މެންބަރުންގެ ޚިޔާލު: ދެންފެންނާނީ އެމީހުންގެ އަސްލު ސިފައެވެ

ފުނަމާ

ރާއްޖޭގައި ސުލްހަވެރި ކަމާއެކު ކުރީން މީސްތަކުން ތަބާވެ ދީނުގެ ކަންކަން ކުރަމުން ގެންދިޔައީ ސުންނަތް ޖަމާއަތުގައި ހިމެނޭ ޝާފިޢީ މަޒުހަބުގެ އުސޫލުތަކުގައި ހިފަހައްޓައިގެންނެވެ. ރާއްޖޭގެ މީސްކޮޅުގެ މަދުކަމާއިއެކު އެތަކެއް ޒަމާންވަންދެން ދީނީ ހަމަނުޖެހުމެއް ނެތި މިގައުމުގައި މީސްތަކުން އުޅެމުން އައިސްފައިވަނީ މިކަމުގެ ސަބަބުންނެވެ. ތެދެކެވެ. އިސްލާމީ ބައެއް ޢިލްމުވެރީން އެވިދާޅުވާފަދަ “ޒިޔާރަތްތަކަށް ނަދުރުބުނުންފަދަ ” ބައެއް ކަހަލަ ބިދުއަތައް ރާއްޖޭގައި އެއިރު ނެތެކޭ ދަންނަވާކަށް ނެތީމެވެ. ނަމަވެސް ޒަމާނާ އެއްގޮތަށް މީހުން ހޭލުންތެރިވެ ޢިލްމީގޮތުން ކުރިއަރައިދާން ފެށުމުން މިފަދަ ކަންކަން މަޑުމަޑުން ރާއްޖޭގެ މުޖުތަމައުން ދިޔައީ ނެތެމުންނެވެ. ނަމަވެސް ދީނުގެ އަސްލު އުސޫލުތަކާ ޚިލާފަށް ވަކިގޮތަކަށް ދީނުގެ ކަންކަން ބައްޓަން ކުރުމަށް ފަހަކަށްއައިސް ދީނީ އިލްމުވެރީންނޭ ކިޔައިގެން ބަޔަކުނުކުމެ ކުރާންފެށި މަސައްކަތްތަކެއްގެ ސަބަބުން ރާއްޖޭގައި ދީނީ ހަމަނުޖެހުންތަކަށް އައީ މަގުފަހިވަމުންނެވެ. ވަކިގޮތަކަށް މޫނުމަތީގެ ސިފަ ނުބަހައްޓާ އަދި، ހެދުން ނުބަހައްޓާ ފިރިހެނުންނާއި ވަކިކުލަޔަކުން ވަކިގޮތަކަށް މެނުވީ ހެދުން ނާޅާ އަންހެނުންނަކީ ކާފަރުން ކަމުގައި ގޮވަމުން ގެންދިޔަ ބަޔަކު މިގައުމުގެ ތެރޭގައި ތިމަންނާމެންނަކީ ހަމައެކަނި އިސްލާމްދީން އެނގޭ މީހުން ކަމުގައި ގޮވައި ނަގަމުން ގެންދިއުމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންގެ ތެރޭގައި ދީނީ ބައިބައިވުން އުފެދި ބޮޑެތި ހަމަނުޖެހުންްތަކެއް ދިޔައީ އުފެދެމުންނެވެ. ފަރުޟު ފަސްނަމާދު ކުރުމަށްވެސް ކުރާންވީގޮތެއް ނުކުރާންވީ ގޮތެއް ނޭނގޭ ހިސާބަށް ކަންކަން ދިޔައީ ދަމުންނެވެ. ދީނީ ދަންނަބޭކަލުންނޭ ކިޔާ ބައެއް މީހުން ދައްކާ ވާހަކަތަކުގެ ސަބަބުން ތިމާމެންގެ މުޅިއުމުރުގައި ކުރެވުނު އަޅުކަމާއި ކުރެވުނުހާ ހެޔޮކަމެއް ގެއްލިގެން ގޮސްފައިވާ ކަމުގައި ހީވެ ބައެއްމީހުން ހިތާމަކޮށް ރޮއެހަދާ މިންވަރަށް އެމީހުންގެ ބަސްމަގު ދިޔައީ ބަދަލުވެގެންނެވެ.
