މަތި އުތުރު ޕްރޮވިންސްގެ ހިންގާ ގަވައިދު ބޮޑު ތިލަދުންމަތި މަޖިލިސް އިން މިއަދު ފާސްކޮށްފި

އިބްރާހީމް ރާމިޒް

މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ބޮޑު ތިލަދުންމަތި މަޖިލިސް ޖަލްސާގެ ތެރެއިން ..
މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ބޮޑު ތިލަދުންމަތި މަޖިލިސް ޖަލްސާގެ ތެރެއިން ..

މަތި އުތުރު ޕްރޮވިންސްގެ ހިންގާ ގަވައިދު ބޮޑު ތިލަދުންމަތި މަޖިލިސް އިން މިއަދު ފާސްކޮށްފިއެވެ.

މިއަދު މެންދުރުފަހު އެމްޑިޕީ އޮފީހުގައި ބޭއްވި އެ މަޖިލިސްގެ ބައްދަލުވުމެއްގައި، ފާސްކޮށްފައިވާ މި ގަވައިދުގައިވާ ގޮތުން މަތި އުތުރު ޕްރޮވިންސްގައި ހިމެނޭ ދާއިރާގެ ރައީސުންނާއި، މަޖިލިސް މެންބަރުން ހިމެނޭ މި މަޖިލިސްގެ ނަމަކީ “ބޮޑު ތލަދުންމަތި މަޖިލިސް” އެވެ.

އަދި މި ގަވައިދުގައިވާ ގޮތުން ޕްރޮވިންސްގެ ގައުމީ ޖަލްސާ (މިނީ ކޮންގްރެސް) ޕާޓީގެ މައި ކޮންގްރެސް ބޭއްވުމުގެ އެއް މަސް ދުވަސް ކުރިން ބާއްވަންޖެހެއެވެ.އަދި ޕްރޮވިންސްގެ ހިންގާ ކޮމިޓީ އެކުލަވާ ލަންޖެހޭނީ އެ ޕްރޮވިންސްގައި ހިމެނޭ ހއ.، ހދ. ށ. މި 3 އަތޮޅުގެ މަޖިލިސް މެންބަރުންނާއި، ދާއިރާގެ ރައީސުންނަށް ހަމަހަމަ ފުރުސަތު ލިބޭ ގޮތަށެވެ.

މިއަދު ފާސްކުރެވުނު ޕްރޮވިންސްގެ ގަވައިދަށް ރުހުން ހޯދުމަށްޓަކައި އެންމެ އަވަހަށް ބޭއްވޭ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ އަށް ހުށަހަޅުއްވާނޭ ކަމަށް މަތިއުތުރު ޕްރޮވިންސްގެ ރައީސް އާދަމް ނަސީރު (އެޑަމް) މިއަދު ވިދާޅުވިއެވެ. އަދި މި ގަވައިދު ހެދުމަށްފަހު ޕްރޮވިންސްގެ ހުރިހާ މެންބަރުން ވެސް އަދި ޕްރޮވިންސަށް ނިސްބަތްވާ މަޖިލިސް މެންބަރުންނާއި ކައުންސިލަރުން ވެސް ޕާޓީ ބިނާކުރުމަށްޓަކައި އާހިއްވަރަކާއެކު މަސައްކަތްކުރެއްވުމަށް އެޑަމް ގޮވާލެއްވިއެވެ.

މި ގަވައިދު ފާސްވީ ޖަލްސާ ގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުންނެވެ.