މެންބަރުންގެ ޚިޔާލު: މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެ އަޑިޔަށް ހިނގައިދާނެތަ؟

ފުނަމާ

the-island-president

80ގެ ކުރީކޮޅު ސިންގަޕޫރު އެއަރލައިންސްގެ ފުލައިޓަކުން ރާއްޖެ އެތެރެވި ނޫހެއްގައި ލިޔެފައިވާ ލިޔުމަކާއި ހަވާލާދީ މަޝްހޫރު ލިޔުންތެރިޔާ ކުޑަނެވި ޢައްބާސް ” އުޑުގައި ލޯވަޅެއް އެޅި ބޮޑުވަމުން ދާކަމުގައާއި އޭގެ ސަބަބުން ދުނިޔޭގެ ހޫނުމިން މައްޗަށްގޮސް ކަނޑުގެ ލޮނުގަނޑު އުފުލި ދިވެހިރާއްޖެ އަޑިޔަށް ހިނގައިދާނެ ކަމުގައި ” ދުވަހު ނޫހެއްގައި ލިޔުއްވި ލިޔުއްވުމަކާއި ގުޅިގެން ޢައްބާސް އަށް އެތަކެއް އުނދަގޫތަކެއް ، އަބަދުވެސް ދެކޮޅު ބަލައިލުމެއްނެތި މީހުންނަށް އަނިޔާދެމުން ގެންދިޔަ އޭރުގެ ސަރުކާރުން ކުރިމަތި ކުރި ނަމަވެސް ތިމާވެށީގެ މިމުހިންމު މައްސަލަ އެންމެ ފުރަތަމަ ދިވެހީންގެ ސަމާލުކަމަށް އައީ ޢައްބާސްގެ އެލިޔުއްވުމުގެ ސަބަބުންނެވެ. އެއިރު އޯޒޯން ލޭޔަރ އަކީ ކޮންއެއްޗެއްކަން މަދު ދިވެއްސަކަށް މެނުވީ ނޭނގޭކަމުން ބޭރުން އެތެރެވި މިނޫހުގައި ” އޯޒޯން ލޭޔަރ ތުނިވެ އޭގެ ސަބަބުން އެންމެ ފުރަތަމަ އަޑިޔަށްދާނެ ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ވާނެ ކަމުގައި ލިޔެވިފައި ވުމާއެކު އައްބާސްގެ ލިޔުއްވުމުގައި ” އުޑުގައި ލޯވަޅެއް އެޅެނީ ކަމުގައި” ލިޔުއްވުމަކީ އަޖާބުވާން ޖެހޭނެ ކަމެއް ނޫނެވެ. ނަމަވެސް އެއީ ކުފުރުގެ ބަހެއް ކަމުގައިދެކެ އެގޮތަށް ވާހަކަ ދެއްކި ބަޔަކުވެސް އެއިރު އުޅުނެވެ. ނަމަވެސް ގިނަދުވަހެއްނުވެ ދުނިޔެ ހޫނުވުމުގެ ސަބަބުން ދިވެހިރާއްޖެފަދަ ބިންތިރި ޖަޒީރާ ގައުމުތައް ނެތިގެން ހިނގައިދާނެ ކަމުގެ ރަތް ސިގުނަލް ދުނިޔޭގެ ބައެއް ސައިންސްވެރީން ދޭންފެށިއެވެ.
އެއިރު ބުނެވެމުން ދެކެވެމުންދިޔަ ވާހަކަތަކަށް ބަލާލާއިރު ތިރީހަކަށް އަހަރުގެ ތެރޭގައި މިފަދަ ޖަޒީރާތައް މުޅީން ނެތިގެން ހިނގައިދާނެ ކަމުގައި ބުނެވުނު ނަމަވެސް މިއަދާ ހަމަޔަށް އައިރު ތިމާވެށީގެ މާހިރުންގެ މެދުގައި މިކަމާގުޅޭގޮތުން މިހާރު ދެކެވޭ ވާހަކަތައް ތަފާތެވެ. ނަމަވެސް ދުނިޔޭގެ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ގުދުރަތީ ކާރިސާ ތަކަށް މަގުފަހިވަމުންދާ ވާހަކައަކީ މިއަދު އާންމު ވާހަކަ ތަކެކެވެ. ޅަކުދީންވެސް ދައްކާ ވާހަކައެކެވެ. ސިނާއީ ގޮތުން ކުރިއަރާފައިވާ ގައުމުތަކުން ބޭރުކުރާ ވިހަގޭސްތަކުގެ އަސަރުކޮށް އޯޒޯން ލޭޔަރއަށް ގެއްލުންވާ ވާހަކަ ދައްކަނީކީ ނުވަތަ އޭގެ ސަބަބުން ތިރިޖަޒީރާ ގައުމުތަކާއި މިނޫންވެސް ގައުމުތަކަށް، ތިމާވެށީގެ ބޮޑެތި މައްސަލަތައް ކުރިމަތިވަމުން އަންނަކަން މިއަދު ނުދަންނަ މީހަކު ނެތެވެ.
