ދިވެހިރާއްޖޭގެ އިޤްތިޞާދީ މާލީ ސިޔާސަތުގެ ނާރެސް އަދި ރައްޔިތުންނަށް ވިޔަފާރީގައި ބައިވެރިވުމުގެ ފުރްޞަތުތަށް ހުޅުވާލަދެނީ ޙިއްޞާގެ މާރުކޭޓް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

hep-dhiraagu

ދިވެހިރާއްޖޭގެ އިޤްތިޞާދީ، މާލީ ސިޔާސަތުގެ ނާރެސް އަދި ރައްޔިތުންނަށް ވިޔަފާރީގައި ބައިވެރިވުމުގެ ފުރްޞަތުތަށް ހުޅުވާލަދެނީ، ޙިއްޞާގެ މާރުކޭޓް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދިރާގުގެ ޙިއްޞާ ޢާންމުކޮށް ވިއްކުން އިފްތިތާޙު ކޮށްދެއްވުމަށްޓަކައި، ރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ވިޔަފާރީގެ އުޞޫލުން ހިންގޭ ކަންކަން ފާހަގަކޮށް، އެކަންކަން ހަމައެކަނި ވިޔަފާރީގެ އުޞޫލުން ހިންގުމަށް ބާރުއެޅުމަކީ، މިސަރުކާރުގެ ސިޔާސަތެއް ކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރުން ވިޔަފާރިކުރުން ހުއްޓާލައި، ވިޔަފާރިއާ ދުރުވުމަށް ކަނޑައެޅިފައިވާ ސިޔާސަތުގެ ޙަޤީޤީ އެންމެބޮޑު ރަމްޒަކީ، ދިރާގުގެ ސަރުކާރުގެ 48 އިންސައްތަ ޙިއްޞާގެ ތެރެއިން 15 އިންސައްތަ ޙިއްޞާ، ސަރުކާރުން ޢާންމު ރައްޔިތުންނަށް ބަދަލުކުރުން ކަމުގައި ވިދާޅުވިއެވެ. މިގޮތުން، ވިޔަފާރިއަކީ ފައިދާއަށް ހިންގާ ކަމެއް ކަމަށާއި، ސަރުކާރު ހިންގަނީ އާންމު މަޞްލަޙަތަށާއި މުޖްތަމަޢަށާއި، ކުރާ ޚިދްމަތެއްގެ ގޮތުގައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރުން ވިޔަފާރިއާ ދުރުވުމަކީ، ސަރުކާރުގެ އިޤްތިޞާދީ ނިޒާމު ބަދަލުވެގެންދާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ސަރުކާރު ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި، ވިޔަފާރިކުރާ އަމިއްލަ ފަރާތްތަކުގެ އާމްދަނީއިން އެފަރާތްތަކުން ސަރުކާރަށް ޓެކްސެއް ދެއްވުމާއި އަދި މުދަލާއި ޚިދުމަތުން ވިއްކާ ތަކެތިން ސަރުކާރަށް ޓެކްސް ދެއްވަންޖެހޭ ކަމުގައި ވިދާޅުވިއެވެ. އަދި ދަރަނިވެރިވުމުން ސަލާމަތްވެ، ދެމެހެއްޓިނިވި ތަރައްޤީ ހޯދުމައްޓަކައި، ދިވެހި ދައުލަތާއި ދިވެހި ރައްޔިތުން މަސައްކަތްތަކެއް ކުރަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބަޔާންކުރެއްވިއެވެ. މިރޮނގުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ޙިއްޞާގެ ބާޒާރަކީ އަމިއްލަ ވިޔަފާރި ކުރުމަށްޓަކައި، އެކުންފުނިތަކަށާއި ފައިސާ ހޯދުމަށާއި، އަމިއްލަ ފަރުދުންނަށް ވިޔަފާރިއެއްގައި ބައިވެރިވުމަށް ލިބޭ ފުރްޞަތެއް ކަމުގައި ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ މުވާޞަލާތީ ގުޅުން ތަރައްޤީ ކުރުމުގެ އެންމެބޮޑު އެއް ބައިވެރިޔަކީ، ދިރާގު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ މުވާޞަލާތީ ޚިދްމަތް، މިއަދު މިއޮތް މިންވަރަށް ތަރައްޤީކުރުމުގައި، ދިރާގާއި ކޭބަލް އެންޑް ވަޔަރލަސްގެ ދައުރަށްވެސް ތަޢުރީފްކުރައްވައި، ދިރާގުގެ މުވައްޒަފުންނަށާއި، އެކުންފުންޏާ ގުޅިފައިވާ ހުރިހާ ފަރާތްތަކަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.
ދިރާގުގެ ޙިއްޞާ އާންމުކޮށް ވިއްކުން އިފްތިތާޙް ކުރުމަށްޓަކައި ބޭއްވުނު މި ޙަފްލާގައި، ޙިއްޞާ ބަޔާން ނެރެދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.
ރާއްޖޭގެ ވިޔަފާރި ކުންފުނިތަކުގެ ތެރެއިން އެންމެބޮޑު ފައިދާއެއްވަމުންދާ ކުންފުނި ކަމުގައިވާ ދިރާގުގެ 11,400,000 (އެގާރަ މިލިއަން ހަތަރުލައްކަ) ރުފިޔާގެ ޙިއްޞާ، ޢާންމުންނަށް ވިއްކަން ހުޅުވާލާނެ ކަމަށްއެކުންފުނިން ރޭ އިޢްލާނު ކުރެއްވިއެވެ. ދިރާގުން ހާމަކުރެއްވި ގޮތުގައި، ޙިއްޞާ ވިއްކާނީ -/80 ރުފިޔާއަށް ޙިއްޞާއެއްގެ ރޭޓުންކަމަށެވެ. އަދި ކޮންމެ މީހަކަށްވެސް ޙިއްޞާ ގަނެވޭނެ ކަމަށާއި، މީހަކަށް ވަކިޢަދަދަކަށް ޙިއްޞާ ވިއްކަން ހަމަޖެހިފައި ނުވާ ކަމަށެވެ.