ރާއްޖޭގެ ސްކޫލްތަކުގެ ކިޔަވައިދިނުން މިހާރު ކުރިޔަށްވުރެ ރަގަޅުކަމުގައި ރައީސް ވިދާޅުވެއްޖެ

11 ޖޫން 2010

ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ރޭޑިއޯ ޚިޠާބުދެއްވަނީ
ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ރޭޑިއޯ ޚިޠާބުދެއްވަނީ

ރާއްޖޭގެ ސްކޫލް މަދަރުސާތަކުގެ ކިޔަވައިދިނުން ކުރިޔަށް ވުރެ މިހާރު ރަގަޅުކަމުގައި ފާހަގަކުރެއްވޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު މިއަދު ދެއްވި އެމަނިކުފާނުގެ 52 ވަނަ ހަފްތާ ރޭޑިއޯ ޚިޠާބުގައި ވިދާޅުވެއްޖެއެވެ.
ފުރަތަމަ ޓާރމް ބަންދަށްފަހު އަންނަ އާދީއްތަ ދުވަހު މަދަރުސާތަކުގެ ކިޔެވުން ފެށޭތީ، މި ފެށޭ ޓާރމްގައި އާ ހިތްވަރަކާއެކު މަސައްކަތް ކުރުމަށް ކުދިންނަށް ހިތްވަރު ދެއްވައި، އަދި މައިންބަފައިންވެސް މިރޮނގުން މަސައްކަތް ކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި މިއަދު އެދިވަޑައިގެންނެވިއެވެ. އަދި ސްކޫލްތަކުގެ ޕްރިންސިޕަލުންނަށާއި، ހެޑްމާސްޓަރުންނަށާއި، މުދައްރިސުންނަށާއި، ސްކޫލްތަކުގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް މަރްޙަބާ ވިދާޅުވެ، އެބޭފުޅުން އެކުރައްވާ މަސައްކަތުގެ ނަތީޖާ ފެންނަމުންދާކަން ފާހަގަކުރެއްވިއެވެ. އަދި މަދަރުސާތަކުގައި އިތުރު ޙަރަކާތްތައް ގިނަވެ، ކިޔެވުމުގެ ކަންކަން މިހާރު ކުރިއަށްވުރެ ރަނގަޅު ކަމަށް އިޙްސާސް ކުރެއްވޭ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިރޭ ފެށޭ ވާރލްޑްކަޕް ފުޓްބޯޅަ މުބާރާތަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ރޭޑިއޯ ޚިޠާބުގައި ބައްލަވާލެއްވިއެވެ. މިމުބާރާތަށް ބައްލަވާލައްވަމުން، ވޯލްޑްކަޕުން އަޅުގަނޑުމެންނަށް ލިބޭނީ ހަމައެކަނި މުނިފޫހިފިލުވުމާއި އުފާވެރިކަމެއް ނޫން ކަމަށާއި، ކިތަންމެ ފިލާވަޅަކާއި ތަޖްރިބާއެއްވެސް ލިބިގެންދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި މިމުބާރާތަކީ ދުނިޔޭގެ ހުރިހާ ޤައުމެއްގެ ޝައުޤުވެރިކަންވެސް، ނަޒަރިއްޔާތުވެސް އެމައްޗަށް ހުއްޓޭ މުބާރާތެއް ކަމަށާއި، ރާއްޖޭގައިވެސް އެކަންދާނީ އެގޮތަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.