މިސަރުކާރު ވެރިކަމާ ޙަވާލުވިއިރު ބައިތުލް މާލުގައި ލޯލާރިއެއް ވެސް ނެތް

ފަހަލަސަޢީދު

mma

މިރާއްޖޭގައި ހިނގަމުން އައި ޚުދުމުޚުތާރު ވެރިކަން ބަދަލު ކުރުމަށްފަހު އާސަރުކާރާ ވެރިކަން ޙަވާލުވިއިރު މިރާއްޖޭގެ ބައިތުލްމާލުގައި ލޯލާރިއެއްވެސް ނެތެވެ. އެ ލޯލާރި ނެތަސް ސަރުކާރު މިދަނީ ހިނގަމުންނެވެ. ރައީސް ނަޝީދު ވިދާޅުވެފައިވާ ފަދައިން ލޯލާރިއެއް ނެތަސް ގައުމު އެމަނިކުފާނު އެގެންދަވަނީ ހިންގަމުންނެވެ.

ނިމިދިޔަ 30 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ރައްޔިތުންނަށް ލިބިފައިނުވާފަދަ އެތައްޚިދުމަތެއް އެންމެ ތިންއަހަރު ދުވަހުގެ ތެރޭގައި އެވަނީ ލިބިފައެވެ. ރައްޔިތުން ބަދަލު ކުރިސަރުކާރުގެ ވެރިން ތިބީ ވަރުގަދަ ގުއިރޯނެއް ދަންމަވައިގެން އެރޯނުގައި ރައީސް ޖެހޭނެ ކަމުގެ ފޮނިހުވަފެން ދެކެ ދެކެއެވެ. ރާއްޖޭގެ ބޭންކްތަކާ ސަރުކާރުގެ ކުންފުނިތަކާ ބައިތުލްމާލު އޮތީ އަތަށް ކަހާލާފައެވެ. އެހެންކަމުން އެވެރިން ޔަގީންކުރީ ތިންމަސްދުވަހުން ސަރުކާރުވެއްޓި އަނެއްކާވެސް އެ ބައިމީހުންނަށް ވެރިކަން ކުރަން ލިބޭނެ ކަމުގައެވެ. ދަރާ ވިކިފައިވާ ސަރުކާރު މިހާރު ހަށިފޮޅާލައިފިއެވެ. 2012 ވަނައަހަރު ހިންދެމިލާނެއެވެ.

ކުރަފިވިސްނުމުގެ ޑިކްޓޭޓަރ ޝިޕަކުން މިރާއްޖޭގެ ވެރިކަން ޙަރާމަށް ކޮށް މުޅި ދިވެހި އުންމަތް ޚަރާބުގެ ތެރެއަށް ވައްޓާލާފައި ވީނަމަވެސް އެކަން ރައްޔިތުންނަށް އެނގޭކަން އެވެރިންގެ ހަނދާނަކު ނެތެވެ. އެމުސްކުޅި ޑިކްޓޭޓަރުންނަށް
ދެންކުރެވޭނީ އެހެންބާވަތެއްގެ ވެރިކަމެކެވެ. ވެރިކަން ހޯދޭނީ ވިއްކާލާނެ އެއްޗެއްވެސް އޮތްބަޔަކަށްތާއެވެ. ރައްޔިތުންގެ ކުރިމަތީގައި 30 އަހަރުވަންދެން ދޮގު ހެދިބަޔަކު ރައްޔިތުން ލޮލުގެ ހިމަކޮޅުންވެސް ނުބަލާނެއެވެ. ކަންމިހެން ހުރުމާއެކު ސަރުކާރަށް އަޅުގަނޑު ގޮވާލަނީ މޮޔަވެފައިތިބި ބަޔަކު ހިތުހުރި ގޮތަކަށް މިރާއްޖޭގެ އިންސާނުންގެ ތެރޭގައި އުޅުމަށް ދޫކޮށްނުލެއްވުމަށެވެ.

ސަރުކާރުން އެންމެ ފުރަތަމަ އިސްކަމެއް ދޭންވީ އިދިކޮޅު ޕާޓީއަކުން ރައްޔިތުންގެ ޙައްގުގައި މަސައްކަތް ކުރާނޭ ގޮތް އެފަރާތްތަކަށް ދަސްކޮށްދިނުމަށެވެ. ބައެއްޕާޓީ ތަކުން ދެކެނީ މުޅީން އެހެން ނުކިސްވަރު ގޮތަކަށް ސަރުކާރު ވައްޓާ ލުންނޫން އެހެންކަމެއް ޕާޓީސިސްޓަމުގައި ނުއޮންނަ ކަމުގައެވެ. އެހެންކަމާ އެކު އިދިކޮޅު ޕާޓީތަކުން ސަރުކާރު ޒިންމާދާރު ކުރުވާނޭގޮތް ކޮންމެވެސް ޕްރޮގްރާމެއްގެ ތެރެއިން ނަމަވެސް ދަސްކޮށްދީގެން މެނުވީ މިރާއްޖޭގެ ޑިމޮކްރަސީއަށް މިކުރާ ދަތުރުގެ ރާސްތާ ސާފެއްނުވާނެއެވެ.

