މިގައުމު ހަލާކުގެ ތެރެއަށް ވަށްޓާލަން ފުރުސަތު ނުދެއްވާށެވެ!

ފުނަމާ

ވެރިކަމުގެ މުޅި ނިޒާމު ބަދަލުކޮށް މިފެށުނު އިސްލާހީ ބަދަލުތައް ފުރިހަމަޔަށް ގެނައުމަށް މިސަރުކާރާއި، ދިވެހި ރައްޔިތުން ވެރިކަން ހަވާލުކުރީ މިގައުމު ކުރިއަށް އޮތްތަނަށް އަމާންކަމާއެކު ވާސިލްކޮށްދެއްވުމުގެ ޒިންމާއާއި އެކުގައެވެ. ގާނޫނީ ގޮތުން ގެނެވުނު ބަދަލުތަކާއި ވެރިކަމުގެ ވަށްޓަފާޅި މުޅީން ބަދަލުކޮށް އިސްލާހު ކުރުމާއި ، ރައްޔިތުންނަށް ގާނޫނުން ލިބިދޭ އެންމެހާ ހައްގުތައް ލިބިދިނުމާއި އެކު އިޖުތިމާއީ ކުރިއެރުންތައް ހޯއްދަވައި ދެއްވުމާއިއެކު އިގުތިސާދީ ގޮތުންވެސް މިގައުމަށް ކުރިއެރުންތައް ހޯއްދަވައި ދެއްވުން ލާޒިމްކޮށެވެ.
ރައީސް ނަޝީދުގެ ބުރަ މަސައްކަތްޕުޅާއި ދުރުވިސްނެވުމާއި އެކު މިސަރުކާރުން ގައުމާއި ރައްޔިތުންގެ ޙައްގުގައި ކެނޑިނޭޅި ކުރައްވަމުން ތިޔަގެންދަވާ މަސައްކަތްޕުޅުތައް ހެޔޮހިތުން ގަބޫލުކޮށް ޝުކުރު ދަންނަވަމެވެ. އިގްތިސާދީ އެޖެންޑާގެ ދަށުން މިއަދު މިގައުމަށް މިގެންނެވި ބޮޑުބަދަލަކީ ގައިމުވެސް މިގައުމު މުޅީން ބަދަލުކޮށް ރައްޔިތުންގެ ދުޅަހެޔޮކަމާއި އެއްކޮށް ގައުމުގެ ކުރިމަގުވެސް އުޖާލާވެގެން ދާނެ ކަމެއް ކަމާމެދަކު ޝައްކެއް ނުކުރަމެވެ. ނަމަވެސް ކަންވާނީ ކިހިނެއްކަން ރައްޔިތުންނަށް މުޅީން އޮޅުވާލައި މިމުހިންމު ދަނޑިވަޅުގައި ސަރުކާރާއި ރައްޔިތުންނާއި ދެމެދު ފިތުނަވެރި ކުރުވުމުގެ މަސައްކަތް އެގެންދަނީ އިދިކޮޅު ފަރާތްތަކުން އެނގިތިބެ ކުރަމުންނެވެ. ދައުލަތަށް އޭގެ ޒާތުގައި ކުޑަމަންފާއެއް ލިބުނު ނަމަވެސް ރައްޔިތުމީހާގެ ޖީބަށް ބަރުކޮށް އޮޅުވާލައި ޖީއެސްޓީ ނަގާންއޮތް އުސޫލުތަކާއި ޚިލާފަށް ޖީއެސްޓީގެ ނަމުގައި މިވަނީ ފައިސާ ނަގަން ފަށާފައެވެ. މިހާރު އެތެރެ ކުރެވިފައިވާ މުދަލަކީ އިމްޕޯޓު ޑިއުޓީ ދައްކާފައިވާ މުދާކަމުން