މަސްތުވާތަކެއްޗާ ދެކޮޅަށް ކުރައްވާ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވުމަށްޓަކައި ކުރިމަތިލާން ޖެހިފައިވާ ތަފާތު ބައެއް ދަތިތައް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވައިފި

hep-kulhudhuffushi1

މަސްތުވާތަކެއްޗާ ދެކޮޅަށް ކުރައްވާ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވުމަށްޓަކައި ކުރިމަތިލާން ޖެހިފައިވާ ތަފާތު ބައެއް ދަތިތައް ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވާހަކަފުޅު ދައްކަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިމޭރުމުން ވާހަކަފުޅު ދެއްކެވީ، ތިލަދުންމަތީ އުތުރުބުރިއަށާއި ތިލަދުންމަތީ ދެކުނުބުރިއަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ދިއްދޫގައި ހުންނަވައިގެން މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައެވެ.
މަސްތުވާތަކެއްޗަށް ހުޅުވިފައިވާ ދޮރުތައް ބަންދު ކުރެއްވުމަކީ، ސަރުކާރުގެ ފަސް ވަޢުދުގެ ތެރޭގައި ހިމެނޭ މައިގަނޑު އެއް ވަޢުދުކަމަށްވުމާއެކު، މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާ ފޯރުކޮށްދެވޭނެ ނިޒާމު ފުޅާކުރައްވައި، ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، ބޭނުންކުރާ ބައެއް ފަރާތްތައް، 2008 ވަނަ އަހަރުން ފެށިގެން ސަރުކާރުންވަނީ ހިފާ ހައްޔަރުކޮށްފައިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިމަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވުމުގައި ކުރިމަތިވެފައިވާ ބައެއް ދަތިތަކަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދަޢުވާއެއް އުފުލެން އަންނަނީ، ތަޙްޤީޤު ފުރިހަމަވެގެން ކަމަށްވާތީ، މިކަމަށް ވަރަށްގިނަ ދުވަސް ހޭދަވާކަމީ، ހެކިބަސްދޭ ފަރާތްތަކަށް ނުފޫޒު ފޯރުވުމުގެ ފުރްޞަތު ލިބި، ހެކި ބަދަލުކޮށް، ދޮގު ހެދި އުފެއްދުމުގެ ފުރްޞަތު ލިބިގެންދާ ކަމެއް ކަމުގައި ވިދާޅުވިއެވެ. ހަމައެއާއެކު، ޝަރީޢަތަށް ހުށަހެޅޭ ހެއްކާއި ޤަރީނާތައް ވަޒަން ކުރުމުގައި ޢަމަލުކުރަންޖެހޭ ވަކި އުޞޫލެއް ނެތުމުގެ ސަބަބުން، ސައިންޓިފިކް ހެކިތަކާއި، އެހެނިހެން ހެއްކާއި ޤަރީނާތަކުގެ ބާރު ކެނޑި، ބޮޑެތި މައްސަލަތަކުގައި ކުށް ސާބިތު ނުވުމަކީވެސް މައްސަލައެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން، މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި ހައްޔަރު ކުރެވޭ ފަރާތްތަކުގެ އަތުން އަތުލެވޭ ގިނަ ޢަދަދެއްގެ ފައިސާއާއި އަދި ފައިސާ ރައްކާކުރާ ނުސީދާ ގޮތްގޮތާއި، މުދާ ހޯދާފައިވާ ގޮތެއް ޝަރީޢަތުގައި ސާފުކޮށްދޭން ނުޖެހޭތީ، މިފަދަ މައްސަލަތައް ޝަރީޢަތުގައި ސާބިތުނުވާކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ.
