މެންބަރުންގެ ޚިޔާލު: އިޚުލާސްތެރި ކަމެއްނެތް މަކަރުވެރި ރޭވުމެކެވެ!!

ފުނަމާ

މަޖިލީހުން ނިންމާ ނިންމުންތަކަށް ސަރުކާރުން ބޯނުލަނބާ ވާހަކައަކީ ރެޔާދުވާލު އިދިކޮޅު ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކައެކެވެ. ނަމަވެސް މިހާތަނަށްވެސް މަޖިލީހުން ނިންމާ ނިންމުންތަކާއި ޝަރުއީ ދާއިރާތަކުން ނިންމާ ނިންމުން ތަކަށް ސަރުކާރުން އަަމަލު ކުރަމުން ގެންދާކަމީ ހަގީގަތެކެވެ.

ތެދެކެވެ. ބައެއް ކަހަލަ ކަންކަމަކީ ސަރުކާރުން އެކަންކަމަށް އަމަލުކޮށްފިނަމަ ރައްޔިތުންނަށް ބޮޑެތި ގެއްލުން ތަކާއި ކުރިމަތިލާންޖެހޭނެ ކަންކަން ކަމުގައި ވާހިނދު ސަރުކާރުން އެފަދަ ކަންކަމުގައި އަމަލުކުރާގޮތް ތަފާތު ވެދާނެއެވެ. ވަޒީރުންނަށް ރުހުންދިނުން ، މާލިއްޔަތު ގާނޫނަށް ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ގެނައި ބަދަލުތަކާއި ގުޅިގެން ޝަރުއީ ދާއިރާއިން ކުރިހުކުމް ތަކަށް ސަރުކާރުން ވަނީ އަމަލުކޮށްފައެވެ. ނަމަވެސް ދައުލަތުގައި ނެތް ފައިސާއަކުން ކަންކަން ކުރާން އެންގިނަމަވެސް ސަރުކާރަކަށްވެސް އެހެން ބަޔަކަށްވެސް އެކަމެއް ނުކުރެވޭނެއެވެ. ހަމައެހެންމެ ސަރުކާރުގެ ކުންފުނިތަކާ ބެހޭ ގަވާއިދުތައް މުގުރާލައި އެފަދަ ފަރާތްތަކުގެ ހައްގުތައް ނިގުޅައި ގަނެވޭ ގޮތަށް ކަންކުރާން އެންގިޔަކަސް އެގޮތައް އެކަން ކުރުމަކީ ސަރުކާރަކަށް މާކަފަސޭހަވާނެ ކަމެއް ނޫނެވެ.

ސިވިލްސާވިސްގެ މުސާރަ އަނބުރައި އިއާދަ ކުރުމަށް ސަރުކާރުގެ މައްޗަށް ކުރިހުކުމާ ގުޅިގެން އެކަން ސަރުކާރުންވަނީ ކޮށްފައެވެ. ނަމަވެސް މުސާރަތަކުން އުނިކުރި މިންވަރު އަނބުރާ ދިނުމަށް ކުރި ހުކުމާގުޅިގެން އެފައިސާ ދިނުމަށް ސަރުކާރަށް މަގެއް ދައްކައިދޭންޖެހޭނެ ކަމުގައި ސަރުކާރުން އެވަނީ ބުނެފައެވެ. މިނޫނަސް ގާނޫނީ ގަޮތުން ދެކަފިވެފައިވާ ބައެއް ކަންކަން އަދި މިއަދާ ހަމަޔަށް އެއްކައިރި ކުރެވިފައި ވީނަމަވެސް ސަރުކާރުން ގާނޫނުތަކަށް އަމަލު ނުކުރާ ކަމުގައި ބުނެދައްކާ ވާހަކަތަކަކީ އޭގެމާބޮޑު ބުރަދަނެއް ނެތި އިދިކޮޅު ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތަކެކެވެ.

ސަރުކާރުން ގާނޫނުތަކަށް އަމަލު ނުކުރާ ކަމުގައި ގޮވަމުން ގެންދާ އިދިކޮޅު ފަރާތްތަކުން ގާނޫނުތަކަށް އަމަލުނުކުރާން ބަހަނާތަކެއް ދައްކަމުން ގެންދާނަމަ ދެން ރަނގަޅުވާނީ މިވާހަކަ ނުދެއްކިއްޔާ ކަމުގައި ދެކެމެވެ. އެހެނީ ވަކިބަޔަކު ކަންކުރީމައި ގޯސްވެފައި އަނެއްބަޔަކު ހަމައެކަން ކުރީމައި ރަނގަޅުވެގެން ނުވާނެތާއެވެ. ޖީއެސްޓީ ގާނޫނު ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށް އަންނަ މަހުގެ ދެވަނަ ދުވަހުން ފެށިގެން އެގާނޫނުން ނެގުމަށް ލާޒުމުކުރާ ޓެކްސް ނެގުމުގެ ތައްޔާރުތައް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން މިއަަދު ކުރަމުން ގެންދާއިރު އިދިކޮޅު ފަރާތްތަކުން އެޓެކްސް ނެގިޔަ ނުދިނުމަށް ލައްކަގިނަ ބަހަނާތައް މިއަދުދަނީ ދައްކަމުންނެވެ. މިގޮތުން އިދިކޮޅު އެންމެބޮޑު ޕާޓީ ކަމުގައިވާ ޑީއާރުޕީއިން މިޓެކްސް ނެގުން ފަސްކުރުމަށް އެދަނީ ގޮވާލަމުންނެވެ.

