އެމެރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

އެމެރިކާ ސަރުކާރުގެ އެހީގެ ދަށުން ހއ. ދިއްދޫގަޔާއި ޅ. ހިންނަވަރުގައި ބޯފެން ފޯރުވައިދިނުމުގެ މަޝްރޫޢެއް ހިންގުމަށް ހަމަޖެހިއްޖެ

hep-us-ambassador

އެމެރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޕެޓްރީޝިއާ ބުޓެނިސް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
އިއްޔެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި އެމެރިކާއާ ދެޤައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމާބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
އިޙްތިރާމްގެ ޒިޔާރަތަށްފަހު ރައީސުލްޖުމްހޫރިއްޔާއާއި އެމެރިކާ ސަފީރު، ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުވުމުގައި، އެމެރިކާ ސަފީރު ވާހަކަފުޅު ދައްކަވަމުން، އެމެރިކާ ސަރުކާރުގެ އެހީގެ ދަށުން ރާއްޖޭގައި ސާފު ބޯފެން ފޯރުވައިދިނުމުގެ މަޝްރޫޢެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަން ހާމަކުރެއްވިއެވެ. މިގޮތުން، ކަނޑުގެ ލޮނު ބޭނުންކޮށްގެން، ހއ. ދިއްދޫގަޔާއި ޅ. ހިންނަވަރުގައި ބޯފެން އުފެއްދުމުގެ ނިޒާމެއް ޤާއިމް ކުރުމަށް ހަމަޖެހިފައިވާ ކަމުގައި ވިދާޅުވެ، މި މަޝްރޫޢާބެހޭ މަޢްލޫމާތު ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމެރިކާ ސަރުކާރުން ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުންނަށް ސާފު ބޯފެން ލިބުމުގެ ނިޒާމެއް ޤާއިމުކޮށްދެއްވާ ކަމަށްޓަކައި އެމެރިކާ ސަފީރަށް ވަރަށް ޚާއްޞަ ގޮތެއްގައި ޝުކުރު އަދާކުރެއްވިއެވެ. އަދި އެމެރިކާ ސަރުކާރުން ރާއްޖެއާ ދޭތެރޭ އަބަދުވެސް ބަހައްޓަވާ ގާތް ގުޅުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
އެމެރިކާ ސަރުކާރުގެ އެހީގެ ދަށުން ހއ. ދިއްދޫގަޔާއި ޅ. ހިންނަވަރުގައި ޤާއިމް ކުރުމަށް ހަމަޖެހިފައިމިވާ ބޯފެން ފޯރުވައިދިނުމުގެ މަޝްރޫޢަކީ، 7.5 މިލިއަން ޑޮލަރުގެ މަޝްރޫޢެކެވެ.