މެންބަރުންގެ ޚިޔާލު: އަދާލަތު ސަރުކާރުން ވަކިވުމުގެ ފަހަތުގައިވާ ބޮޑު މަންޒަރަށް ކަޅިއެއް

ފުނަމާ

ކުރީގެ ސަރުކާރުގައި އެސަރުކާރުން ކުރަމުންގެންދާ އެއްވެސް ކަމަކާ ނުރުހޭ ބަޔަކަށްނަމަ ކުރަމުން ގެންދިޔަ ޖެއްސުމާ، އަނިޔާތަކަކީ ދުވަހަކުވެސް ދިވެހީންގެތެރެއިން އެކަން ދެކެފައިވާ ބަޔަކަށް ނުދައްކައި ތިބެވޭނެ ވާހަކަތަކެއް ނޫނެވެ. އަނިޔާ ލިބުނީކީ ހަމައެކަނި ވަކި ފަންތިއެއްގެ ބަޔަކަށް އެކަންޏެއް ނޫނެވެ. ދީނީ ތައުލީމު ހާސިލްކޮށްގެން ރާއްޖޭގައި އުޅޭ އިލްމުވެރީންގެ ތެރެއިން ސަރުކާރުގެ ސިޔާސަތާ ޚިލާފުގޮތަކަށް ކިރިޔާ ވާހަކަ ދައްކާލާ މީހަކުވެސް އުމުރުގައި ބާކީއޮތްހާ ދުވަހެއް ހޭދަކުރާންޖެހެނީ ޖަލުގެ ތޭރިތަކުގެ އެތެރޭގައެވެ.
އަނިޔާވެރި ނުބައި ނުލަފާ ވެރިކަމުގެ ތެރެއިން ދިވެހީން ޒަމާނުގެ މިނިވަން އިސްލާމީ ޑިމޮކްރެޓިކް ވެއްޓަކަށް ނެރުމަށް ކެނެރީގޭ މުޙަންމަދު ނަޝީދާއި އެމަނިކުފާނުގެ ބައިވެރީން ކުރި މަސައްކަތުގެ ނަތީޖާ އެންމެ ފުރަތަމައިންވެސް ފެންނާންފެށީ އޭރުގެ ސަރުކާރުން ގަދަފައި ވިއްދައިގެން އޮބަހައްޓަނިކޮށް ރާއްޖެއިން ބޭރުގައި ދިވެހީންނަށް ނިސްބަތްވާ ސިޔާސީ ޕާޓީއެއް އުފެއްދި ހިސާބުންނެވެ. މިކަންވެސް ގަބޫލުނުކުރާން ސަރުކާރުން އެތަކެއް ހުއްޖަތްތައް ދައްކަމުން ދިޔަނަމަވެސް ދިވެހީންގެ ސިކުނޑިތަކުން ނެއްޓުނުތަޅު އަނބުރާލެވޭނެ ގޮތެއް ސަރުކާރަކަށް ނުހެދުނެވެ. ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީ ހެދުމުގެ ގަރާރު ފާސްކޮށް އެކަމަށް ހުއްދަދިނުމަށް އޭރުގެ ސަރުކާރަށް މަޖުބޫރުވެގެން ދިޔައީއެވެ. މިލިބުނު ފުރުސަތުގެ ބޭނުންކޮށް އެމްޑީޕީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ވުޖޫދަށް އައިސް އިސްލާހީ މަސައްކަތުގައި ފައިހަރުކޮށްލުމާއެކު މިކަމާ އިދިކޮޅަށް އޭރުގެ ސަރުކާރު ހިންގާންހުރި މީހާވެސް ސިޔާސީޕާޓީއެއް އުފެއްދިއެވެ. ހަމައެހެންމެ ދީނީ ޖަމާއަތެއްގެ ނަމުގައި އަދާލަތު ޕާޓީވެސް އުފެދިގެން އައީއެވެ. އިސްސަފަށް ބަލާލާއިރު އެޕާޓީގައި ގިނައިން ފެންނާންތިބީ ކުރީގެ ސަރުކާރުން ބޮޑެތި އަނިޔާތައް ދީފައިވާ ދީނީ އިލްމުވެރީންނެވެ.