ޓެކްސްބިލް ފާސްކުރުމުގައި އިދިކޮޅު އެންމެބޮޑު ޕާޓީގެ ރުހުމާއިއެކު އެކަންކުރުމަށް ސަރުކާރުން ލައްކަގިނަ ރޮނގުރޮނގުން މަސައްކަތް ކުރިވެސް މެއެވެ. އަދި ކުރީކޮޅުގައި ޑީއާރުޕީއިން ޓެކްސް ނެގުމާ ގުޅޭގޮތުން ސަރުކާރާ އެއްބާރުލާނެ ކަމުގައިވެސް ގެންދިޔައީ ބުނަމުންނެވެ. ނަމަވެސް އެންމެ ފަހުވަގުތުގައި ޓެކްސްބިލް ފާސްކުރިޔަ ނުދިނުމަށް ޑީއާރުޕީއިން ފައިވިއްދައި ހިފިއެވެ. ފަހަރެއްގައި އެކަމަކީ އެޕާޓީއާއި ގުޅިފައިވާ ގައުމީޕާޓީގެ ފިއްތުން ތަކުގެ ސަބަބުން މަޖުބޫރުވެގެން ކުރިކަމެއް ކަމުގައިވެސް ވެދާނެއެވެ. ކޮންމެ ގޮތަކަށް ކަންވީނަމަވެސް ޑީއާރުޕީއިން މިމުހިންމު ބިލުގެ މައްސަލާގައި ސަރުކާރަށް އެއްގޮތަކަށް އެއްބާރުލުންނުދީ ބިލު ފެއިލްކޮށްލުމަށް ތުރީލައިން ވިޕެއް ނެރެފައި ވަނިކޮށްވެސް އެބިލްއެވަނީ މަޖިލީހުން ފާސްކޮށް ގާނޫނަކަށް ވެފައެވެ. އެހެންކަމުން ގާނޫނުތަކަށް އެހާ ހުރުމަތްތެރިކޮށް ހިތާކަމުގައި ބުނާ ބަޔަކު މިއަދުދެން އެއާއިދިކޮޅަށް ތިމަންނާމެންނަށް ކުރެވެންއޮތިއްޔާ އޮތްކަމެއް ކުރާނަމޭ ބުނަމުން ގެންދިއުމަކީ އެފަރާތުން އެދައްކާ ވާހަކައިގެ ބުރަދަނެއް އަމުދުން އޮންނާނެ ކަމެއްނޫނެވެ.

ޓެކްސްއާއިބެހޭ ބިލްތަކާއި އެފަދަ ގާނޫނަކަށް އިސްލާހު ހުށައެޅެނީ ސަރުކާރުން ކަމުގައި ވާތީވެ މިޓެކްސް ނެގުން ފަސްކުރުމަށް ސަރުކާރުން އިސްލާހެއް ހުށައަޅައިދިނުމަށް ޑީއާރުޕީގެ ލީޑަރ އެވަނީ ސަރުކާރުގައި އެދިވަޑައިގެންފައި ނަމަވެސް ކުރީން ސަރުކާރަށް އެއްބާރުލުން ނުދީފައި މިއަދު ސަރުކާރުގެ ކިބައިން އެކަމަށް އެދުމުގެ ހައްގު އޮނަރަބަލް ތަސްމީން އަލީއަށް އޮންނާނެތޯ މިއީ ކުރެވިދާނެ ސުވާލެކެވެ. އެހެންކަމުން މިކަމުގައި ޑީއާރުޕީގެ ނިޔަތާމެދު ޝައްކު ކުރާނެ ޖާގައެބައޮތެވެ.

ސަރުކާރުން މިއިސްލާހު ހުށައަޅައިފިނަމަ މަޖިލީހުގެ ތެރެއިން މިގާނޫނަށް އަމަލުކުރުން އެބުނާ ހަމަސްދުވަހުން ދެއަހަރު ދުވަހަށްވެސް ފަސްކުރާން ޑީއާރުޕީއިން މަސައްކަތް ކުރާނެކަމުގައި ގިނަބަޔަކު މިއަދު ގެންދަނީ ބުނަމުންނެވެ. އަދި މިކަމަކީ މީގެކުރީން އޮޅުވާލައިގެން އިމްޕޯޓު ޑިއުޓީގެ ނަމުގައި ރައްޔިތުންގެ އަތުން ދައުލަތަށް ނެގޭގޮތަށްއޮތް ބޮޑުއާމްދަނީއެއް އުނިކޮށް ދައުލަތައް މިގާނޫނުގެ ދަށުން ލިބޭންއޮތް އާމްދަނީ ހުއްޓުވާލައި ސަރުކާރުގެ ބަނޑު ބިންމަތީގައި ޖެއްސުމަށް ރާވައިގެން ހިންގާންއުޅޭ އިޚުލާސްތެރިކަމެއް އަމުދުންނެތް މަކަރުވެރި ރޭވުމެއް ކަމުގައި ޝައްކުކުރެވެއެވެ. އެހެންކަމުން ސަރުކާރުން އެއްވެސް ހާލަތެއްގައި މިފަހަރު ދުލެއް ދިނުމަކީ ކޮށްގެން ވާނެ ކަމެއް ނޫންކަމުގައި ދަންނަވާން ޖެހެއެވެ. ” ޓެކްސް ނަގާންޖެހެއޭ ، ތިމަންނާމެން އެކަމަކާ ދެކޮޅެއް ނުހަދަމޭ ބުނެ މިވަގުތު އެކަމަކު އެކަން ކުރާކަށް ނުފެނެއޭ ” ބުނެ އެދައްކާ ވާހަކަތަކަކީ ” ކައިގެންނޭ ފުރާނީ ، ނުކައެއް ނުފުރާނަމޭ ” ބުނުންކަހަލަ ހެއްވާ ވާހަކައެކެވެ