ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިންޑިޔާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ އިޙްތިރާމްގެ ޒިޔާރަތެއް މިއަދު ކުރައްވައިފި

– މި ބައްދަލުކުރެއްވުމުގައި، ސާރކްސަމިޓާއި، އިންޑިއާ ކަނޑުގެ ސަލާމަތީ ކަންތައްތަކާއި، މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމާ ބެހޭ މުޢާހަދާއެއް އެކުލަވާލުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވި

hep-india

އިންޑިޔާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ޝިވް ޝަންކަރް މެނަން، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި، މިއަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާކް ސަމިޓާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. މިގޮތުން، ސާކް ސަމިޓަށް ވަމުންދާ ތައްޔާރީތަކުގައި، އިންޑިޔާގެ ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތަކަށްޓަކައި ރައީސުލްޖުމްހޫރިއްޔާ، އިންޑިޔާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރަށް ޝުކުރު އަދާކުރެއްވިއެވެ.

މީގެއިތުރުން، މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވެ ތިބުމަށް، ކުރިއަށް އޮތް ސާކް ސަމިޓުގައި މުޢާހަދާއެއް އެކުލަވައިލުމާ ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

އިންޑިޔާ ކަނޑުގެ ސަރަޙައްދުގެ ސަލާމަތީކަންކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި އިންޑިޔާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ޚިޔާލު ބަދަލުކުރެއްވިއެވެ. މިގޮތުން، އިންޑިޔާ ކަނޑުގެ ސަރަޙައްދުގައި އުޅޭ ކަނޑު ފޭރޭ މީހުންނާއި، ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރާ މީހުންނާ ދެކޮޅަށް، އިންޑިއަން އޯޝަން ކޯޕަރޭޝަނުން އެޅިދާނެ ފިޔަވަޅުތަކުގެ މައްޗަށް ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

މިއަދު އޮތް މިބައްދަލުކުރެއްވުމުގައި، އިންޑިޔާއާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ގާތް ގުޅުމާއި، މި ގުޅުން އިތުރަށް ފުޅާކުރެއްވޭނެ ގޮތްތަކުގެ މައްޗަށް ދެބޭފުޅުންގެ ވާހަކަފުޅުގައި ބައްލަވައިލެއްވިއެވެ. އަދި ދިވެހި ރާއްޖެއިން އިންޑިޔާއާ ދޭތެރޭ އަބަދުވެސް ބަހައްޓާ ގާތްކަމަށްޓަކައި، އެޤައުމުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރެއްވިއެވެ.