ހޯރަފުށީގައި ސަރުކާރުން އަޅުއްވާ އާ މިސްކިތުގެ ބިންގާ ރައީސުލްޖުމްހޫރިއްޔާ އަޅުއްވައިދެއްވައިފި

ހޯރަފުށީ ޞިއްޙީ މަރްކަޒުގައި ޤާއިމު ކުރެވުނު ޓެލެމެޑިސިން ޔުނިޓް ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙްކޮށްދެއްވައިފި

hep-hoarafushi-1

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ތިލަދުންމަތީ އުތުރުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ހއ. ހޯރަފުށީގައި ސަރުކާރުން އަޅުއްވާ އާ މިސްކިތުގެ ބިންގާ މިއަދު ހެނދުނު އަޅުއްވައިދެއްވައިފިއެވެ.
ހޯރަފުށީ މިސްކިތުގެ ބިންގާ އަޅުއްވައިދެއްވުމަށްފަހު، މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދީނީ ކަންތައްތައް ސަރުކާރުން ގެންދަވަނީ، ދީނީ ދަންނަބޭކަލުންގެ އިރުޝާދުގެ މަތިން ކަމުގައި ވިދާޅުވެ، ދީނީ ކަންކަމަކީ، އެކަމުގެ ހުނަރު ލިބިގެން، ޒަމާނީ ހޭލުންތެރިކަމާއެކު މިހާރު ކުރެވެން އޮތް ކަމެއްކަން ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދީނާ ގުޅޭ ކަންކަން ހިންގަވައި ދެއްވުމުގަޔާއި ލަފާދެއްވުމުގަޔާއި، ސިޔާސީ ގޮތުންވެސް ސަރުކާރަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި ލަފާފުޅުތަކަށްޓަކައި މިނިސްޓަރ އޮފް އިސްލަމިކް އެފެއާޒް ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރުއަދާކުރެއްވިއެވެ.
ހއ. އަތޮޅު މަދްރަސާގައި ޢިމާރާތް ކުރެވޭ 12 ކްލާސްރޫމްގެ މަސައްކަތްތައް ހިނގަމުންދާގޮތް ރައީސުލްޖުމްހޫރިއްޔާ މިއަދު ހެނދުނު ބައްލަވައިލެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ، އެ މަދުރަސާއަށް ކުރެއްވި މި ޒިޔާރަތުގައި، އެ މަދުރަސާގެ އިސްވެރިންނާއި މުދައްރިސުންނާ ބައްދަލުކުރައްވައި، ކިޔަވައިދިނުމުގެ ކަންތައްތައް ހިނގަމުންދާ ގޮތުގެ މަޢުލޫމާތު ހޯއްދެވިއެވެ.
ހޯރަފުށީ ޞިއްޙީ މަރުކަޒުގައި ޤާއިމު ކުރެވުނު ޓެލެ-މެޑިސިން ޔުނިޓްވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު ހެނދުނު އިފްތިތާޙްކޮށްދެއްވިއެވެ. މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، އަބޫދާބީ ފަންޑުގެ އެހީތެރިކަމާއެކު، ރާއްޖޭގެ 35 ރަށެއްގައި ޤާއިމުކުރެވޭ ޓެލެމެޑިސިން ޔުނިޓްތަކަކީ، ޞިއްޙީ ދާއިރާގައި ޒަމާނީ ޓެކްލޮޖީގެ ވަސީލަތްތައް ބޭނުންކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ތެރެއިން މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ.
ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މަދަނައިގެ ދަށުން ހެލްތް އިންޝުއަރެންސްގެ ޚިދުމަތް ފޯރުއްވައިދެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބައްލަވައިލެއްވިއެވެ. މިގޮތުން ކުރިއަށް އޮތްތަނުގައި މަދަނައިގެ ދަށުން ޔުނިވަރސަލް ހެލްތް ކަވަރޭޖް ފޯރުކޮށްދިނުމަށް ޤާނޫނީ ގޮތުންކުރަންޖެހޭ މަސައްކަތްތައް މިހާރުދަނީ ކުރެވެމުން ކަމަށާއި، އެކަމާ ގުޅޭގޮތުން ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި އެ ބިލް މިހާރު އޮތީ ރައްޔިތުންގެ މަޖިލީހުގައި ވޯޓާ ހަމައަށް ދިޔުމާ ހިސާބުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ ހުރިހާ ދާއިރާއެއްގައިވެސް ޚިދުމަތްތައް ރަނގަޅުކުރުމަށް މަސައްކަތްކުރެއްވުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، ޓެލްމެޑިސިންގެ ޚިދުމަތް ތަޢާރަފްވުމުން ރައްޔިތުންނަށް ލިބިގެންދާނެ ފަސޭހަތަކުގެ މައްޗަށްވެސް އަލިއަޅުއްވައިލެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ހޯރަފުށީ ޞިއްޙީ މަރްކަޒުގައި ޓެލެމެޑިސިން ޔުނިޓް ޤާއިމުކުރުމުގެ މަސައްކަތް މިހާ ކާމިޔާބުކޮށް ކުރިއަށް ގެންދެވިކަމަށްޓަކައި، މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީ ޑޮކްޓަރ އާމިނަތު ޖަމީލަށާއި، ހެލްތް ކޯޕަރޭޝަނަށާއި، ޤައުމީ އިދާރާއަށާއި، އަދި މިމަސައްކަތުގައި ހަރަކާތްތެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.