ނ.ތ. ޙަސަންދީދީއަކީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ޙަޔާތުގައިވެސް އަދި ވެރިކަން ހިންގުމުގެ ޙަޔާތުގައިވެސް ވަރަށް ބޮޑަށް ބައިވެރިވެވަޑައިގެންފައިވާ ބޭފުޅެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

11 ޖޫން 2010

ބުދަ ދުވަހުގެރޭ އަވަހާރަވި ނ.ތ. ޙަސަންދީދީއަކީ ރާއްޖޭގެ ދޮށީ ޢުމުރުގެ ބޭފުޅުންގެ ތެރެއިން ވަރަށްގިނަ ސިޔާސީ ތަޖްރިބާތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅެއްކަމަށާއި، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ޙަޔާތުގައިވެސް އަދި ވެރިކަން ހިންގުމުގެ ޙަޔާތުގައިވެސް ވަރަށް ބޮޑަށް ބައިވެރިވެވަޑައިގެންފައިވާ ބޭފުޅެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ރޭޑިޔޯ ޚިޠާބުގައި އަލްއުސްތާޛު އަލްމަރްޙޫމް ނ.ތ. ޙަސަންދީދީގެ ޒިކުރާ އާކުރައްވަމުން، ނ.ތ. ޙަސަންދީދީއަކީ ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށް ވިދާޅުވިއެވެ.
އަލްއުސްތާޛު ނ.ތ. ޙަސަންދީދީ އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއްވުމަށްފަހު، ބުރާސްފަތިދުވަހުގެރޭ މެންދަމު އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 85 އަހަރެވެ.
އަލްމަރްޙޫމް ނ.ތ. ޙަސަންދީދީގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ، އިއްޔެ މެންދުރުނަމާދަށްފަހު މަސްޖިދުއް ސުލްޠާން މުޙަންމަދު ތަކުރުފާނުލްއަޢުޒަމްގައެވެ. ކަށުނަމާދުގައި ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.