އަނިޔާވެރި ޚުދުމުޚުތާރު ވެރިކަން ބަދަލުކުރުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ވެރިކަން ބަދަލުވެ ގިނަވައުދު ތަކަކާއެކު އެމްޑީޕީން ވެރިކަމާ ހަވާލުވިއިރު އަދާލަތުޕާޓީ އޮތީ ސަރުކާރު ހިންގާ ޕާޓީއާއި އެކުގައި ކޯލިޝަން ހަދައިގެންނެވެ. ނަމަވެސް އެމްޑީޕީއާ އޮންނަ ގުޅުމަށްވުރެ ގާތްގުޅުމެއް އަދާލަތުގެ އިސްބައެއް ފަރާތްތަކާ ޖުމްހޫރީޕާޓީއާއި ދެމެދު އޮންނަކަމުގައި ދިޔައީ ވާހަކަދެކެވެމުންނެވެ. ޚާއްސަކޮށް ޖުމްހޫރީޕާޓީގެ ލީޑަރ މިސަރުކާރުން ވަކިވި ހިސާބުން މިކަން މާބޮޑަށް ފާހަގަ ކުރެވެން ފެށިއެވެ. އަދި އެހިސާބުން އަދާލަތުޕާޓީގެ ބައެއް ފަރާތްތަކުން ފާޅުކަން ބޮޑުގޮތެއްގައި ސަރުކާރަށް ފާޑުކިޔައި ޖެއްސުމުގެ ކަންތައްތަކެއް ކުރަމުން ގެންދިޔަކަން ފާހަގަ ކުރެވެއެވެ. އެކިނަންނަމުގައި މުޒާހަރާކޮށް ސަރުކާރާ އިދިކޮޅަށް މަސައްކަތް ކުރަމުން ގެންދާތަން ތަކުރާރުކޮށް ފެންނާން ފެށިއެވެ.
އަދާލަތުގެ ވަކިބަޔަކު އިސްވެ ސަރުކާރާ އިދިކޮޅަށް އަޑުއުފުލުމުގެ ބޭނުމަކީ ” އަތްނުލައި އައްދޮ ” ކިއުއްވައިގެން ދެޕާޓީގެ މެދުގައި ވެފައިވާ މުއާހިދާ ސަރުކާރުން އުވާލާތޯ ބެލުންކަމުގައި އެއްބަޔަކު ބުންމުން ގެންދިޔައެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ސިޓީހޮޓާ ތަރައްގީ ކުރުމުގެ ހުއްދަ ދިނުމާއެކު އެފަދަ ތަންތަނުގައި ބަނގުރާ ވިއްކުމާމެދު އުފެދުނު ޚިޔާލުތަފާތުވުން ތަކުގައި އަދާލަތުން މޭޒުދޮށުގައި ސަރުކާރާ ވާހަކަދެއްކުމަށް އެޕާޓީގެ ބައެއް ފަރާތްތަކުން ބާރުއަޅަމުން ގެންދިޔަ ނަމަވެސް ސަރުކާރުން ވަކިވެގަތުމަށް ފުރުސަތު ހޯދުމަށް ބޭނުންވެފައިވާ އެޕާޓީގެ ފަރާތްތަކުން ނުކުތީ ސަރުކާރާ އިދިކޮޅަށް މުޒާހަރާ ކުރުމަށް މަގުމައްޗަށެވެ. ސަރުކާރު ހިންގާ ޕާޓީގެ އިސްބައެއް ފަރާތްތަކުން އަދާލަތާއެކު ވެފައިވާ އެއްބަސްވުން އުވާލުމަށް ގޮވާލަމުން ދިޔަނަމަވެސް ސަރުކާރުން އެކަންއެގޮތައް ކުރާން ބޭނުންނުވެ ގެންދިޔައީ އަދާލަތާ އެކު ކުރިއަށް ދަމުންނެވެ. ނަމަވެސް ކޮޅެއް ހޯދުމުގެ ބޭނުމުގައި ތަފާތު އެކިއެކި މުޒާހަރާތައް އެކިނަންނަމުގައި ކުރަމުން