މެންބަރުންގެ ޚިޔާލު: ޑިމޮކްރަސީ އަކީ ބަޔަކު ބޭނުންވާ ކޮންމެކަމެއް ކުރުމެއްނޫނެވެ.

ފަހަލަ

ޑިމޮކްރަސީ އަކީ ބަޔަކު ބޭނުންވާ ކޮންމެކަމެއް ކުރުމެއްނޫނެވެ. އިންސާނުންގެ މެދުގައި ގާއިމްކުރެވޭ ޢަހުދުނާމާތައް ރޫޅާލުމަށްވެސް ވަކިހަމަތަކަކާ ވަކިއުޞޫލުތަކެއް އިސްލާމްދީނުގައި ހުރެއެވެ.
ޣައިރުމުސްލިމުންނަކީ މުސްލިމުންގެ ދުޝްމަނުންކަމުގައި ބެލެވިދާނެއެވެ. ނަމަވެސް މުސްލިމުންނަކީ ޣައިރު މުސްލިމުންގެ ދުޝްމަނުންނެއް ނޫނެވެ. އަދި އަޅުގަނޑުމެންގެ ރަސޫލާ ވެސް ޣައިރުމުސްލިމުންނަށް ހެޔޮކޮށް ކަންތައް ކުރެއްވިކަން އެންމެބޮޑަށް އެނގޭބަޔަކު މިކަހަލަ ދުނިޔެވީ ހަމަތަކާ އިންޞާފަށް ނުބަލާ އެބަޔަކު ހިތުހުރިގޮތަކަށް ކަންކަން ނިންމީމާވެސް ބުނަންވީ އެއީ ވަރަށް ޑިމޮކްރެޓިކް ނިންމުމެއްކަމުގައި ހެއްޔެވެ.
މިދުނިޔެއަކީ މުސްލިމުންއެކަނި ދިރިއުޅޭ ދުނިޔެއެއް ނޫނެވެ. މިހާރު ދުނިޔޭގައި އުޅޭ ކޮންމެބަޔަކަށްވެސް ކޮންމެތަނަކަށް ދެވޭނެއެވެ. ވައިގެމަގުން ވިއަސް ކަނޑުމަގުން ވިއަސް އަދި ފަތާފައިވިއަސް ދެވެންޖެހޭނެއެވެ. ރަސޫލު ޒަމާނުގައިވެސް އަހުލު ކިތާބީން ރަސޫލާ އަރިހަށް ގޮސް އުޅުނެވެ. އެބައިމީހުން ތަޅާ މަރާލާކަށް ނުވަތަ މަގުބަންދު ކުރާކަށް ނަބިއްޔާ އަންގަވާފައި ނުވާއިރު އިޒްރޭލަކީ ޔަހޫދީ ގައުމަކަށް ވާތީ އެގައުމުގައި ތިބި މުސްލިމުން ވެސް ތިބެންވީ ރަށުބަންދުގައި ހެއްޔެވެ. މީކޮންކަހަލަ ވާހަކައެއް ހެއްޔެވެ. ބޭރުން އިސްލާމީ ހެދުންއަޅައިގެން ތިއްބަސް އެފަދަމީހުންނަކީ އެތެރެ އިސްލާމް ވެފައިވާ ބައެއްކަމަކަށް މިފެންނަ މަންޒަރުތަކުން ކަށަވަރެއްނުވެއެވެ.

ޢަދާލަތުޕާޓީއިން އެމްޑީޕީ އާއެކު ވެފައިވާ އެއްބަސްވުން ރޫޅާލީ އެޕާޓީގެ ގައުމީ މަޖްލިސްގެ އަޣްލަބިއްޔަތުން ކަން ގަބޫލު ނުކުރާކަށް އަޅުގަނޑެއް ނުއުޅެމެވެ. ނަމަވެސް އެނިންންމުން މާ ޑިމޮކްރަސީ ވެގެން ބަޔަކު އެއުޅޭތީ ބަޔަކާއެކު އެއްބަސް ވުމެއްގައި ސޮއިކުރުމަށްފަހު ގެއަށް ގޮސް އަންހެނުން ބުނީމާ އެ އެއްބަސްވުން ރޫޅާލައިފީމޭ ރައްޔިތުންގެ ގާތުގައި ބުނަން ލަދު ނުގަތީ ތީ އެފަދަ މީހުންނަކީ ދަންނަބޭކަލުންނޭ ބުނަން އަޅުގަނޑު ލަދުގަނެއެވެ. ބަޔަކު ހައްދުފަހަނަ އަޅާފައިވާ ހަރުކަށި ލާދީނީ މީހުން ކަންކުރާގޮތަށް ކަންތައް ނިންމާފައި މިއީ އަޣްލަބިއްޔަތުން ނިންމި ވަރަށް ޑިމޮކްރެޓިކް ނިންމުމެކޭ ބުންޏަސް އެވާހަކަ ގަބޫލު ކުރާނީ ސިކުނޑި މޮޔަމީހުންކަން ޔަގީނެވެ. އިޒްރޭލު މީހުން މިރާއްޖެ އަންނަނީ އަލަކަށެއްނޫނެވެ. މިހާރުވެސް އަހަރަކު ފަނަރަސަތޭކައެއްހާ އިޒްރޭލީން މިރާއްޖެއަށް ޒިޔާރަތް ކުރެއެވެ. ތަފާތަކީ އެގައުމުގެ ރައްޔިތެއްގެ އަމިއްލަ އެއަރލައިނެއްގައި އެންމެނަށް އެނގިގެން އައުމެވެ. މައުމޫނީ ވިސްނުން ހުންނަ މިކަހަލަ ދަންނަބޭކަލުންނަށް މައުމޫނު އެހެދީ ހަމަރަނގަޅަށޭވެސް މިހާރު ބަޔަކު ބުނެފާނެއެވެ. ދަންނަބޭކަލުންގެ އަގު ދަންނަބޭކަލުން ވައްޓާލީމާ އެއަގު ރައްޔިތުން ނުހިފަހައްޓާނެއެވެ.
ދަންނަބޭކަލުން ވާންޖެހޭނީ ނަމޫނާ ބަޔަކަށެވެ. ދަންނަބޭކަލުންގެ ކޮމެޓީތަކުން ކަންކަން ނިންމަން ވާނީ އިސްލާމްދީނުގެ މަތިވެރި އުޞޫލްތަކާ ހަމަތަކަށް ބައްލަވައިގެންނެވެ. އިޒްރޭލުގެ މަތިންދާ ބޯޓެއް ރާއްޖެ އައުމެކޭ އެމެރިކާގެ މަތިންދާ ބޯޓެއް ރާއްޖެ އައުމެކޭ އޮތީ ކޮންތަފާތެއް ތޯއެވެ. އެމެރިކާ އަކީ އިޒްރޭލަށް އެންމެވާގިވެރިވާ ޒަޔަނިސްޓުންގެ މުއްލާއެވެ. އިސްލާމީ ރިވެތި ހެދުން ލައިގެން ޚުދުމުޚުތާރު އަމިއްލަ ގޮތްތަކަށް ކަންކަން ނިންމާ މީހުންނަށް ކިޔާ އެހެންނަމެއް އޮވެއެވެ. އެނަމަކީ މުނާފިގް މިނަމެވެ. ވީމާ މިސަރުކާރު އެފަދަ ބައެއްގެ ވަކިތަކުން ސަލާމަތް ވީތީ ﷲ އަށް ޙަމްދު ކުރަމެވެ. ކާމިޔާބާއި ނަޞްރު ލިބޭނީ ޙައްގުގައި ތިބިބަޔަކަށެވެ.