އަލްއުސްތާޛް ނ.ތ. ޙަސަންދީދީ އަވަހާރަވުމާ ގުޅިގެން އެ ޢާއިލާގެ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

10 ޖޫން 2010

nth-hassan-didi-450-x-234

މާފަންނު މާނެލް އަލްއުސްތާޛް ނ.ތ. ޙަސަންދީދީ އަވަހާރަވުމާ ގުޅިގެން އެޢާއިލާގެ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވީ އެބޭފުޅުންނާ މިއަދު ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަލްއުސްތާޛު ނ.ތ. ޙަސަންދީދީ އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއްވުމަށްފަހު، ރޭ މެންދަމު އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 85 އަހަރެވެ.
އަލްއުސްތާޛު އަލްމަރްޙޫމް ނ.ތ. ޙަސަންދީދީއަކީ 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި ވަރަށް އިޚްލާޞްތެރިކަމާއެކު ސަރުކާރަށް ޚިދްމަތް ކުރައްވާފައިވާ އަދި ސަރުކާރުގެ ތަފާތު މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. ފުރުއްވާފައިވާ މުހިންމު ބައެއް މަގާމުތަކުގެ ތެރޭގައި، މަދަރުސަތުލް ފަރީދިއްޔާގެ ފިރިހެން ގޮފީގެ ނާޒިރުގެ ނައިބު ކަމާއި، ވުޒާރަތުއް ތިޖާރާ ވައްތަމްވީނުގެ ވަކީލު ކަމާއި، ހުވަދުއަތޮޅުގެ އަތޮޅުވެރިކަމާއި، ވަޒީރުލްއަޢުޡަމް އޮފީހުގެ ޚާއްޞަ ވަކީލުކަން ހިމެނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ޕްރައިވެޓް ސެކްރެޓަރީ ކަމާއި، ވިޔަފާރި މިއަދުގެ އެޑިޓަރ ކަމާއި، ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގެގެ ޑިރެކްޓަރ ކަމާއި، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ވަކީލު ކަމާއި، ސީނިއަރ އަންޑަރ ސެކްރެޓަރީ ކަމާއި، ޑިރެކްޓަރ އޮފް އެކްސްޓެންޝަން ސަރވިސަސް ކަމުގެ މަގާމުވެސް ފުރުއްވާފައިވެއެވެ. ނ.ތ. ޙަސަންދީދީ އެންމެފަހުން ހުންނެވީ، އެންޓި-ކޮރަޕްޝަން ބޯޑުގެ ކޮމިޝަނަރ ކަމުގެ މަގާމުގައެވެ.
އަލްއުސްތާޛު އަލްމަރްޙޫމް ނ.ތ. ޙަސަންދީދީއަކީ “މިނިވަން 25″ގެ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އަދި ދިވެހި ދައުލަތުގެ އިސް މަގާމުތަކެއްގައި، ދިގު މުއްދަތެއްގައި ޚިދްމަތް ކުރައްވާފައިވުމާއެކު، އެކަމުގެ އަގު ވަޒަން ކުރައްވައި، މިއަދުގެ ސަރުކާރުން ޙަސަންދީދީއަށް ވަނީ “ދައުލަތަށް ގިނަދުވަހު ޚިދްމަތް ކުރެއްވި ޢިއްޒަތްތެރިޔާގެ ލަޤަބް” އަރުވާފައެވެ. މި ލަޤަބް ޙަސަންދީދީއަށް ދެއްވައި، އެކަމުގެ ލިޔުން ޙަވާލުކުރެއްވީ، މިއަހަރުގެ އޭޕްރިލް މަހުގެ 20 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެވެ.
