މެންބަރުންގެ ޚިޔާލު: ހައްދުފަހަނަ އަޅާފައިވާ ހަރުކަށި ޖަމާއަތުގެ ނުފޫޒުން އެމްޑީޕީ ސަލާމަތްވީތީވެ ޝުކުރު ކުރަމެވެ.

ފުނަމާ

ދީނީގޮތުން ހައްދުފަހަނައަޅާފައިވާ ބައެއްގެ ނުފޫޒުގެ ދަށުގައި މިއަދު ފިތިފައިވާ އަދާލަތު ޕާޓީގެ ވަކިތަކުން އެމްޑީޕީ ސަލާމަތްވިކަމީ އެ ޕާޓީގެ ކުރިއެރުމަށް ހުޅުވިގެންދިޔަ އިތުރު ފުރުސަތެކެވެ. އެމީހުންގެ ނުފޫޒު އެމްޑީޕީގެ މައްޗަށް ހިންގައި އެމީހުން ޖަހާހާ ބެރަކަށް ނަށާން މަޖުބޫރު ކުރިނަމަވެސް އެމްޑީޕީން އެފަދަ ބައެއްގެ މުށްދަށުވެ ނުފިތޭނެކަން އެނގުނު ދުވަހުން ފެށިގެން އެކިއެކި ބަހަނާތައް ދައްކައި އެމްޑީޕީއަށް ދުއްތުރާކޮށް ހަދަމުން އެމީހުން ގެންދިޔައީ އެމްޑީޕީން އެމީހުންނާއިއެކު ވެފައިވާ އެއްބަސްވުން އުވާލައި ދުރަށްލާތޯ ބެލުމަށެވެ. ނަމަވެސް މިއަދާ ހަމަޔަށްވެސް އެމްޑީޕީގެ އިސްފަރާތްތަކުން ކެތްތެރި ކަމާއެކު އެފިޔަވަޅުނާޅައި އެއައީ ކުރިއަށް ދަމުންނެވެ. އެ ޕާޓީގެ އެކިފަރާތްތަކުން އެކިފަހަރުމަތީން އެމީހުންނާއި ގުޅުން ކަނޑާލުމަށް އެދެމުން، ގޮވާލަމުން ގެންދިޔަ ނަމަވެސް އެމްޑީޕީގެ ސަރުކާރުން މިއަދާ ހަމަޔަށްވެސް ކެއްތެރި ކަމާއެކު މަޑުން އޮވެއްޖެއެވެ.
ދިވެހިރާއްޖެއިން ބޭރުގެ ގައުމުތަކާއިއެކު ބާއްވަމުން ގެންދާ ގުޅުންތަކަށް ފާޑުކިޔައި މިސަރުކާރުގެ ތެރޭގައި އޮވެގެން ބޭރުގައުމުތަކާއި ރާއްޖެއާއި ދެމެދު އެތަކެއް މައްސަލަތަކެއް އުފެއްދޭތޯ އަދާލަތު ޕާޓީން ގެންދިޔައީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. ހަމައެހެންމެ ގައުމުގެ ތެރޭގައި ދީނީގޮތުން ބައިބައިވުންތައް އުފައްދައި މުޅިގައުމު ހަލާކުގެ ތެރެއަށް ވަށްޓާލުމަށްވެސް ފާޅުގައި އެމީހުން ގެންދިޔައީ މަސައްކަތް ކުރަމުންނެވެ. ކުދިދަރީންނަށް ވެކްސިން ދިނުމާއި ޚާއްސަކޮށް އަންހެންދަރީން ތައުލީމުން މަހުރޫމު ކުރުމާއި ގާނޫނުއަސާސީއިން އަންހެނުންނަށް ލިބިދީފައިވާ މިނިވަންކަން ގެއްލުވާލުމަށް އެޕާޓީގައި އިސްކޮށް ހިމެނޭ ބައެއް ފަރާތްތަކުން އެކިގޮތްގޮތަށް މަސައްކަތް ކުރަމުން ގެންގޮސްފައިވާ ކަމުގައި ގިނަބަޔަކު އަބަދުވެސް ގެންދިޔައީ ބުނަމުންނެވެ. ރާއްޖޭގައި އަޅުންނާއި ޖާރިޔާއިން ގެންގުޅުމަށް ބާރުއަޅާކަމުގެ ތުހުމަތުތައްވެސް އެކިފަރާތްތަކުން މިބައިމީހުންނަށް ކުރަމުން ގެންގޮސްފައިވެއެވެ. ވަކިޖަމާއަތް ހަދައިގެން ނަމާދުކުރުމާއި ދީނުގެ ކަންކަން ބަދަލުކޮށް ޖިހާދީންގެ ގޮތުގައި މީހުން ތައްޔާރުކޮށް ދުނިޔޭގެ ޓެރަރިސްޓު އެކި ޖަމާއަތްތަކަށް ފޮނުވަމުން ގެންދާ ކަމުގައިވެސް ބައެއްމީހުން ފާޅުގައި ބުނެއުޅެއެވެ. މިފަދަ ތުހުމަތުތަކެއް ކުރެވޭ ބަޔަކު މިސަރުކާރުގެ ތެރޭގައި ބޭތިއްބުމަކީ ބޭރުގެ އެކުވެރި ގައުމުތަކުންވެސް ޝައްކުގެ ނަޒަރަކުން މިސަރުކާރަށް ބެލުމަށް ދެވޭނެ ދައުވަތަކަށް މެނުވީ ނުވާނެއެވެ.
