ރައީސުލްޖުމްހޫރިއްޔާ މާލޭގެ ބައެއް ފިހާރަތަކަށް ޒިޔާރަތް ކުރައްވައި ޖީ.އެސް.ޓީ ނެންގެވުމުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބައްލަވާލައްވައިފި

hep-at-shop

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މާލޭގެ ބައެއް ފިހާރަތަކަށް ޒިޔާރަތް ކުރައްވައި، ޖީ.އެސް.ޓީ ނެންގެވުމުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބައްލަވާލައްވައިފިއެވެ. މިގޮތުން އެމަނިކުފާނު މިއަދު މެންދުރުފަހު ވަޑައިގެންނެވި ބައެއް ފިހާރަތަކުގެ ތެރޭގައި، އާދައިގެ ޗިއްލަރު ވިޔަފާރިކުރާ ބައެއް ކުދި ފިހާރައާއި، ކަންމަތީ ފިހާރަ އަދި ގަނޑުކޮށް މުދާ އެތެރެކޮށްގެން ވިއްކާ ބައެއް ފިހާރައާއި، ސުޕަރ މާކެޓް، ސުޕަރ ސްޓޯރފަދަ ފިހާރަތައް ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު މިގޮތުން ޒިޔާރަތް ކުރެއްވި ބައެއް ފިހާރަތަކުގައި ތަކެތި ގަތުމަށް ގޮސްތިބި ބައެއް މީހުންނާއި އަދި ތަކެތި ވިއްކުމަށް ފިހާރަތަކުގައި ސޭޓުންނާއި މެނޭޖަރުންގެ ގޮތުގައި މަސައްކަތް ކުރައްވާ ފަރާތްތަކާ ޚިޔާލު ބަދަލުކުރެއްވިއެވެ. ހަމައެއާއެކު، އެއްފިހާރައިން އަނެއް ފިހާރައަށް ވަޑައިގެންނެވުމުގެ މަގުމަތީގައި، ބައެއް ޢާންމު ފަރާތްތަކާ ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވައި، މަޢްލޫމާތު ހޯއްދަވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ޒިޔާރަތް ކުރެއްވި ބައެއް ފިހާރަތަކުން އެމަނިކުފާނަށް މަޢްލޫމާތު އެރުވި ގޮތުގައި، ޖީ.އެސް.ޓީ ނެގުން ފަށައިގަތްއިރު، ޢާންމު ގޮތެއްގައި ބައެއް ދަތިތައް މެދުވެރިވެފައިވިޔަސް، އެކަންކަމާމެދު މިހާރު މީރާއިން ފިޔަވަޅު އަޅުއްވައިދެއްވައި، އެކަމުގައި ލުއިގޮތްތަކެއް ހަމަޖެހެމުންދާ ކަމުގައިވެސްވެއެވެ. މީގެތެރެއިން ގިނަ ފިހާރަތަކުން ރައީސުލްޖުމްހޫރިއްޔާއަށް މަޢްލޫމާތު އެރުވި ގޮތުގައި، އެފަރާތްތަކަށް އެނގިގެން، ނިސްބަތުން ވަރަށްގިނަ ވިޔަފާރިވެރިން ވަނީ މިކަން ކާމިޔާބުކަމާއެކު ހިންގުމަށް ދުރާލާ ތައްޔާރުވެފައެވެ.

މާލޭގެ ތަފާތު ފަންތީގެ ވިޔަފާރިކުރާ އެކިފިހާރައަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ވަޑައިގެންނެވުމަށްފަހު، ނޫސްވެރިން ދެންނެވި ބައެއް ސުވާލަށް ޖަވާބު ދެއްވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޖީ.އެސް.ޓީ ނެންގެވުން މިހާރު ފެށިފައިވާއިރު، އަންނަ އަހަރުގެ ޖަނަވަރީއާ ހަމައިން ނިސްބަތުން ވަރަށްގިނަ ބާވަތެއްގެ ޑިއުޓީ ލުއިވެގެން ދިޔުމުން، ތަކެތީގެ އަގުތަކަށް އަންނަ ބަދަލުތައް ވަރަށްބޮޑުތަން ލުއިވެގެންދާނެ ކަމަށެވެ. ހަމައެއާއެކު، ޓެކްސްގެ ނިޒާމާބެހޭ ޤާނޫނީ އިދާރީ ކަންކަން ފުރިހަމަވަމުންދިޔަވަރަކަށް، މިކަމުގެ އިންތިޒާމްތައް، އިތުރަށް ލުއިވެގެންދާނެ ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ޓެކްސް އަދާކުރައްވަނީ ރައްޔިތުން ކަމުގައިވާއިރު، ޓެކްސް އަނބުރާ އިޢާދަވަނީވެސް ރައްޔިތުންގެ ފައިދާއާއި ލާބައާއި މަންފާއަށް ކަމަށާއި، އެގޮތުން، އިޖްތިމާޢީ ރައްކާތެރިކަމާއި، ފޯރުންތެރިކަން ކުޑަ ޢާއިލާތަކަށް ސަރުކާރުން ވެދެއްވާ އެހީއާއި، ޢުމުރުން ދުވަސްވީ ފަރާތްތަކަށް ވެދެއްވާ އެހީއާއި، ބޭސްފަރުވާއާއި، ޞިއްޙީ ކަންކަމާއި އަދި ތަޢްލީމާއި، އަސާސީ ޚިދްމަތްތައްފަދަ ކަންކަން ރައްޔިތުންނަށް އިޢާދަ ކުރުން، ސަރުކާރަށް ކުރިއަށް ގެންދެވޭނީ، ދައުލަތުގެ އާމްދަނީ ރަނގަޅު ކުރެވިގެން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.