މުއްސަނދި ގައުމުތަކުގެ ސިނާއަތްތައް ކުރިއެރުވުމުގައި މުޅިދުނިޔެ ކަންބޮޑުވާ މިމައްސަލައަށް ބަލައިނުލައި ކުރިއަށް ދާދިއުން ހުއްޓުވުމަށް ބައިނަލް އަގުވާމީ ފެންވަރުގައި ތަފާތު މުއާހަދާތައް ގާއިމުކުރެވި އެއްބަސްވުންތައް ވެވިފައި ވީނަމަވެސް ދުނިޔޭގެ އެއްބާރުލުން މިކަމުގައި ލިބެމުންދާ މިންވަރާމެދު ގިނަބަޔަކު ހިތާމަކޮށް ކަންބޮޑުވެއެވެ. ނަމަވެސް އަމިއްލަ އެދުމުގައި، ފުދިފައިވާ ގައުމުތަކުން އަދިވެސް ފުދުންތެރިކަން އިތުރު ކުރުމަށް ކުރަމުންގެންދާ ބައެއް މަސައްކަތްތަކުގެ ސަބަބުން މައްސަލައަށް ނިމުމެއް ނާދެއެވެ. އަދި ކިތަންމެ ގޮތަކަށް މިވާހަކަ ދެއްކިނަމަވެސް ދުނިޔެއަށް ކުރިމަތިވަމުންދާ މުސީބާތްތައް އެއްދުވަހުން އަނެއް ދުވަހަަށް ދަނީ އިތުރުވަމުންނެވެ.
މިފަހަކަށް އައިސް ދިވެހިރާއްޖެއިން ޚާއްސަކޮށް ރައީސް ނަޝީދު ކުރައްވަން ފެއްޓެވި ތަފާތު މަސައްކަތްތަކެއްގެ ސަބަބުން ދުނިޔޭގެ ސަމާލުކަން މީގެކުރީން ނުދެވޭ މިންވަރަށް މިކަމަށް ދެވެންފެށިކަމީ ރާއްޖޭގެ މަދުބައެއް ފިޔަވައި ދުނިޔޭގެ އެންމެންވެސް މިއަދު ގަބޫލުކުރާ ކަމެކެވެ. ތަފާތު އެކި އުކުޅުތައް ބޭނުންކުރައްވައިގެން ހަގީގަތް ދުނިޔޭގެ ކުރިމައްޗަށް އެންމެންނަށްވެސް ގަބޫލުކުރެވޭ މިންވަރަށް ގެނެސް ދެއްވުމުގައި ރައީސް ނަޝީދު ކުރައްވާ މަސައްކަތްތަކުގެ ސަބަބުން ތިމާވެށީގެ ނަންހިނގާ މާހިރުންނަށްވުރެ އެމަނިކުފާނުންގެ ނަންފުޅު މަޝްހޫރުވެ ” ދުނިޔޭގެ ރައީސެއްގެ ގޮތުގައި ” ގިނަބަޔަކު ރައީސް ނަޝީދު ބަލައި ގެންފިއެވެ. ހަމައެހެންމެ ” ދި އައިލެންޑް ޕްރެޒިޑެންޓް ” ގެ ސަބަބުން ތިމާވެށީގެ ބަތޮލެއްގެ ގޮތުގައި ދުނިޔެ މިއަދު އެމަނިކުފާނަށް މުޚާތަބު ކުރަމުން ގެންދާން ފަށައިފިއެވެ. ބޮޑެތި ގައުމުތަކުގައިވެސް އެމަނިކުފާނުގެ މަސައްކަތްޕުޅަށް އިހުތިރާމުކޮށް ތިމާވެށީގެ މައްސަލަ ތަކުގައި ވާހަކަ ދެކެވެން ފަށައިފިއެވެ. މިއީ ހަގީގަތެވެ.