ޅަދަރީންނަށް ދުނިޔަވީ ތަޢުލީމު ދިނުމާއި އަރަބިބަހާއި އޮރުދޫބަސް ފިޔަވައި އެހެން ބަހަކުން ކިޔަވައި ދިނުމަކީވެސް ހަރާމް ކަމެއް ކަމުގައި ބަޔަކު މިއަދުވެސް މިގައުމުގައި ބުނަމުން އެބަގެންދެއެވެ. އަންހެންދަރީން ޚިތާނުކުރުމާއި އަޅުންނާއި ، ޖާރިޔާއިން ގެންގުޅުމަށް ހިއްވަރު ދެމުން ބަޔަކު އެބަގެންދެއެވެ. ތުނބުޅި ބަހައްޓައި މަތިމަސް ކުރުކޮށް ފައިކުރި ބުރިނުކުރާ މީހަކީ ކާފަރެއް ކަމުގައި ބުނެ އެފަދަ މީހުންނާއި ސަލާމް ނުކުރުމަށްވެސް ގޮވަމުން ގެންދެއެވެ. އަންހެން ކަބަލުންގެ ދެލޯ ފިޔަވައި ހަށިގަނޑުގެ އެއްވެސް އެހެންތަނެއް ފެންނަގޮތަށް ހެދުން އަޅާނަމަ އެއީ އަޅުއަންހެނުން ކަމުގައި ބުނެ އެފަދަ އަންހެން ކަނބަލުންގެ އިއްފަތް ތެރިކަމަކީ އެންމެންގެ ހައްގެއް ކަމުގައި ގޮވާލާ ބަޔަކު މިރާއްޖޭގައި އެބައުޅެއެވެ. އަދިމިއަށްވުރެ ނުރައްކާތެރި ކަމަކީ ޒުވާނުންނަށް މަތީތައުލީމު ހޯދައިދިނުމުގެ ނަމުގައި ދުނިޔޭގެ ބައެއް ގައުމުތަކަށް ފޮނުވައި އެގައުމުތަކުގައި ޖަގަހަ ހަދައިގެން ފިލާތިބެ ޖިހާދީންގެ ނަމުގައި ޓެރަރިސްޓުން ތަމްރީނުކުރާ ޖަމާއަތްތަކާ ހަވާލުކޮށް ތަމްރީނު ކުރުވަމުން ގެންދާ ކަމުގެ ވާހަކަ ދެކެވެމުންދާކަމެވެ. މިކަމަށް ދަލީލު ލިބެނީ ދުނިޔޭގެ މިފަދަ ޓެރަރިސްޓު ޖަމާއަތްތަކުގެ ތެރޭގައި ހަރަކާތްތެރި ވަމުން ގޮސްފައިވާ ބައެއް ދިވެހި ޒުވާނުން އަތުލައި ގަނެވިފައިވެސް ވާކަމުންނެވެ.
ރާއްޖޭގެ އާގާނޫނު އަސާސީ އިން ލިބިދިން ބައެއް ހައްގުތަކުގެ ބޭނުން ކޮށްގެން ކަމުގައި ބުނެ ދީނީ ޖަމާއަތްތައް މިފަހަކަށްއައިސް ހަދަމުން ގެންގޮސްފައިވެއެވެ. މިއެންމެންގެ މެދުގައިވެސް މަޒުހަބީ ތަފާތުތައް ހުރިކަން ފާހަގަކުރެވެނީ މިމީހުންގެ ވާހަކަތައް ތަފާތުވެފައި އެއްކަމަކާ ގުޅޭގޮތުން ދެބަޔަކު އެކައްޗެކޭ ނުކިޔާތީއެވެ. އަދި ސުލްހަވެރިކަމާ މަޝްވަރާ ކުރުންދޫކޮށް އެބައެއްގެ ގޮތުގައި ހިފަހައްޓައި މުޖުތަމައުގައި ދީނީގޮތުން ހަމަނުޖެހުން އުފެއްދުމަށް ބާރުއަޅަމުން ގެންދިއުމުގެ ސަބަބުން ބަޔަކު އެމީހުންނަށް ހެއްލި ދިޔައެއްކަމަކު ގިނަމީހުންގެ ހިތުގައި ދިޔައީ މިމީހުންގެ މައްޗަށް ނަފުރަތު އުފެދެމުންނެވެ. ރާއްޖޭގެ ރައްޔިތުންނަކީ ދީނަށް ލޯބިކުރާ ބައެއްކަމުން ދީނީ ގޮތުން ދެވޭ ދަރުސުތައް އަޑުއަހާލަން ދިޔަނަމަވެސް އެފަދަ ދަރުސުތައް ވަކިހިސާބަކުން ސިޔާސީވެ މިގައުމަށް ޒިޔާރަތްކުރާ ފަތުރުވެރީންވެސް މިގައުމަށް އެރިޔަ ނުދިނުމަށް ގޮވާލައި އެކަމަށް ހިއްވަރުދޭނެ މީހުން ތެދުވުމަށް ގޮވާލާ ހިސާބުން ދަރުސު އަޑުއަހާން ހާޟިރުވެ ތިބޭ ގިނަމީހުން އެނބުރިދަނީ ފޫހިވެގެންނެވެ.
ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ސިޔާސީ ގޮތުން ހަރަކާތްތެރިވާ ކަމުގައި މިހާތަނަށް ބެލެވެމުންއައި ދީނީ ޖަމާއަތަކީ އަދާލަތު ޕާޓީ ކަމުގައި ދެބަހެއް ނުވެވޭނެއެވެ. ކުރީގެ ސަރުކާރުގެ ލާދީނީ ސިޔާސަތާއި އިސްލާމްދީން މިގައުމުން ފޮހެލުމަށް އެސަރުކާރުން ކުރަމުން ގެންދިޔަ މަސައްކަތް ތަކުގެ ސަބަބުން އެކަމާ އިހުތިޖާޖުކޮށްހެދި ފަރާތްތަކަށް އެސަރުކާރުން ދިންބޮޑެތި އަނިޔާތަކާ އިދިކޮޅުވި ބަޔަކާއި ދީނަށް ލޯބިކުރާ ބަޔަކު އެކުވެގެން އުފެއްދި އެޕާޓީގެ ތެރެއަށް ހަރުކަށި ހައްދުފަހަނަ އަޅާފައިވާ ބަޔަކުވަދެ ޕާޓީގެ އަސްލު ތަސައްވުރު ބަދަލުވާން ފެށި ހިސާބުން އެޕާޓީއަށް ވަންނާން ބޭނުންވެފައިވާ މީހުންވެސް އެކަމަށް ފަސްޖެހި އަދި ކުރީން އެޕާޓީގައި އުޅުނު ގިނަބަޔަކުވެސް ވަކިވަމުން ދާކަމީ ފެންނާންއޮތް ހަގީގަތެކެވެ. ސަރުކާރާ ގުޅިގެން އަދާލަތު ޕާޓީއިން ރާއްޖޭގެ އިސްލާމީ ވެށި ހިމާޔަތްކޮށް ކުރިއެރުވުމަށް ކުރަމުން ގެންދިޔަ މަސައްކަތް ތަކަކީ އެޕާޓީއާއި ގުޅިފައިވާ ހަރުކަށި މީހުންނަކަށް ހަނުތިބެވޭނެ ކަމަކަށް ނުވުމާއެކު ޕާޓީގެ ލީޑަރޝިޕު ހައިޖެކްކޮށް އެންމެ ދެހާސްމީހުންވެސް ހަމަނުވާ ވޯޓެއް ނަގައިގެން ހައްދުފަހަނަ އަޅާފައިވާ ބަޔަކު އެޕާޓީގެ ލީޑަރޝިޕަށް ގެނައި ހިސާބުން ދެން މިގައުމުގައި އަދާލަތު ޕާޓީ އޮވެދާނެ ކަމުގައިވެސް ޚޮދު އެޕާޓީއަށް ލޯބިކުރާ ބަޔަކުވެސް ގެންދިޔައީ ޝައްކުކުރަމުންނެވެ. ކަންމިވީވެސް ހަމައެހެންނެވެ. މާގިނަދުވަސްތަކެއްނުވެ އަދާލަތުޕާޓީގެ މިހާރުގެ ވެރީންގެ ބޮޑާހޭކުމާ ، ނޭއްގާނިކަމާ ، ކިބުރުވެރި ކަމުގެ ސަބަބުން އެޕާޓީއަށް ސަރުކާރުގެ ތެރެއިން ލިބިދީފައިއޮތް ފުރުސަތުވެސް ދޫކޮށްލައި މިގައުމުގައި އިތުރު ބައިބައިވުންތަކެއް އުފެއްދުމަށް އެވަނީ މަސައްކަތް ފަށާފައެވެ. ދީނުގެ ނަމުގައި ލާދީނީ ކަންކަން ފަތުރަމުން ގެންދާ މިފަދަ މީހުން ދުނިޔޭގެ ބައެއް ގައުމުތަކުގައި އެއުޅޭހެން ތަންތަން ގޮއްވައި މީހުން މަރައި ހެދުމަކީ މިކުޑަކުޑަ މުޖުތަމައުގައި ކުރެވިދާނެ ކަމެއް ކަމުގައި އެމީހުންނަށް ހީކުރެވޭނަމަ އެކަމަކީ އެމީހުންގެ އަމިއްލަ ކަށްވަޅު އެމީހުން އަމިއްލަޔަށް ކޮނުން ކަމުގައި ވެދާނެ ކަމުގައި އެއްބަޔަކު ގަބޫލުކުރެއެވެ. އެހެނީ ފިލައި ތިބެގެން މިގައުމުގެ ތެރޭގައި އެފަދަ ކަންކަން ހިންގޭވަރަށްވުރެ މިގައުމު ކުޑައެވެ. ނަމަވެސް އަނެއްބަޔަކު ދެކޭގޮތުގައި މިފަދަ މީހުންނަކީ އަމިއްލައަށް ގައިގައި ބޮންހަރުކޮށްގެން ފުރާނަ ދުއްވާލައިގެންވެސް އެމީހުން ނުރުހޭ ބަޔަކު މަރާލުމަށް ހުވާކޮށްގެން އެފަދަ ތަމްރީނުތަކެއް ހޯދައިގެން އުޅޭ ބައެކެވެ. މިފަދަ ބައެއް މީހުންގެ ފަރާތުން މިރާއްޖޭގައި މިކަންކަން ވަނީ ތަޖުރިބާވެސް ކުރެވިފައިކަމުން މިފަދަ މީހުންގެ އަސްލުސިފަ ދިވެހީންނަށާއި ދުނިޔެއަށް ދާދިއަވަހަށް ފެނިގެން ހިނގައިދާނެ ކަމުގައިވެސް ބަޔަކުބުނެއުޅެއެވެ.