ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ސްރީލަންކާގެ މިނިސްޓްރީ އޮފް ޑިފެންސަށް ކަނޑައަޅުއްވާފައި ހުންނަ ސެކްރެޓަރީ އިޙްތިރާމްގެ ޒިޔާރަތެއް މިއަދު ކުރައްވައިފި

hep-lanka-defence

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް، ސްރީލަންކާގެ މިނިސްޓްރީ އޮފް ޑިފެންސަށް ކަނޑައަޅުއްވާފައި ހުންނަ ސެކްރެޓަރީ ގޮތަބާޔާ ރާޖާޕަކްސާ މިއަދު ހެނދުނު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ސްރީލަންކާގެ ދެޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސްރީލަންކާގެ ސިޔާސީ މަސްރަޙާއި، އިޤްތިޞާދީ ޙާލަތާއި، ސްރީލަންކާގެ ތަރައްޤީގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި ސްރީލަންކާގައި ޞުލްޙަ އޮތުމަކީ ރާއްޖެއިން އަބަދުވެސް އެދޭގޮތް ކަމަށާއި، ސްރީލަންކާގައި ހިނގި ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި ސްރީލަންކާ ސަރުކާރުން ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކުރެއްވިއެވެ. މިގޮތުން، ދާޚިލީ ހަނގުރާމަ ނިމި، ޤައުމު އަލުން އާރާސްތު ކުރެއްވުމަށްޓަކައި، މިކުރު މުއްދަތުގެ ތެރޭގައި ސްރީލަންކާ ސަރުކާރުން ކުރެއްވި މަސައްކަތްޕުޅުތަކުގެ ފުރިހަމަކަމަށްޓަކައި ތަޢުރީފް ކުރެއްވިއެވެ.

ސްރީލަންކާގެ މިނިސްޓްރީ އޮފް ޑިފެންސަށް ކަނޑައަޅުއްވާފައި ހުންނަ ސެކްރެޓަރީ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ޢަސްކަރިއްޔާގައި ވަރަށް ޒުވާން އަދި ވަރަށް ޤާބިލު ބޭފުޅުން އެބަތިއްބެވިކަން އޭނާއަށް ފާހަގަކުރެއްވިފައިވާ ކަމުގައި ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީއާއި، ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ އަމީން ފައިޞަލްއާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަޙްމަދު ނަސީމް އަދި އެޑްވައިޒަރ އޮން ޕޮލިޓިކަލް އެފެއާޒް މުޙަންމަދު ޝިހާބު ބައިވެރިވެވަޑައިގެންނެވިއެވެ.