ކޯޓުތައް ހަމަމަގަށް އަޅުވަން ރައްޔިތުން ނިކުންނަން ޖެހިދާނޭ ކަމަށް ވެސް އިބުރާ ރޭގެ ޖަލްސާގައި ވެސް ވިދާޅުވި
އިބްރާހީމް ރާމިޒް
ރައްޔިތުންގެ ވެރިކަން ސަރުކާރަށް އައިސްފައިވާ ކަމަށާއި އެހެން ނަމަވެސް އެ ވެރިކަން ކޯޓުތަކަށް އަދި ނާންނަ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރ އިބްރާހީމް އިސްމާޢީލް (އިބުރާ) ވިދާޅުވެއްޖެއެވެ.
“އަޅުގަނޑުމެން ސަލާމަތްވާން ޖެހޭ އެއް ކަން އެބައޮތް. ރައްޔިތުންގެ ބާރު އައިސްފައި މިއޮތީ ސަރުކާރު ހިންގުމުގައި މިހާރު. ރައްޔިތުންގެ ނިންމުން އަދި ނާދޭ ކޯޓުތަކަށް،” ރޭ އެމްޑީޕީ ހަރުގޭގައި އޮތް އެ ޕާޓީގެ އާންމު ޖަލްސާ އެއް ގައި އިބްރާ ވިދާޅުވި އެވެ
ކުރީގެ ރައީސް މަރުޙޫމް އިބްރާހީމް ނާސިރުގެ ދުވަސް ވަރުވެސް ވެރިކަމާއި، ފަނޑިޔާރުގެތަކާ އެއީ ތަފާތު ދެ މުޥައްސަސާ އެއް ކަމަށާއި، އެއް ބަޔަކު ކުރާ ކަންތައްތަކާ އަނެއް މުޥައްސަސާއަކުން ބެހެމުން ނުދާ ކަމަށެވެ. ނަމަވެސް މިހާރު ކޯޓުތަކުން ސިޔާސީ ކަންކަމާ ބެހެމުންދާ ކަމަށާއި، ސިޔާސީ ކަންކަމުގެ ތެރެއަށް ސްޕްރީމް ކޯޓުން މަޑުމަޑުން ވަންނަމުން ގޮސް ބަޔާންތައް ނެރޭ ހިސާބަށް ކޯޓުތަކުގެ ކަންތައް ގޮސްފައިވާ ކަމަށް އިބުރާ ވިދާޅުވިއެވެ. އަދި އެ ގޮތަށް ކޯޓުތަކުން ސިޔާސީ ކަންކަމާ ބެހެމުންދާ ނަމަ ކޯޓުތައް ހަމަމަގަށް އެޅުވުމަށް ރައްޔިތުން ނިކުންނަން ޖެހިދާނެ ކަމުގެ އިންޒާރު އިބުރާ ދެއްވިއެވެ.
އިބްރާ ވިދާޅުވީ މި ރާއްޖޭގައި މިއަދު މިއޮތީ ރައްޔިތުންގެ ވެރިކަމެކޭ ބުނެވިދާނެ ކަމަށާއި، މި ނޫނީ ދައުލަތުގެ ބާރު ވަކިކުރެވިގެން އައި އެއްވެސް ވެރިކަމެއް ރާއްޖޭގައި ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ފަނޑިޔާރުން ނިންމާ ނިންމުންތަކާ އެއްޗެއް ބުނުމުން ސުޕްރީމް ކޯޓުން އެކަމާ ދެކޮޅަށް ނުކުތުމަކީ މޭކަރާނެ ކަމެއް ނޫން ކަމަށް ވެސް އިބުރާ ވިދާޅުވިއެވެ.
ރޭގެ ޖަލްސާ ގައި އެމްޑީޕީގެ ޗެއަރޕާސަން އާއި އެ ޕާޓީގެ ނައިބު ރައީސް ވެސް ވާހަކަފުޅުދެއްކެވިއެވެ.
އެމްޑީޕީގެ ނައިބު ރައީސް އަލްހާން ފަހުމީ ވިދާޅުވީ އިސްލާމް ޝަރީއަތުގައި އޮންނަ ގޮތުން އިސްލާމީ ވެރިއަކަށް ބައިއަތު ހިފާ ވެރިކަމަށް ގެނައުމަށް ފަހު ފާޅުވެގެންވާ ކުފުރަކަށް އަމުރު ނުކުރާ ހިނދަކު މުސްލިމުން ތިބެންޖެހޭނީ އެ ވެރިއެއްގެ ފަހަތުގައި ކަމަށާއި، އަދާލާތު ޕާޓީން އެމްޑީޕީއާ ވަކިވީ އެއްވެސް ކުށެއް ރައީސް ނަޝީދު ކުރައްވައިގެން ނޫން ކަމަށެވެ.
އެމްޑީޕީގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކު ވިދާޅުވީ ސަރުކާރުން ރަގަޅަށް ވެސް އަދި ނުބައިކޮށް ވެސް ކަމެއް ކޮށްފައިވާނަމަ ކޯލިޝަނުގައި އޭރުތިބި ބަޔަކު އެކަމުގައި ހިމެނޭނޭ ކަމަށާއި، އެމްޑީޕީ އިއްތިހާދުން އެއްވެސް ބަޔަކު ވަކިވެ ދިއުމަކީ އުފާކުރާކަމެއް ނޫން ކަމަށެވެ.