ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި ހިންގަވާ ހުނަރު ޕްރޮގްރާމް ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙްކޮށްދެއްވައިފި

ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި ހިންގަވާ ހުނަރު ޕްރޮގްރާމް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ރޭ އިފްތިތާޙު ކޮށްދެއްވައިފިއެވެ.

މި ޕްރޮގްރާމްގެ ދަށުން ފުރަތަމަ ހިންގެވުމަށް ހަމަޖެހިފައިވަނީ، އިލެކްޓްރިޝަން ކޯހެކެވެ. މިކޯހުގެ ބައިވެރިންނާ މުޚާޠަބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ވަޒީފާއެއްނެތި ގިނަ ޢަދަދެއްގެ ޒުވާނުން ތިބިކަން ފާހަގަކުރައްވަމުން، އެފަދަ ޒުވާނުންނަކީ މަސައްކަތްތެރި، ހުނަރުވެރި ބަޔަކަށް ހެއްދެވުމަކީ، ސަރުކާރުގެ އަމާޒެއް ކަމުގައި ވިދާޅުވިއެވެ. އަދި މި ޕްރޮގްރާމް ރާއްޖޭގެ އެކިއެކި މަރްކަޒުތަކުގައި ހިންގެވުމަށް ހަމަޖެހިފައިވާ ކަމަށާއި، މި ޕްރޮގްރާމްގެ ސަބަބުން ރަށުގެ ތަރައްޤީއަށްވެސް މަގުފަހިވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޕްރޮގްރާމްގެ ހުރިހާ ބައިވެރިންވެސް ޙާޒިރީއަށް ފަރުވާ ބެހެއްޓުމަށާއި، ގަވާއިދުން ތަމްރީނުތަކަށް ޙާޒިރުވުމަށް ނަޞޭޙަތްތެރިވެވަޑައިގެންނެވިއެވެ.