އަދާލަތުގެ ޖެއްސުން ކުރުންތައް އިތުރުކުރާން ފެށިއެވެ. މީޑިޔާތަކުގައި ސަރުކާރަށް ބަވައި ކަލަގޮވަމުން ގެންދިޔައެވެ. ނަމަވެސް ސަރުކާރުން ކެއްތެރި ކަމާއެކު ކުރިޔަށްދިޔައީއެވެ. އެންމެފަހުން ދެންފެނިގެން ދިޔައީ ސަރުކާރުގެ ސްޓޭޓު މިނިސްޓަރއެއްގެ މަގާމުގައި ހުރި އަދާލަތުގެ އިސްމީހަކު އެމަގާމުން އިސްތިއުފާ ދީފައި ނުކުމެ ޖުމްހޫރީޕާޓީގެ މަސްލަހަތު އޮންނަ މުއައްސަސާއެއްގެ އިސްވެރިއެއްގެ މަގާމުގައި ފައިހަރުކޮށްލި ތަނެވެ. ގިނަދުވަހެއްނުވެ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ކެމްޕޭނުގައި އިސްކޮށް އުޅުނު މީހަކަށް އަދާލަތުގެ އެންމެ އިސްމަގާމު ފުރޮޅާލުމުން ޖުމްހޫރީ ޕާޓީގެ ނުފޫޒުގެ ދަށުގައި އަދާލަތު ޕާޓީ ޖެހިފައިވާ ކަމުގައި ކުރީން ސިއްރުން ދައްކަމުން ގެންދިޔަ ވާހަކަތަކުގެ އަޑު ބާރުވާންފެށިއެވެ. އަދި އަދާލަތުން ބަނގުރަލޭ ، އަރަބިއްޔާއޭ ، މަންހަޖޭ ، ގޮވަމުންދިޔައީ ބަހަނާއެއްގެ ގޮތުގައިކަން މީހުންނަށް އެނގިގެން ދިޔައެވެ. އަދި މިހާތަނުން އަދާލަތުގެ އެތެރޭގައިވެސް ހަމަނުޖެހުންތަކެއް އުޅޭކަމުގައި އިވެންފެށިއެވެ.
އަދާލަތުގެ މެންބަރުންގެ ތެރެއިން ދެހާސްމީހުންވެސް ހަމަނުވާ އަދަދެއްގެ ވޯޓުން އަދާލަތުގެ ލީޑަރޝިޕު ބަދަލުވެގެން ދިޔައިރު އިސްމަގާމުތަކަށް ޑިމޮކްރެޓިކް އުސޫލުން ވާދަކުރާނެ ގިނަނަންތަކެއް ނެތުމަކީ އަދާލަތުން ޑިމޮކްރަސީއާއި ބީރައްޓެހިކަން އަންގައިދިން ކަމެކެވެ. ނަމަމެސް އެމީހުންގެ ވިސްނުމާ އެއްގޮތަށް އެކަންއެވަނީ ނިމިގެން ގޮސްފައެވެ. ހަރުކަށި ކަމުގައި ހައްދުފަހަނަ އަޅާފައިވާ ގޮތްތަކެއް ފާޅުކަން ބޮޑުގޮތެއްގައި ގެންގުޅެމުން ގެންދިޔަ ބަޔަކު އިސްސަފަށް ނުކުމެ ކެނޑިނޭޅި ގޮވާންފެށީ ޔަހޫދީންނާއި މިސަރުކާރާ ދެމެދު ސިއްރު އެޖެންޑާއެއް އޮންނަ ކަމުގައެވެ. ކޮންމެވެސް ތާކުން ކޮންމެވެސް ކަރުދާސްގަނޑެއް ނެރެގެން މިވާހަކައެއް ދައްކައި ، މިސަރުކާރުން ފަލަސްތީނާ އިދިކޮޅަށް އދ ގައި ވޯޓުދޭނެކަމުގައި ވަރަށް ސާބިތުކަމާއެކު އަދާލަތުގެ ދޫތަކުން ގޮވަމުން ގެންދާންފެށިއެވެ. މިހުރިހައި ކަމަކީވެސް އެމްޑީޕީން އިސްވެ އަދާލަތުޕާޓީ އާއި ދެމެދު ވެފައިވާ އެއްބަސްވުން އުވާލާތޯ ކުރަމުންގެންދާ މަސައްކަތް ތަކެއް ކަމުގައި އެއިރުވެސް ގިނަމީހުން ބުނަމުން ގެންދިޔައެވެ. ނަމަވެސް އާރާއި ބާރާއެކުއޮތް ނަމަވެސް އެމްޑީޕީން އެެފަދަ ފިޔަވަޅެއް ނޭޅިއެވެ. އެމްޑީޕީގެ ވެރީން ގެންދިޔައީ ، މިވަނީ ކީއްކަން ރަނގަޅަށް އެނގިގެން ކެއްތެރި ކަމާއެކު ކުރިއަށް ދަމުންނެވެ. ނަމަވެސް އަދާލަތުގެ ” ދެފުށްދެގޮތްކަން” ފާޅުވެގެން މިދިޔައީ ކުއްލިއަކަށް އެޕާޓީން ސަރުކާރު ހިންގާޕާޓީއާ އެކުވެފައިވާ އެއްބަސްވުން އުވާލުމުންނެވެ. މިހެން ދަންނަވާން ޖެހެނީ އެދުވަހަކީ އދ ގައި ރާއްޖެއިން ފަލަސްތީނާ ފުރިހަމަޔަށް އެއްބާރުލުންދޭނެ ކަމުގައި ބުނިދުވަހެވެ. ހަމައެހެންމެ ފަލަސްތީނުގެ ރައްޔިތުންނާއި ކޮނޑާ ކޮނޑު ޖައްސައިގެން މަސައްކަތް ކުރުމަށް ދިވެހިސަރުކާރު އޮތްކަމަށާއި އިޒުރޭލާ އެކުގައި މިސަރުކާރުން ވާހަކަދައްކަނީ ހަމައެކަނި ފަލަސްތީނުގެ ރައްޔިތުންނަށް ޓަކައި ކަމުގަޔާއި، އިޒުރޭލުގެ ސަބަބުން ފަލަސްތީނުގެ މިނިވަންކަމަށް ކުރެވޭ މަސައްކަތަށް ބުރޫއަރައިފިނަމަ ސަރުކާރުން އިޒުރޭލާ ދައްކަމުން ގެންދާ ވާހަކަތައް ހުއްޓާލާނެ ކަމުގެ އިންޒާރު ރާއްޖޭގެ ޚާރުޖީވަޒީރު ދެއްވީވެސް އެވަގުތު ކަމުގައި ވުމުން ފިސާރި ރުޅިއައިސްގެން އަދާލަތުން އެންމެފަހުން ސަރުކާރާ ވަކިވީ އެހާތަނަށްވެސް އެމީހުން ދައްކަމުން އައިހާ ވާހަކައަކީ ދެފުށްދެގޮތް ވާހަކައެއް ކަމުގައި ވާތީކަމުގައި ދަންނަވާނެ ޖާގަ އެބައޮތެވެ. އަދާލަތު ޕާޓީއިން ސަރުކާރާ ވަކިވީ އިޒުރޭލާ އިދިކޮޅަށް މިސަރުކާރުން ފާޅުކަން ބޮޑުގޮތެއްގައި ބަސްބުނުމުން އެކަމާ ރުޅިއައިސް އެކަން ހަޖަމު ނުކުރެވިގެންކަން މިއޮތީ ފެންނާށެވެ. އެނޫން ކޮންމެ ކަމެއްގެ ވާހަކަދައްކައި މުޒާހަރާ ކުރިއިރުވެސް ތިއްތިކޮށް އަދާލަތުއޮތީ ސަރުކާރުގައި ” އަމިއްލަ ބާލީހަށް ބަންޑާރަކަފަ ” ލައްވައިގެން ގުގުރި ދަމާށެވެ. އެހެންކަމުން ސަރުކާރާ އިދިކޮޅު ޚިޔާލުގައި ބާރަށް ހަޅޭއްލެވި އަދާލަތުގެ ބައެއްމީހުންގެ މޫނުމަތީގެ ސިފަގަނޑުގެ ފުރަގަހުގައި ފޮރުވިފައިވާ ސިކުނޑީގެ އިޔަހޫދިކަން މިއޮތީ ފާޅުވެ ފެންނާށެވެ