އަލްއުސްތާޛު އަލްމަރްޙޫމް ނ.ތ. ޙަސަންދީދީއަކީ ވަރަށް ކުރިއްސުރެ ކަނޑުގެ މާޙައުލަށް ޝައުޤުވެރިކަން ބަހައްޓަވައިގެން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި އޭނާއަކީ ވެލާ ކަހަނބު ރާއްޖޭގައި މަދުވެދާނެ ކަމަށްޓަކައި 1970ގެ އަހަރުތަކުން ފެށިގެން ގިނަ ބަޔަކަށް އެކަން އޮޅުންފިލުއްވައި ދެއްވަން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. މިކަމުގެ ހެތްކަކަށް 1993 ވަނަ އަހަރު އޭނާ އެކުލަވައިލެއްވި “ދިވެހިރާއްޖޭގައި އުޅޭ ވެލާ” މިފޮތް ހިމެނެއެވެ. އަދި ހުވަދުއަތޮޅުގެ ތާރީޚާއި ހިނގި ބައެއް ކަންތައްތަކުގެ މަޢްލޫމާތު ހިމަނުއްވައިގެން ކުރީގެ “ހުވަދޫ އަތޮޅު” މިނަމުގައިވެސް އޭނާވަނީ ފޮތެއް ލިޔުއްވާފައެވެ. މީގެއިތުރުން ދަނޑުވެރިކަމުގެ ތަޖްރިބާކާރެއް ކަމަށްވާ މަޝްހޫރު ބުޓާނީ ރާއްޖެއަށް ޒިޔާރަތް ކުރެއްވިއިރު، އޭނާގެ އަރިހުގައި ރާއްޖޭގެ ވަރަށްގިނަ ރަށްރަށަށް ޒިޔާރަތް ކުރައްވައި، ދަނޑުވެރިކަން ތަރައްޤީ ކުރުމުގެ މަސައްކަތުގައި ޢަމަލީގޮތުން ޙަސަންދީދީ ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ކަނޑުގެ ތަޙުލީލުތައް ކުރުމުގައި މުޅި ދުނިޔެއަށް މަޝްހޫރު ބޭފުޅެއް ކަމަށްވާ ޔަކް ކުސްޓޫ، 1960ގެ އަހަރުތަކުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތް ކުރެއްވިއިރު، އެ ތަޙުލީލުތައް ކުރެއްވުމުގައި، އޭނާގެ އަރިހުގައި ސަބްމެރީންގައި މަސައްކަތް ކުރެއްވި ހަމައެކަނި ދިވެހި ބޭފުޅަކީ ނ.ތ. ޙަސަންދީދީއެވެ. މާލޭ ސަލްޓަންޕާކް ފަރުމާ ކުރައްވައި، އެތަން ހުޅުވިގެން އައިއިރު، އެތަނުގެ ކަންތައްތައް ބެލެހެއްޓެވުމުގައި އެންމެ އިސްކޮށް ހުންނެވި ބޭފުޅަކީވެސް ޙަސަންދީދީ އެވެ.
މީގެއިތުރުން އަލްމަރްޙޫމް ނ.ތ. ޙަސަންދީދީއަކީ ކުރެއްސެވުމުގެ ރޮނގުންނާއި، ފޮޓޯ ނެންގެވުމުގެ ރޮނގުންވެސް ވަރަށް ފަންނީ ބޭފުޅެކެވެ. ނޭޝަނަލް އާޓް ގެލެރީން މިއަހަރު ބޭއްވެވި ފުރަތަމަ މަޢްރަޒު ޚާއްޞަ ކުރެއްވީ، އަލްއުސްތާޛު ނ.ތ. ޙަސަންދީދީގެ ކުރެހުންތަކާއި ފޮޓޯތަކުގެ މައްޗަށެވެ. “ޕެއިންޓިންގ ޑްރީމްސް” މިނަމުގައި އޭޕްރިލް މަހުގެ 16 ވަނަ ދުވަހުގެރޭ އެ ގެލެރީން ބޭއްވެވި މަޢްރަޒު ހުޅުއްވައިދެއްވަމުން، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގައި، ޙަސަންދީދީއަކީ، އެއްވެސްކަހަލަ އަމިއްލަ އެދުންފުޅެއް އޮތް ބޭފުޅެއް ނޫން ކަމަށާއި، އެޢާއިލާގެ ބޭފުޅުންނަކީވެސް އެފަދަ ބޭފުޅުން ކަމުގައި ވިދާޅުވިއެވެ.
އަލްމަރްޙޫމް ނ.ތ. ޙަސަންދީދީއަށް ލިބިވަޑައިގަތީ 5 ބޭފުޅުންނެވެ. އެއީ، 4 ފިރިހެން ބޭފުޅުންނާއި، އަންހެން ބޭފުޅެކެވެ. އަންހެން ބޭފުޅާވަނީ މިދިޔަ އަހަރު އަވަހާރަވެފައެވެ.
އަލްމަރްޙޫމް ނ.ތ. ޙަސަންދީދީގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ، މިއަދު މެންދުރުނަމާދަށްފަހު މަސްޖިދުއް ސުލްޠާން މުޙަންމަދު ތަކުރުފާނުލްއަޢުޒަމްގައެވެ. ކަށުނަމާދުގައި ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.