ޅ.ފެލިވަރުން އިބްރާހީމް ރާމިޒް
އުތުރު ޕްރޮވިންސްގައި މިހާރު ކުރިޔަށްގެންދާ މިނީ ކޮންގްރެސް ނަމޫނާ އަކަށް ބަލައިގެން އެހެން ޕްރޮވިންސްތަކުން ވެސް އެމްޑީޕީގެ އެފަދަ ޙަރަކާތްތައް ހިންގުމަށް އެމްޑީޕީގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކު އެދިވަޑައިގެންފިއެވެ.
ކޮންޒަވޭޓިވް ޕާޓީގެ އަހަރީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް އިނގިރޭސި ވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެވަޑައިގަތުމުގެ ދަތުރުފުޅުގައި ދުބާއީގައި ހުންނަވައިގެން އެމްޑީޕީ ވެބްސައިޓަށް މިއަދު ދެއްވި ބަސްދީގަތުމެއްގައި މޫސަ ވިދާޅުވީ އުތުރު ޕްރޮވިންސުން އިންތިޒާމްކޮށްގެން ބާއްވާ މިނީ ކޮންގްރެސްއަކީ ލާމަރުކަޒީ އުސޫލުން އެމްޑީޕީގެ ހިންގުން ހަރުދަނާކުރުމަށް އެމަނިކުފާނު ފައްޓަވާފައިވާ މަސައްކަތަށް އިތުރުކުރިއެރުން ލިބިގެންދާނޭ ވަރަށް މުހިންމު ކޮންގްރެސް އެއް ކަމަށާއި، އެ ކޮންގްރެސް ކާމިޔާބުކަމާއެކު ނިމިގެން ދިއުމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި މިފަދަ ކޮންގްރެސް އެއް އިންތިޒާމްކޮށްދެއްވިތީ އެމްޑީޕީ އުތުރު ޕްރޮވިންސްގެ ރައީސް ޢަލީ ނިޔާޒަށް މޫސަ ވަރަށް ބޮޑަށް ޝުކުރުއަދާކުރެއްވިއެވެ.
“އުތުރު ޕްރޮވިންސްގެ ކޮންގްރެސް ކާމިޔާބުވުމަކީ އަޅުގަނޑު ވަރަށް ބޮޑަށް އެދޭކަމެއް. އަދި މި ޕްރޮވިންސްގެ ފަރާތުން މި ބާއްވާ ކޮންގްރެސްގެ ސަބަބުން އެހެން ޕްރޮވިންސްތަކުން ވެސް މިފަދަ ބޮޑެތި ޙަރަކާތްތައް ރާވައި ހިންގާނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން. އަޅުގަނޑު ވަރަށް ބޮޑަށް އެދެން މި ކޮންގްރެސް ނަމޫނާއަކަށް ބަލައިގެން މިފަދަ ޙަރަކާތްތައް އެހެން ޕްރޮވިންސްތަކުން ވެސް ކުރިޔަށް ގެންދިއުމަށް. އަދި މި ކޮންގްރެސް އަކީ އަޅުގަނޑު އެމްޑީޕީގެ ޗެއަރ އާ ހަވާލުވުމަށްފަހު އެމްޑީޕީގެ ހިންގުން ލާމަރުކަޒުކުރުމަށް ފަށާފައިވާ މަސައްކަތަށް އިތުރު ކުރިއެރުން ލިބިގެންދާނެ ކަމެއް.” މޫސަ ވިދާޅުވިއެވެ. ” މި ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތަށް އެމްޑީޕީގެ އެންމެ އިސްލީޑަރު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އާއި މަޖިލީހުގެ ބައެއް މެންބަރުންނާއި، ބައެއް ވަޒީރުން ވަޑައިގެންނެވީތީ އެކަމާ އަޅުގަނޑު ވަރަށް އުފާކުރަން”.
އެމްޑީޕީގެ ޗެއަރޕާސަންކަމާ މޫސަ ހަވާލުވެވަޑައިގެންނެވި ފަހުން އެމަނިކުފާނު ވަނީ އެ ޕާޓީ ލާމަރުކަޒީ އުސޫލުން ހިންގެވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެ ގޮތުން ހއ.ދިއްދޫ އާއި، ހދ.ކުޅުދުއްފުއްޓާއި، ލ.ގަމުގައި މޫސަ ވަނީ އެމްޑީޕީ ލާމަރުކަޒުކޮށް ހިންގުމާ ބެހޭ ގޮތުން މަސައްކަތު ބައްދަލުވުން ބާއްވާފައެވެ. އޭގެ އިތުރުން މިދިޔަ ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެމްޑީޕީގެ އިދާރީ ޑެސްކް ބެހެއްޓުމުގެ މަސައްކަތް ވަނީ ކުރައްވާފައެވެ.
އުތުރު ޕްރޮވިންސްގައި ކުރިޔަށް މިދާ މިނީ ކޮންގްރެސް އަކީ ވެސް އެމްޑީޕީ ސެކްރެޓޭރިއަޓްގެ ވަރަށް ބޮޑު އެހީތެރިކަމާއެކު ކުރިޔަށް ގެންދާ ކޮންގްރެސް އެކެވެ. އަދި އެކަން ފާހަގަކޮށް އެމްޑީޕީ އުތުރު ޕްރޮވިންސްގެ ރައީސް އަލީ ނިޔާޒް ވެސް ވަނީ އެމްޑީޕީ ސެކްރެޓޭރިއަޓަށް ވަރަށް ބޮޑަށް ޝުކުރއަދާކުރައްވާފައެވެ.