ތިމާވެށީގެ އެއްވެސް އިލްމެއް ލިބިވަޑައިގެން ނެތް ރާއްޖޭގެ ނޫސްވެރިއަކު މީގެ ތިރީހަކަށް އަހަރު ކުރީން ލިއުއްވި ލިއުމެއްގެ މަތީން މިއަދު ގިނަބަޔަކު ހަނދާން ނެތްނަމަވެސް ކުޑަނެވި ޢައްބާސްގެ އެލިއުއްވުމަކީ ދިވެހީންނަށް ތިމާވެށީގެ ރޮނގުން ހޭލުންތެރިކަން ގެނުވި އިންގިލާބެކެވެ. އަދި ހަމައެހެންމެ އޭގެ ފަހަތުން މޒ ގެ ނަމުގައި މަޝްހޫރު ފޮޓޯގޮރާފަރ އަދި ލިޔުންތެރިޔާ މުޙަންމަދު ޒާހިރު ތިމާވެށީގެ ހޭލުންތެރިކަން ދިވެހީންގެ ތެރޭގައި އިތުރުކުރެއްވުމަށް ކުރެއްވި މަސައްކަތުގެ ސަބަބުން ބައިނަލް އަގްވާމީ އެވޯޑެއް ހޯއްދަވާފައި ވާކަންވެސް ހަނދާންކޮށްލަމެވެ. ނަމަވެސް މިމައްސަލަތައް އެންމެ ބޮޑުވަމުން އައިދުވަސްވަރު އޮތް ސަރުކާރުން މިކަމުގައި ކުރެވުނީ ކޮންކޮން ކަންތައްތަކެއްތޯ ސުވާލުކޮއްލާން ޖެހެއެވެ. ތިމާމެންގެ ވެރިކަމުގައި އެވާހަކަ ނުދައްކައި އެތިބީ ބޭރުން ރާއްޖެ އަންނަ މީހުން ބިރުން ނައިސް ލިބެމުންދިޔަ ޑޮލަރުތައް ނުލިބިދާނެތީ ކަމުގައި ވެދާނެއެވެ. އަދި ވެރިކަމުގައި ހުރި މީހާގެ އުމުރުގައި ރާއްޖެ އަޑިޔަށް ނުދާނެ ކަމުގައި ބަލައިގެން، ފަހަރެއްގައި އެކަހަލަ ކަމެއް ދިމާވެއްޖެނަމަ ސަލާމަތްވެގެން ދާނެ އުސްބިންތަކުން ގެދޮރު ގަނެގެން ހުރީމައި ކަމުގައިވެސް ވެދާނެއެވެ. ތިމާވެށީގެ ވާހަކަ އޭރުގެ ސަރުކާރުން ދައްކަނީ ހަމައެކަނި ދުނިޔޭގެ މިންވަރުގައި އެހީތެރިކަމެއް ހޯދައިގަތުމުގެ ބޭނުމުގައި އެކަންޏެވެ. މިގޮތުން ލިބުނު އެހީތަކުން ކުރެވިފައިވާ މަދުކަމެއް މެނުވީ ފެންނާކަށް ނެތެވެ. ވެރީން ދިރިއުޅުއްވާ ރަށުގެ ވަށައިގެން ތިންފައިލީ ގާޖަހާ ކާނުހަދައި ރައްކާތެރި ކުރިނަމަވެސް ރާއްޖޭގެ އެހެން ރައްޔިތުންގެ ސަލާމަތަށް ކުރެވުނު ކަމެއް ފެންނާކަށް ނެތެވެ. އެހެން ނަމަވެސް މިއަދު ފިސާރި ސާބިތުކަމާއެކު މިސަރުކާރުން އެގެންދަވަނީ ދުނިޔޭގެ ސަމާލުކަމަށް މިކަން ގެނެސް ރައްޔިތުންގެ ސަލާމަތަށް ދުރުވިސްނައި ފިޔަވަޅު އަޅަމުންނެވެ. ތިމާވެށީގެ މައްސަލަ ހައްލުނުވެ ކުރިއަށްދާނަމަ ރާއްޖެފަދަ ތިރި ޖަޒީރާ ގައުމުތައް އަޑިޔަށް ހިނގައިދާނެކަން ވިސްނައި ރައްކާތެރި ކަމަށާއި ހޭލުންތެރި ކަމަށް އިސްކަންދީ ބުނެކިޔައިދެމުންނެވެ. އާއެނކެވެ. ކަނޑުގެ ލޮނުގަނޑު އުސްވުން ނުހުއްޓި އެކަމަށް މެދުވެރިވާ ސަބަބުތައް ހޯދައި އިންސާނުންގެ ބާރުފޯރާ މިންވަރަކުން ފިޔަވަޅު ނޭޅޭނަމަ ރާއްޖެފަދަ ގައުމުތައް ފެންމަތީގައި އޮތަސް މީހުންނަށް ދިރިނޫޅެވޭ މިންވަރަށް ހިނގައިދާނެ ކަމާމެދު ދުރުވިސްނައި ބުނުމަކީ މޮޔަކަމަކަށް ނުވާނެއެވެ.