ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޖަރުމަންގެ ޕްރޯމެޑް ކްލިނިކާ ހަވާލުކުރެއްވުމުގެ އެއްބަސްވުމުގައި ސޮއިކުރައްވައިފި

hep-radio-address

ސަރުކާރުން މަދަނައިގެ ޚިދުމަތް ފެށްޓެވީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯއްދަވައިދެއްވައި، ބޭސް ސިޓީއަށް ސަލާން ޖަހަން ނުޖެހި ބޭސް ފަރުވާ ހޯދޭނެ ނިޒާމެއް ޤާއިމްކުރުމަށްޓަކައި ކަމުގައި ރައިސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައިސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ޖަރުމަންގެ ޕްރޯމެޑް ކްލިނިކާ ހަވާލުކުރެއްވުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކުޅުދުއްފުށީ ތިލަދެކުނު ސިނަމާގައި ރޭ ބޭއްވެވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ލިބެން ހުރި ޞިއްޙީ ޚިދުމަތްތައް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދެއްވުމާއެކު ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެއްވުން ކަމުގައި ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން، މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މަދަނައިގެ ދަށުން ހެލްތް އިންޝުއަރެންސްގެ ޚިދުމަތް ލިބޭނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ދެމެހެއްޓެނިވި ތަރައްޤީ ލިބޭނީ ކޮންމެ މަސައްކަތަކީވެސް އޭގެ ޒާތުގައި ހިނގަހިނގާ ހުންނަ މަސައްކަތެއް ކަމަށް ހެދިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އަދި ޙަޤީޤީ ކުރިއެރުމެއް ހޯދޭނީ، އެމަސައްކަތެއް ކުރާއިރު ދަރަނިވެރި ނުވާ އުސޫލުން، ދެކޮޅުޖެހޭ ގޮތެއްގައި ކަންކަން ކުރެވިގެން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ރާއްޖޭގައި ޞިއްޙީ ޚިދުމަތްދޭ ހުރިހާ ތަންތަން 7 ސަރަޙައްދަކަށް ބަހާލެވި، 7 ހެލްތް ކޯޕަރޭޝަން އުފައްދަވައި، އެތަންތަނުގެ ދަށުން ޞިއްޙީ ޚިދުމަތްދޭ ތަންތަން ހިންގެވުމަށް ހަމަޖައްސަވާފައިވާއިރު، އެކޯޕަރޭޝަންތަކުގެ މަސައްކަތްތައްވެސް ވިޔަފާރި އުސޫލުން ހިންގަވަމުން ގެންދެވުމުގައި، ދެކޮޅުޖެހޭ ގޮތަކަށް ކަންކަން ރޭއްވެވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ޖަރުމަންގެ ޕްރޯމެޑް ކްލިނިކާ ހަވާލުކުރެއްވުމުގެ އެއްބަސްވުމުގައި، މަތި އުތުރު ހެލްތް ސަރވިސް ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ، މެނެޖިންގ ޑިރެކްޓަރ ބަދުރުއްދީން ޙަސަނާއި، ޕްރޯމެޑް ކްލިނިކްގެ ފަރާތުން އެ ކްލިނިކްގެ ރައީސް ނޯބަރޓް ސީސްއެވެ.