– ޕްރައިމަރީ ބާއްވަންޖެހިއްޖެ ހާލަތެއްގައި އޮކްޓޯބަރު 8 ވަނަ ދުވަހު ޕްރައިމަރީ ބާއްވާ ގޮތަށް ވެސް އެމްޑީޕީން ވަނީ ހަމަޖައްސާފައި
އިބްރާހީމް ރާމިޒް
އއ.ހިމަންދޫ ކައުންސިލުން ހުސްވެފައިވާ މެންބަރުކަމަށާއި، ފުވައްމުލަކު މެދު ދާއިރާއިން ޏ. އަތޮޅު ކައުންސިލް މެންބަރު ކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން އެ ކަމަށް އެދި ކުރިމަތިލުމުގެ ސުންގަޑި މިއަދު ހަވީރު 4 ޖަހާއިރު ހަމަވާނެއެވެ.
އއ. ހިމަންދޫ ކައުންސިލުން ހުސްވެފައިވާ ކައުންސިލް މެންބަރުކަމަށް، މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންއާއި، ޏ.އަތޮޅު ކައުންސިލުން ހުސްވެފައިވާ ފުވައްމުލަކު މެދު ދާއިރާއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން، 19 ނޮވެމްބަރ 2011 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހަމަޖައްސާފައެވެ.
އެމްޑީޕީން މިދިޔަ އާދީއްތަ ދުވަހު ނެރެފައިވާ އިޢުލާނެއްގައިވާ ގޮތުން “އެމްޑީޕީގެ ޓިކެޓްގައި އއ.ހިމަންދޫ ކައުންސިލް މެންބަރުކަމަށާއި، ފުވައްމުލަކު މެދު ދާއިރާއިން ޏ. އަތޮޅު ކައުންސިލް މެންބަރަކަށް ވާދަކުރެއްވުމަށް ބޭނުންފުޅުވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 4 އޮކްޓޯބަރ 2011 ވާ އަންގާރަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން އެޕްލިކޭޝަން ފޯމާއި ވަނަވަރު، އެމްޑީޕީގެ ޤައުމީ ސެކްރެޓޭރިއަޓަށް'” ހުށަހަޅަން ޖެހެއެވެ.
މީގެ އިތުރުން ” އއ.ހިމަންދޫ ކައުންސިލް މެންބަރުކަމަށާއި، ފުވައްމުލަކު މެދު ދާއިރާއިން ޏ. އަތޮޅު ކައުންސިލް މެންބަރު ކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމަށް، ޝަރުތުހަމަވާ އެއް ބޭފުޅުންނަށް ވުރެ ގިނަ ބޭފުޅުން ކުރިމަތިލައްވައިފިނަމަ، އެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާނޭ ކެންޑިޑޭޓް ކަނޑައަޅާނީ މި ޕާޓީގެ އިންތިޚާބާއި ބެހޭ ކޮމިޓީގެ ބެލުމުގެ ދަށުން 08 އޮކްޓޯބަރ 2011 ވާ އާދީއްތަ ދުވަހު ބާއްވާ ޕްރައިމަރީއަކުން ކަމުގައި ދެންނެވީމެވެ.” އެމްޑީޕީގެ އިޢުލާންގައި ވެއެވެ.