އެމްޑީޕީ އުތުރު ޕްރޮވިންސުން ބާއްވާ މިނީ ކޮންގްރެސް ބުރާސްފަތި ދުވަހުގެރޭ ފެށޭނެ

އިބްރާހީމް ރާމިޒް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އުތުރު ޕްރޮވިންސުން ބާއްވާ މިނީ ކޮންގްރެސް މި އަންނަ ބުރާސްފަތި ދުވަހުގެރޭ ފެށޭނޭ ކަމަށް އެ ޕްރޮވިންސުން ހާމަކޮށްފިއެވެ.
“އުތުރު ޕްރޮވިންސް މިނީ ކޮންގްރެސް” ގެ ނަމުގައި ބާއްވާ މި ކޮންގްރެސް އަކީ އުތުރު ޕްރޮވިންސް ގައި ލާމަރުކަޒީ އުސޫލުން އެމްޑީޕީގެ ހިންގުން ހަރުދަނާކޮށް، 2013 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެ ޕްރޮވިންސުން އެމްޑީޕީއަށް ފުރިހަމަ މެޖޯރިޓީ ހޯދުމުގެ މަޤްސަދުގައި ބާއްވާ މިނީ ކޮންގްރެސް އެއް ކަމަށް އެމްޑީޕީ އުތުރު ޕްރޮވިންސްގެ ވަގުތީ ސްޕޯކްސާ ޕާސަން އިބްރާހީމް އާތިފް (ޕްރިންސް) ވިދާޅުވިއެވެ.
މި މިނީ ކޮންގްރެސް ގައި ލާމަރުކަޒީ އުސޫލުން އެމްޑީޕީ ހިންގުމަށް ބޭނުންވާ މުހިންމު 3 ގަވައިދެއް ކަމަށްވާ ޕްރޮވިންސް ސެކްރެޓޭރިއަޓް ހިންގުމުގެ ގަވައިދާއި، ދާއިރާ ހިންގުމުގެ ގަވައިދާއި، ގޮފި ހިންގުމުގެ ގަވައިދާއި ބެހޭ ގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުމުގެ އިތުރުން އެމްޑީޕީގެ އުތުރު ޕްރޮވިންސްގެ ދާއިރާތައް ހިންގުމުގައި ހުރި ގޮންޖެހުންތަކާ ބެހޭ ގޮތުން ވެސް ފުޅާ ދާއިރާއެއް ގައި މަޝްވަރާކުރާނެއެވެ.
މި ބައްދަލުވުމަށް އުތުރު ޕްރޮވިންސްގެ ދާއިރާތަކުގެ ރައީސުންނާއި، އެ ޕްރޮވިންސަށް ނިސްބަތްވާ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންނާއި، އުތުރު ޕްރޮވިންސްގެ އެމްޑީޕީ އަތޮޅު ކައުންސިލަރުން ނަށް ދަޢުވަތު އެރުވިފައިވާ ކަމަށް ޕްރިންސް ވިދާޅުވިއެވެ.
އެމްޑީޕީ އުތުރު ޕްރޮވިންސްގެ މިނީ ކޮންގްރެސް އަކީ އެ ޕާޓީގެ ޕްރޮވިންސް ސެކްރެޓޭރިއަޓަކުން އިންތިޒާމްކޮށްގެން ބާއްވާ މިފަދަ ފުރަތަމަ ބައްދަލުވުމެވެ. މި މިނީ ކޮންގްރެސް ކުރިޔަށްދާނީ އޮކްޓޯބަރ 6 ން 7 އަށް ޅ.ފެލިވަރުގައެވެ.