މިރޮނގުން ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބު ކުރިއަށް ގެންދަވަމުން، ރާއްޖޭގެ އެކިއެކި އަތޮޅުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނާ ދެކޮޅަށް ހިންގި ޚާއްޞަ އޮޕަރޭޝަންތަކުގައި، ގިނަ ޢަދަދެއްގެ ބަޔަކު މަސްތުވާތަކެއްޗާއެކު ހިފާ ހައްޔަރު ކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ފުޅާ ދާއިރާއެއްގައި މި ވިޔަފާރިކުރާ 15 މީހަކު ޝަރީޢަތުން ޙުކުމެއް ކަނޑައެޅުމުގެ ކުރިން މިހާރުވެސް ބަންދުން ވީއްލި، މުޖްތަމަޢުގައި މި ޢަމަލު ތަކުރާރުކުރާ ހާލު، އެމީހުންގެ މައްޗަށް ޝަރީޢަތް ކުރެވޭ ދުވަހެއް އެނގޭނެ ގޮތެއްވެސް ނެތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. [މަސްތުވާތަކެތީގެ މައްސަލަތައް، ހަމައެކަނި މާލޭގެ ކްރިމިނަލް ކޯޓުން ބައްލަވާ ގޮތަށް ކަނޑައެޅިފައި އޮންނަ އޮތުމުގެ ސަބަބުން ޝަރީޢަތުގައި އެތައް ބައެއްގެ މައްސަލަތައް ނުހިނގައި، ގިނަ ދުވަސްތަކެއް ވަންދެން ގޮތެއް ނުނިމިފައި އެބަހުރޭ. އަދި ޝަރީޢަތް ބޭއްވޭ ދުވަހާ ހަމައަށް ކުށް ތަކުރާރު ކުރުމަށް އެފަރާތްތަކަށް ފުރްޞަތު ލިބޭ.] ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، މާދަމައަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ޢުމުރުން ދުވަސްވީ މީހުންގެ ދުވަސް ކަމަށްވުމާއެކު، މިދުވަހުގެ މުހިންމު ކަމުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. ޢުމުރުން ދުވަސްވީ މީހުންގެ މިއަހަރުގެ ޝިޢާރު ކަމަށްވާ [ދުނިޔޭގައި އާބާދީގައި ޢުމުރުން ދުވަސްވީ މީހުން އިތުރުވަމުންދާއިރު، ކުރިމަތިވާ ގޮންޖެހުންތަކާއި ހުރި ފުރްޞަތުތައް] މި ޝިޢާރަށް ބައްލަވާލައްވަމުން، ރާއްޖޭގެ މާޙައުލަށް ބަލާއިރު، އަޅުގަނޑުމެންގެ ތެރެއިން ފެންނަނީ ވަރަށް އުފާވެރި މަންޒަރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، އެމަންޒަރަކީ މިޤައުމުގެ ޢުމުރުން ދުވަސްވީ މީހުންނަށް ދެވެމުންދާ ފައިސާގެ ޢިނާޔަތާއި، މަދަނައިގެ ވިއުގައިގެ ތެރެއިން ލިބޭ ޞިއްޙީ ފަރުވާ ހޯދުމުގެ ފަހި ފުރްޞަތެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، ޢުމުރު މައްޗަށް ޖެހެމުންދާ ވަރަކަށް ޞިއްޙީ ރީތި އާދަކާދަތަކަށް ހޭލުންތެރި އަދި އަހުލުވެރި ބަޔަކަށް އަޅުގަނޑުމެން އެބަވާންޖެހޭ ކަމުގައި ވިދާޅުވިއެވެ. އަދި ލޭމައްޗަށް ދިޔުމާއި، ހިތުގެ ބަލިތަކާއި، ހަކުރު ބައްޔާއި، ކިޑްނީގެ ބަލިތަކުން ދުރާލާ ރައްކާތެރިކަން ހޯދޭނީ، [ރައްކާވެ ތިބިއްޔާ ދަތުރޭ] ބުނެއުޅޭ މިސާލު، ޞިއްޙީ ކަންކަމުގައިވެސް އަޅުގަނޑުމެންނަށް ބަލައިގަނެވޭނެ މިންވަރަކުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.