރިން ބުނެއެވެ.
މިއީ އެމްޑީޕީގެ 2 ވަނަ ކޮންގްރެސްގައި އެޕާޓީގެ އަސާސީ ގަވައިދު، އެމްޑީޕީގެ ހިންގުން ލާމަރުކަޒުކުރުމަށް ބާރުއަޅައި އިސްލާޙްކުރި ފަހުން ބޭއްވި މިފަދަ ފުރަތަމަ ކޮންގްރެސް އެވެ. އަދި މި ކޮންގްރެސް ނަމޫނާއަކަށް ބަލައިގެން އެހެން ޕްރޮވިންސްތަކުން ވެސް އެމްޑީޕީގެ މިފަދަ ޙަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށް އެ ޕާޓީގެ ޗެއަރޕާސަން މޫސާ މަނިކު ވަނީ އެމްޑީޕީގެ ޕްރޮވިންސް ރައީސުންނާއި ދާއިރާތަކުގެ ރައީސުންނަށް ގޮވާލައްވާފައެވެ.