އެނަރޖީ ޕްލަސް ޕާޓްނަރޝިޕް ޑިކްލަރޭޝަންގައި ރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި

cabinet

އެނަރޖީ ފޯ އޯލް-ފައިނޭންސިންގ އެކްސެސް ފޯ ދަ ޕުއަރގެ ނަމުގައި ނޯވޭގެ އޮސްލޯގައި މިމަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮންފަރެންސްގައި، އެނަރޖީ ޕްލަސް ޕާޓްނަރޝިޕް ޑިކްލަރޭޝަންގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.

އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން މިކަމާ ބެހޭގޮތުން ހުށަހަޅާފައިވާ ކަރުދާހެއްގެ މައްޗަށް މެންބަރުން މަޝްވަރާ ކުރުމަށްފަހު، އެނަރޖީ ޕްލަސް ޕާޓްނަރޝިޕްގައި ބައިވެރިވުމުން، ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދޭ ހަކަތައިގެ ޚިދްމަތްތައް ލިބެންހުރި މިންވަރު އިތުރުކުރުމަށާއި، ޖައްވަށް ބޭރުވާ ވިހަ ގޭހުގެ ޢަދަދު މަދުކުރުމަށް، ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކަށް، މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ރާއްޖެއިން އެހީތެރިކަން ފޯރުކޮށްދެވޭނެކަން މެންބަރުން ފާހަގަކުރެއްވިއެވެ. އަދި އެނަރޖީ ޕާޓްނަރޝިޕްގެ ދަށުން، ހަކަތަ ބޭނުންކުރާ މިންވަރު މަދުކުރުމަށާއި، އިޢާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ލިބެންހުރި މިންވަރު އިތުރުކުރުމަށް ކުރިއަށް ގެންދާ ޙަރަކާތްތައް، އިތުރަށް ތަރައްޤީ ކުރުމުގެ މައްޗަށްވެސް މިއަދުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވިއެވެ.

ވަޒީރުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި، މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްއިން ހުށަހެޅުއްވި “ސްޕޯޓްސް ފޯ އޯލް-ސޮލިއުޝަންސް ފޯރ މާލެ (އެންޑް ބިޔޯންޑް)” މި ޝިޢާރުގެ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ނޭޝަނަލް ސްޕޯޓްސް ޕާކްގެ ގޮތުގައި ތަރައްޤީ ކުރުމަށް ކަނޑައަޅުއްވާފައިވާ ސަރަޙައްދުތައް ތަރައްޤީ ކުރުމަށް ކުރަންޖެހޭނެ މަސައްކަތްތަކުގެ މައްޗަށްވެސް މެންބަރުން ވާހަކަފުޅު ދެއްކެވިއެވެ. އަދި މިމަޝްރޫޢާބެހޭ މަޢްލޫމާތު، މާލޭސިޓީ ކައުންސިލަށް ދެއްވަމުން ގެންދެވުމަށްވެސް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ނިންމެވިއެވެ.