އިބްރާހީމް ރާމިޒް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އާންމު ޖަލްސާ އެއް މިރޭ އެ ޕާޓީގެ މައި ހަރުގޭގައި އޮންނާނެއެވެ.
މިރޭ 9 ޖަހާއިރު ފަށާ މި ޖަލްސާ އަށް އެމްޑީޕީގެ މެންބަރުންނާއި، އެ ޕާޓީއަށް ތާޢީދުކުރައްވާ އަދި ހެޔޮއެދިވަޑައިގަންނަވާ އެންމެހާ ފަރާތްތަކުން ވަޑައިގެންދެއްވުމަށް އެ ޕާޓީން އެދެއެވެ.
މިރޭ މި ބާއްވާ ޖަލްސާ އަކީ މްޑީޕީން ކޮންމެ ހޯމަ ދުވަހެއްގެ ރޭ ބާއްވަމުން އައި ޖަލްސާތައް ބަރަކާތްތެރި ރަމަޟާން މަހަށް މެދުކަނޑާލުމަށްފަހު އެ ސިލްސިލާ ފެށުމުގެ ގޮތުން ބާއްވާ ޖަލްސާ އެއް ކަމަށް އެ ޕާޓީގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކު ވިދާޅުވިއެވެ. މިރޭގެ ޖަލްސާ އަށް ފަހު މިއަންނަ ހޯމަ ދުވަހުގެ ރެއިން ފެށިގެން ހަރުގޭގެ ސިލްސިލާ ޖަލްސާތައް ކޮންމެ ހޯމަ ދުވަހެއްގެރޭ ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް މޫސަ ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގެ މައިގަނޑު މަޢުޟޫއަކީ ދައުލަތާއި އަމިއްލަ ވެރިކަމެވެ. މި މަޢުޟޫއަށް ބިނާކޮށް އެމްޑީޕީގެ ޗެއަރޕާސަން އާއި، ބައެއް ވަޒީރުންނާއި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންގެ އިތުރުން ބައެއް އާންމު މެންބަރުން ވެސް ވާހަކަދައްކަވާނެއެވެ.