ޅ.ފެލިވަރުން އިބްރާހީމް ރާމިޒް
2013 ކާމިޔާބުކުރުމަށް އެމްޑީޕީގެ ހިންގުން ލާމަރުކަޒުކުރުން ވަރަށް މުހިންމު ކަމުގައި އެމްޑީޕީ އުތުރު ޕްރޮވިންސްގެ ރައީސް ޢަލީ ނިޔާޒް (ނިޔާ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އިސް ލީޑަރު ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވި “އުތުރު ޕްރޮވިންސް މިނީ ކޮންގްރެސް” ގެ އިފްތިތާޙީ ޖަލްސާ ގައި ރޭ ޅ.ފެލިވަރު އެކުވެނީގައި ވާހަކަދައްކަވަމުން ނިޔާ ވިދާޅުވީ އެމްޑީޕީގެ 2 ވަނަ ކޮންގްރެސް އިން ވަރަށް ގިނަ ނިންމުންތަކެއް ނިންމާފައިވާ ކަމަށާއި،ލާމަރުކަޒީ އުސޫލުން އެމްޑީޕީ ހިންގުމަށް ކުރާ މަސައްކަތް ހަލުވިވުމަކީ އެ ޕާޓީގެ ކުރިއެރުމަށް ވަރަށް މުހިންމު ކަމެއް ކަމުގައި ނިޔާ ވިދާޅުވިއެވެ.
އެގޮތުން ޕްރޮވިންސް ހިންގާ ގަވައިދާއި، ދާއިރާ ހިންގާ ގަވައިދާއި، ގޮފިތައް ހިންގާ ގަވައިދު ވީހާވެސް އަވަހަށް ފާސްކުރުން މުހިންމު ކަމަށާއި، އެމްޑީޕީގެ ހަރަކާތްތައް އެންމެ ފުރިހަމަ ގޮތުގައި ހިނގައިގަތުމަށް އެންމެ ބޮޑަށް ބޭނުންވަނީ ގޮފިތަކަށް ސީދާ ބާރުލިބުން ކަމަށް ނިޔާ ވިދާޅުވިއެވެ.
މި ކޮންގްރެސް ބޭއްވެނީ އެމްޑީޕީ ސެކްރެޓޭރިއަޓްގެ ވަރަށް ބޮޑު އެއްބާރުލުމަކާއި އެކު ކަމަށާއި، އެ ކަމަށް ޓަކައި އެމްޑީޕީ ސެކްރެޓޭރިއަޓަށް ޝުކުރުއަދާކުރައްވާ ކަމަށް ނިޔާ ވިދާޅުވިއެވެ. ނިޔާ މި ގޮތަށް ވިދާޅުވެފައިވާ އިރު އެމްޑީޕީގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކުވެސް ވަނީ އެމްޑީޕީ އުތުރު ޕްރޮވިންސުން މިފަދަ ކޮންގްރެސް އެއް އިންތިޒާމްކޮށް ހިންގަމުން ދާތީ ނިޔާ އަށް ތަޢުރީފްކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.
މި ކޮންގްރެސްގެ މިއަދުގެ ހަވީރުގެ ސެޝަން މިހާރު ކުރިޔަށްދާއިރު، މިހާރު ބަހުސް ކުރެވެމުންދަނީ އެމްޑީޕީ ލާމަރުކަޒުކޮށް ހިންގުމަށް ހުރި ގޮންޖެހުންތައް ހައްލުކުރުމާއި ބެހޭ ގޮތުންނެވެ.