ޑރ.މުސްތަފާ ލުތުފީގެ އިތުބާރުނެތްކަމުގެ ވޯޓާ ދޭތެރޭގައި ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާ ގޮތް މާދަމާގެ ރޭޑިޔޯ ޚިޠާބުގައި އެމަނިކުފާނު ހާމަކުރައްވާނެ

10 ޖޫން 2010

މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ މުޞްޠަފާ ލުޠުފީގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެންގެވުމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން މަސައްކަތް ކުރައްވަމުން ގެންދަވާތީ، އެކަމާ ގުޅޭގޮތުން ފާހަގަކުރައްވަން ބޭނުންފުޅުވާ ބައެއް ކަންކަމުގެ މައްޗަށް މާދަމާގެ ރޭޑިޔޯ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބައްލަވައިލައްވާނެއެވެ. އަދި ޑޮކްޓަރ މުޞްޠަފާ ލުޠުފީ، ރާއްޖޭގެ ތަޢްލީމީ ދާއިރާ ތަރައްޤީ ކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއި، އެމަނިކުފާނުގެ އިޚްލާޞްތެރި ޚިދްމަތްތަކާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ މާދަމާ ދެއްވާ ރޭޑިޔޯ ޚިޠާބުގައި، އަލްއުސްތާޛު އަލްމަރްޙޫމް ނ.ތ. ޙަސަންދީދީ ދިވެހި ޤައުމަށާއި، ދިވެހި ރައްޔިތުންނަށް ކޮށްދެއްވާފައިވާ އިޚްލާޞްތެރި ޚިދްމަތްތަކުގެ މައްޗަށްވެސް ބައްލަވާލައްވައި، އޭނާގެ ޒިކުރާ އާކުރައްވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބު، ދިވެހިރާއްޖޭގެ އަޑުން ފޮނުއްވާނީ، މާދަމާ ހެނދުނު 10 ޖަހާއިރުއެވެ.