ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޚާއްޞަ އިޙްތިފާލް އައްޑޫސިޓީގައި ބާއްވާ ގޮތަށް ހަމަޖައްސައިފި

cabinet-400-x-249

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޚާއްޞަ އިޙްތިފާލް، އެދުވަހު ހެނދުނު 6 ޖަހާއިރު އައްޑޫސިޓީގައި ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ. މި ޚާއްޞަ އިޙްތިފާލްގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވާނެއެވެ. އަދި މި އިޙްތިފާލްގައި ޤައުމީ ދިދަ ނެގުމުގެ ރަސްމިއްޔާތުވެސް އޮންނާނެއެވެ.
ޖުމްހޫރީ ދުވަހުގެ ރަސްމިއްޔާތުގެ ކަންތައްތައް މިގޮތަށް މިނިންމެވީ، މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ. އެނގިވަޑައިގަންނަވާނެ ފަދައިން، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމިއްޔާތުތައްވެސް، ސާކް ސަމިޓްގެ ތެރެއިން ވަގުތު ހޯއްދަވައިގެން ބޭއްވެވުމަށް، މިދިޔަ އަންގާރަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިން ވަނީ ނިންމަވާފައެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ސަރުކާރުން ދެއްވާ ޝަރަފްގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު، އެކަމަށްޓަކައި މާލޭގައި ބާއްވަވާ ވަކި ޚާއްޞަ ޖަލްސާއެއްގައި ދެއްވުމަށްވެސް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ނިންމެވިއެވެ. ޖަލްސާ ބާއްވަވާނެ ތާރީޚު، ފަހުން އިޢްލާނު ކުރައްވާނެއެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ޘަޤާފީ ތަރިކަ ކުރިއަރުވައި ރައްކާތެރި ކުރުމުގެ މަޤްޞަދުގައި، އެކިޤައުމުތަކުގެ ސަރުކާރުތައް ޙިއްޞާވާ ގޮތަށް އުފައްދާފައިވާ ޖަމްޢިއްޔާއެއް ކަމަށްވާ އިންޓަރނޭޝަނަލް ސެންޓަރ ފޮރ ދަ ސްޓަޑީ އޮފް ދަ ޕްރިޒަރވޭޝަން އެންޑް ރެސްޓޮރޭޝަން އޮފް ކަލްޗަރަލް ޕްރޮޕަޓީ (އައި.ސީ.ސީ.އާރ.އޯ.އެމް)ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށްވެސް ނިންމެވިއެވެ. މިކަމާ ބެހޭގޮތުން މެންބަރުން ދެއްކެވި ވާހަކަފުޅުގައި، މިޖަމްޢިއްޔާގައި ރާއްޖެ ބައިވެރިވުމަކީ، ޘަޤާފީ ތަރިކަ ދިރުވައި އާލާކޮށް، ޙިމާޔަތްކޮށް، ތަރައްޤީކޮށް އަދި ފަންނީ ހުނަރުވެރިކަން ކުރިއެރުވުމަށް މަގުފަހިވެގެންދާނެ ކަމެއްކަން ފާހަގަކުރެއްވިއެވެ.