އެމުދަލަށް ޖީއެސްޓީ އިތުރު ކުރުމުން ރައްޔިތު މީހާގެ ޖީބަށް ބުރަވެގެން ދާނެކަމީ ޝައްކެއްނެތި އެނގޭނެ ކަމެކެވެ. އެކަމަކު ސުވާލަކީ މިހާރު ވިއްކާން އެހެރަ ތަކެތީގެ ފައިދާގެ ގޮތުގައި މިހާތަނަށް ވިޔަފާރި ވެރިޔާ އިތުރު ކޮށްފައިވަނީ ކިހާމިންވަރެއް ބާވައެވެ؟ މިސާލަކަށް ރާއްޖޭގައި ވިއްކާ ކައްކާ ތެޔޮ ހަމެއްގެ ފައިދާގެ ގޮތުގައި ދުއިސައްތަ ރުފިޔާއަށްވުރެ ބޮޑުފައިދާއެއް ލާފައިވާއިރު އަދި މިއަދުވެސް އެތެޔޮހަން ވިއްކާއިރު ރައްޔިތު މީހާގެ އަތުން ހަމަ 3.5 އިންސައްތަ ނުނަގައިފިނަމަ ވިޔަފާރި ވެރިޔާ ފަގީރުވާނެ ބާވައެވެ؟ ވިޔަފާރިވެރީން މިއަދު ރައްޔިތުންނަށް ވިއްކާ މުދަލުގެ ފައިދާ ޖައްސާފައި އެހުރީ ކިހާމިންވަރަކަށްކަން ރައްޔިތުންނަކަށް ނޭނގެއެވެ. 50 ޕަސެންޓުން ފެށިގެން ތިން ހަތަރުސަތޭކަ ޕަސެންޓަށްވުރެ ބޮޑުފައިދާ ލައިގެން ތަކެތި ވިއްކަމުން ގެންދާކަން ހުރިހައި ރައްޔިތުންނަކަށް ނޭނގެއެވެ. މިގޮތައް މިކަން އޮއްވައި ރައްޔިތު މީހާގެ އަތުން ހަމައެކަނި ޖީއެސްޓީ ގާނޫނުން ލާޒިމުކުރާ މިންވަރު ނެގުމުގެ ބަދަލުގައި އެންމެ ރުފިޔާއަކަށް ވިއްކާ އެއްޗަކުންވެސް ޑަބަލުއަގު ނަގާފައި މިއީ ޖީއެސްޓީ ނަގާންފެށުމުން އަގަށްއައި ބަދަލުކަމުގައި ރައްޔިތުމީހާއަށް ވިސްނައި ދެމުން އެގެންދަނީއެވެ. އަދި ކަނޑައެޅިގެން ޖީއެސްޓީ ނުނެގޭނެ ކަމުގައި ބުނެފައިވާ މުދަލުންވެސް ޖީއެސްޓީ ނަގަމުން އެގެންދަނީއެވެ. މިކަން ހުއްޓުވައި ދެއްވާށެވެ. މިހާރު ބާޒާރުގައި ވިއްކާންހުރި ތަކެތި ވިއްކާ އަގު ޖަހާބީދައިން އެއެއްޗެއް ވިއްކޭނެ އެންމެ ބޮޑުއަގުވެސް ރައްޔިތުނަށް ފެންނާނެ ގޮތަކަށް ޖަހާފައި ބަހެއްޓުން މަޖުބޫރު ކުރުވާންވެއްޖެއެވެ. ނޫންނަމަ ވިޔަފާރި ވެރިޔާގެ ދީލަތިކަމުން ރައްޔިތުން ބަނޑަށް ޖައްސާލައި މުޅިގައުމު ފިތުނަކުރުމުގެ ފުރުސަތު މިއޮތީ މިވަގުތަށް ހުޅުވިފައެވެ.
