ސަރުކާރުން މަސައްކަތް ކުރަނީ ތިމާވެށްޓަށް ވީހާވެސް ގެއްލުން ކުޑަގޮތެއްގައި ތަރައްޤީގެ ކަންތައްތައް ކުރިއަށް ގެންދަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

10 ޖޫން 2010

hep-450-x-234

ސަރުކާރުން މަސައްކަތް ކުރައްވަނީ ތިމާވެށްޓަށް ވީހާވެސް ނުރައްކާތެރިކަން ކުޑަގޮތެއްގައި ތަރައްޤީގެ ކަންތައްތައް ކުރިއަށް ގެންދެވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ފިނިކުރުމަށް ބޭނުންކުރާ ހައިޑްރޯކްލޯރޯފްލޯރޯ ކާބަން ބޭނުންކުރުން ހުއްޓުމަށް މެނޭޖްމަންޓް ޕްލޭނެއް ހެދުމަށްޓަކައި މިއަދު ހެނދުނު ބަނޑޮސް އައިލެންޑް ރިޒޯޓްގައި އޮތް ވަށްމޭޒު ބައްދަލުވުން އިފްތިތާޙް ކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މޮންޓްރިއޯލް ޕްރޮޓޮކޯލްގެ ދަށުން ހައިޑްރޯކްލޯރޯފްލޯރޯ ކާބަން ބޭނުންކުރުން ހުއްޓުމަށް ކަނޑައެޅިފައިވަނީ 2030ގެ ނިޔަލަށް ކަމުގައި ވީނަމަވެސް، ރާއްޖެއިން މިކަން ކުރުމަށް ކަނޑައަޅާފައިމިވަނީ 2020ގެ ނިޔަލަށްކަން ފާހަގަކުރެއްވިއެވެ. އަދި މިއީ، ރާއްޖޭގެ ކާބަން ނިއުޓްރަލް ސިޔާސަތާ އެއްގޮތަށް ކުރެވޭ ކަމެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިކަމުގައި އެހެން ޤައުމުތަކުންވެސް 2030އާ ހަމައަށް މަޑުނުކޮށް މަސައްކަތް ކުރިއަށް ގެންދިޔުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ.
ރާއްޖެއަށް ބައެއް ފަހަރު ވަރަށް ހޫނުގަދަވާކަން ފާހަގަކުރައްވަމުން، އައިސްއަލަމާރިއާއި އެއަރ ކޮންޑިޝަން ފަދަ ފިނިކުރާ ވަސީލަތްތަކަކީ ރާއްޖެއަށް ވަރަށް ބޭނުންތެރި ތަކެތި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންނަމަވެސް، މިތަކެއްޗަށް އަޅާ ގޭހަކީ ތިމާވެށްޓާ ރަޙްމަތްތެރި އެއްޗަކަށް ހެދިދާނެ ކަމަށާއި، މިކަމުގެ ޓެކްނޮލޮޖީވެސް އެބަހުރި ކަމުގައި ވިދާޅުވިއެވެ. އަދި، ތިމާވެށްޓާ ރަޙްމަތްތެރި ވަސީލަތްތައް ބޭނުންކުރި ކަމުގައިވިޔަސް ތަރައްޤީއަށް ބުރޫއަރާކަށް ނުޖޭހެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކްލޯރޯފްލޯރޯކާބަން އިން ލިބޭ ގެއްލުންތަކާއި، އޯޒޯން ފަށަލަ ތުނިވަމުންދާކަމާއި އަދި ތިމާވެށްޓާ ގުޅުންހުރި މައްސަލަތަކާމެދު ސަމާލުވުމަށް ކުރީ ސަރުކާރުން އަދި
ވަކިން ޚާއްޞަކޮށް ރައީސް އަލްއުސްތާޞު މައުމޫން ޢަބްދުލްޤައްޔޫމް ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށްޓަކައި އެމަނިކުފާނަށް ޝުކުރުއަދާކުރެއްވިއެވެ.
މިރަސްމިއްޔާތުގައި، މަލްޓިލެޓަރަލް ފަންޑާއި، ޔުނެޕާއި އަދި ޔޫ.އެން.ޑީ.ޕީ.އިން ރާއްޖޭގައި ހައިޑްރޯކްލޯރޯފްލޯރޯ ކާބަން ބޭނުންކުރުން ހުއްޓުމުގެ މެނޭޖްމަންޓް ޕްލޭނަށް ދެއްވާ ތަރުޙީބާއި އެހީތެރިކަމަށް ޝުކުރުއަދާކުރެއްވުމުގެ ގޮތުން ހަނދާނީ ފިލައެއް އެފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.