ހުނަރު ޕްރޮގްރާމަށް ބައިވެރިން ހޯދުމުގެ މަސައްކަތް އެމްޑީޕީ އަންހެނުންގެ ރޫހުން ކޮށްފި

އިބްރާހީމް ރާމިޒް

ހުނަރު ޕްރޮގްރާމްގައި 8500 މީހުންނަށް ވަޒީފާގެފުރުސަތު ތަނަވަސް ކުރުމުގެ ގޮތުން ސަރުކާރުން ހުޅުވާލެއްވި މިފުރުސަތުގައި އެޕްރޮގްރާމް އަށް މީހުން ހޯދުމުގެ ގޮތުން އެމް.ޑީ.ޕީ އަންހެނުންގެ ރޫހުން އިސްނަގައިގެން މާލޭގެ އަވަށްތަކަށް އެ ރޫޙުގެ މެންބަރުން ޒިޔާރަތްކޮށް، ހުނަރު ޕްރޮގްރާމަށް މީހުން ހޯދުމުގެ މަސައްކަތްކޮށްފިއެވެ.
މިގޮތުން މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި އަންހެންގެ ރޫޙްގެ ފަރާތުން 15 ސެޕްޓެމްބަރ 2011 އިން 2 އޮކަޓޯބަރ 2011 އަށް ހިންގި ޕްރޮގްރާމްގައި ޖުމްްލަ 45 އަންހެން މެންބަރުން ޙަރަކާތްތެރިވި ކަމަށާއި، އަދި އެ މެންބަރުން ކުރި މަސައްކަތުން ހުނަރު ޕްރޮގްރާމްގެ 336 ފޯރމް ފުރުމަށް ފަހު ސަރުކާރާ ޙަވާލުކުރައްވާފައިވާ ކަމަށް އެމްޑީޕީ ވެބްސައިޓަށް މަޢުލޫމާތުދެއްވަމުން އެ ޕާޓީގެ އަންހެނުންގެ ރޫޙުގެ ރައީސާ ޝިޔާމާ އަޙުމަދު ވިދާޅުވިއެވެ. އަދި މި މަސައްކަތް ވިލަރެސްކޮށް ހިންގުމުގައި އެންމެ އިސްރޯލެއް އަދާކުރައްވާފައިވަނީ ރޫޙްގެ މެންބަރ އަދި އެމްޑީޕީގެ ކުރީގެ އަމީންއާންމު ޢައިޝަތު އާނިޔާކަން ވެސް ޝިޔާމާ ފާހަގކުރެއްވިއެވެ.
” އަންހެނުންގެ ފަރާތުން މި މަސައްކަތުގައި ލިބިގެން ދިޔަ އިތުރު މަޢުލޫމާތުތަށްވެސް ވަނީ ފާހަގަކޮށް މިއަށްވުރެ އިތުރަށް މި މަސައްކަތް ފުޅާ ކުރުމަށްޓަކައި އެ އެއިޝޫސް ތަށް ފާހަގަކޮށްފަ. މިފަދަ މަސައްކަތްތަކުގައި އަންހެން މެންބަރުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމަކާ އެހީތެރިކަމާއި، އެކުވެރިކަން ވަރަށް ފުރިހަމައަށް ލިބިގެންގޮސްފައިވާކަން އަޅުގަނޑު ފާހަގަކުރަން.” ޝިޔާމާ ވިދާޅުވިއެވެ.
މީގެ އިތުރުން އަންހެނުންގެ ރޫޙްގެ ފަރާތުން ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ކުރަން ޤަސްދުކުރާ ބައެއް ކަހަލަ ޕްރޮގްރާމްތަކަށް ވަގުތީ ގޮތުން ކޮމެޓީއެއް އެކުލަވާލުމަށް ފަހު އެކޮމެޓީގެ ބައްދަލުވުންތައް ބާއްވައިގެން ކުރިއަށް ގެންދިޔުމަށްވެސް އަންހެނުންގެ ރޫޙްގެ ފަރާތުން ރާވަމުންދާ ކަމުގައި އެމްޑީޕީ އަންހެނުންގެ ރޫޙުގެ ރައީސ ޝިޔާމާ އަޙުމަދު ފާހަގަކުރެއްވިއެވެ