ގައުމަށް އަންނަ މިފަދަ ކޮންމެ ހިނދުކޮޅެއްގެ ނާޖާއިޒު ފައިދާ ނަގައިގެން ރައްޔިތުންނާއި ސަރުކާރާ ޖެއްސުމުގައި ފޫގަޅައިގެން މިތިބަ މީހުން މިފަދަ ކޮންމެ ދޮރަކުންވަދެ މިގައުމު ހަލާކުގެ ތެރެއަށް ވަށްޓާލުމުގެ ފުރުސަތު އެމީހުންނަށް ނުދެއްވުމަކީ ގައުމުގެ ކުރިމަގު އުޖާލާކުރުމަށް ކޮންމެހެން ބޭނުން ކަމެކެވެ. މިއަދު ޖީއެސްޓީއަށް ރެޖިސްޓްރީ ނުކުރާ ތަންތަނުންވެސް މިވަނީ ސިލުކަނޑާލާފައެވެ. ހިތުހުރި ގޮތަކަށް އަގުތައް ބޮޑުކުރާން އެވަނީ ފަށާފައެވެ. ޖީއެސްޓީ ގާނޫނު އައުމުގެ ކުރީން އިންތިހާއަށް އެއްޗެތީގެ އަގުބޮޑުކޮށް މިއަދާ ހަމަޔަށް އައިއިރުވެސް އަގުތައް އެހެރީ ރައްޔިތުން އަތްނުފޯރާ ފަށަށް އަރުވާފައެވެ. އަދި މިއަދު އެގެންދަނީ އެއަގުގެ އިތުރުން ޖީއެސްޓީ ނަގަމުންނެވެ. ހުރިހައި ފައިދާއެއް ވިޔަފާރިވެރިޔާއަށެވެ. ގެއްލުން ރައްޔިތުމީހާ ހިއްސާކުރާނީ ސަރުކާރަށް ނަފުރަތުގެ ކަޅިއުކަމުންނެވެ. ކޮންމެމީހަކީ މިކަން މިވަނީ ކިހިނެއްކަން އެނގޭނެ މީހެއް ނޫނެވެ. މަޖިލިސް ޗުއްޓީއަށް ދިޔައީ އިމްޕޯޓު ގާނޫނަށް އިސްލާހު ނުގެނެސް ކަމުން އިމްޕޯޓު ޑިއުޓީއޭ ބުނެ ވާހަކަ ދައްކާނެ ފުރުސަތުވެސް އެބައޮތެވެ. އަދި އެބިލު ފާސްވިޔަސް ދެއަހަރު ވަންދެން ތިމަންނާމެން މިވިއްކަނީ ޑިއުޓީ ދައްކާފައިހުރި ތަކެތި ކަމުގައި ބުނެ އޮޅުވާލުމުގެ ފުރުސަތު ވިޔަފާރި ވެރިންނަށް އެބައޮތްވެސް މެއެވެ. މިގޮތުންވެސް ރައްޔިތުން ފިހެގެން ކާނެ ގޮތް އެމީހުން ހޯދާނެތާއެވެ. ނަމަވެސް ރައްޔިތުންގެ ހައްގުގައި ސަރުކާރުން އަޅާންޖެހޭ ފިޔަވަޅުތައް އަޅުއްވާށެވެ. ތަކެތި އެތެރެކުރި އަގުތައް ކަސްޓަމުން އެނގޭނެއެވެ. ޑިއުޓީއަށް ދެއްކި އެއްޗެއްވެސް ލިއުމުން ފެންނާން ހުންނާނެއެވެ. އެހެންކަމުން ހޯލްސޭލްކޮށް ނުވަތަ ރީޓެއިލްކޮށް ވިއްކޭނެ އެންމެބޮޑު އަގެއް ސަރުކާރުން މިވަގުތަށް ކަނޑައެޅުއްވުމަކީ މިނިވަން ވިޔަފާރީގެ އުސޫލަށް ހުރަސް އެޅުން ކަމުގައި ބުނާނެ ޖާގައެއް ނޯންނާނެއެވެ. ރައްޔިތުންގެ ހައްގުގައި މުދަލުގައި އެމް، އާރު ޕީ ނުވަތަ ވިއްކޭނެ އެންމެބޮޑު އަގުޖަހައިގެން މެނުވީ ނުވިއްކުމަށް އެކަށަ އަޅާން ޖެހިއްޖެ ކަމުގައި ދަންނަވަމެވެ. ބަޔަކު ބޭނުންހާ ގޮތަކަށް ނާޖާއިޒު ފައިދާ ނަގައިގެން މިގައުމު ހަލާކުގެ ތެރެއަށް ވަށްޓާލުމަށް ފުރުސަތު ނުދެއްވާށެވެ.