ތިރީސް އަހަރުވަންދެން ވެރިންގެ ވާހަކަ ނުދެއްކި ތިބި ރައްޔިތުންގެ ކުރިމަތީގައި ހަމަ އެމީހުން މިއަދުވެސް އެދައްކަވަނީ ދުނިޔެ އިން އުވިދާ ފަލްސަފާ ތަކަށް ރައްޔިތުންގެ ވިސްނުން އަނބުރާލުމުގެ ވާހަކަތަކާ ވެރިންގެ ނުބައިވާހަކައެވެ. ތިމާމެން ވެރިކަން ކުރާނަމަ ވެރިންނަށް ކިޔަމަންނުވާ މީހުންނަކީ މަގު ފުރެދިގެން ވާބައެކެވެ. އެހެންވެރިންނަށް ކިޔަޔަމަން ނުވިޔަސް މަގު ނުފުރެދެއެވެ. ދީނަށްވެސް ހަދަނީ ހަދާނެގޮތެކެވެ. މިސަރުކާރު ވެރިކަމާ ޙަވާލު ވުމަށްފަހު މަސައްކަތް އެކުރަނީ ރައްޔިތުންނަށް މިނިވަންކަމަކީ ކޮބައިކަން ދަސްކޮށްދީ ސަރުކާރުން ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ހައްގުތަކަކީ ކޮބައިކަން ދަސްކޮށް ދިނުމަށެވެ. އެންމެ މަހުޖަނެއްގެ ޖީބުން އަސާސީ ޚިދުމަތް ފޯރު ކޮށްދެވޭވަރުގެ ކުޑަކުޑަ އާބާދީއެއް އޮތް މިގައުމުގެ ރައްޔިތުންނަށް ސަރުކާރަކުން 30 އަހަރު ވެރިކަން ކޮށް ނިންމާލިއިރު އެރައްޔިތުންގެ އަސާސީ ޚިދުމަތްތައް ފުރިހަމަކޮށް ނުދެވުނު ކަމީ ލަދުވެތިވާންޖެހޭނެކަމެއް ނޫންހެއްޔެވެ. މިރާއްޖޭގެ ރައްޔިތުން ގޭބަންދުން ރަށުބަންދުން އަތޮޅުބަންދުން ދޫކޮށް އަނގަޔާ އަތްފައިގައި އަޅުވާފައިވާ ކަސްތޮޅުތަކުން ރައްޔިތުން މިނިވަންކޮށް ދިން މިސަރުކާރު ދެމިއޮތުމުން ފައިދާވާނީ ހަމަ ދިވެހި ލޮބުވެތި ރައްޔިތުންނަށެވެ.

އެއަނިޔާވެރިންނާ އެގާތިލުންނާ އެވަގުން މިގައުމަށް އަނެއްކާވެސް ވެރިވެގަންނަން އެއުޅެނީ އިހުއޮތް ގޮތަށް މިރާއްޖެ ހިންގިދާނެ ކަމުގެ ކުލަހުވަފެން ފެނިގެންތާއެވެ. ނިކަން ދެކެބަލާށެވެ. ސަރުކާރުން ކުރާކަންތަކަށް ފާޑު ކިޔާމީހުން ހައްޔަރު ކުރީ ކާކުހެއްޔެވެ. އެއްވެ އުޅުމުގެ މިވަންކަމުގެ ޙުދޫދުގައި މަގުމައްޗަށް ނުކުންނަ މީހުން ޣައިރުގާނޫނީ އެއްވުމަކަށް ބަދަލުކޮށް ޖަލުތަކަށް ލަމުން ދިޔަ އަނިޔާވެރިއަކު އަނެއްކާވެސް އެމަގަށް ރާއްޖެ ބަދަލުކުރަން އުޅުނަސް ދެން އެކަމެއް ނުވާނެއެވެ.
ދިވެހި ބައިތުލްމާލުގައި އެއްޗެއްނެތިގެން ރައްޔިތުންނަށް ދޭންޖެހޭ އަސާސީ އެއްވެސް ޙައްގަކަށް ހުއްޓުން އަރާފައި ވޭތޯބައްލަވާށެވެ. ސަރުކާރު މިދަނީ ސީދާމަގުން ކުރިއަށެވެ. ރައްޔިތުންގެ ހިތުގެ އުންމީދުތަކަށް ދިރުން ގެނެސްދެމުންނެވެ. އިގްތިޞާދީގޮތުން މުޅިދުނިޔެއަށް ކެތްނުވާވަރުގެ ލޮޅުންތަކެއް އަރާފައިވާ މި ދަނޑިވަޅުގައި ސުމަކުން ފަށައިގެން މިފަދަ ދަރަނި ބޮޑުގައުމެއް އޮޕަރޭޓް ކުރެވޭނީ ކެތްތެރި ވިސްނުންތެރި ސިޔާސަތުގެ ވެރިންނަށެވެ.