ވޭތުވެދިޔަ ތަނުގައި ޒުވާނުންގެ ނަމުގައި ބަޔަކުނުކުމެ ސަރުކާރު ވަށްޓާލުމަށް ފާޅުގައި ގޮވަމުން މަގުމަތީގައި ހުންނަ ވެހިކަލް ތަކުގައި ހުޅުޖަހައި މިސްކިތް ތަކުގެ ތެރޭގައި ޕެޓްރޯލުބޮން ހަދައި އުކަމުން ގެންދިޔައިރު އެފަރާތްތަކަށް ފާޅުގައި ހިތްވަރުދިނުމުގައި އަދާލަތު ޕާޓީން އޮތްކަން މިގައުމުގެ ކުދިބޮޑު އެންމެން ދަންނާނެއެވެ. ރާއްޖޭގެ މީހުންދިރިއުޅޭ ރަށްރަށުގައި ބަނގުރާ އާންމުކުރުމަށް މިސަރުކާރުން އުޅެނީ ކަމުގައި ގޮވައި މީހުންވާވައްދައިގެން މަގުމައްޗަށް ނުކުމެ މުޒާހަރާކުރީވެސް ހަމަމިސަރުކާރުގެ ތެރޭގައި އޮވެގެންނެވެ. އެއިރު އިސްލާމިކް މިނިސްޓްރީގައި ހުރި އެކަކު ހީކުރީ އެހެން ހަދާލުމުން މިސަރުކާރުން އޭނާވަކިކޮށްލާނެ ކަމުގައެވެ. ނަމަވެސް ހީކުރިގޮތް ނުވުމުން އަމިއްލައަށް ސަރުކާރުން އިސްތިއުފާދީފައި ނުކުމެ ހިތުހުރި އެއްޗެއް މިސަރުކާރަށާއި މިޕާޓީއަށް ގޮވަމުން ގެންދިޔައީވެސް މިސަރުކާރުން އިސްވެ އަދާލަތު ޕާޓީއާއިއެކު ވެފައިވާ އެއްބަސްވުން އުވާލަފާނެ ކަމުގެ އުންމީދުގައެވެ. ނަމަވެސް އެކަންވެސް ކާމިޔާބު ނުވުމުން އަނެއްކާވެސް އެކި ސިފަސިފައިގައި އެކި ބަހަނާތައް ދައްކައިގެން އެންމެފަހުން ދެންކިޔާނެ އެއްޗެއް ނޭނގި މިސަރުކާރުން ފަލަސްތީނާ އެއްކޮޅަށް ވޯޓުވެސް ނުދޭނެ ކަމުގައި ގޮވައި ހަޅޭއްލަވަމުން ގެންދިޔައީއެވެ. ނަމަވެސް އެކަންވެސް އެމީހުން ރައްޔިތުންނަށް އޮޅުވާލަމުން ގެންދިޔަގޮތާ ޚިލާފަށް ދިއުމުން މިއަދު އެންމެފަހުން ރޭރުވެ ތިމަންނާމެން ސަރުކާރުން ވަކިވެއްޖައީމުއޭ ގޮވައި އެތިބީ ނުކުމެއެވެ.
ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމާބެހޭ ގަވާއިދު އެމީހުން ހިތުހުރި ގޮތަކަށް މޮޑޭންދިން ނަމަވެސް އެކަން ކުރާނެ ފަދަވެސް އެމީހުންގެ ކިބައިގައިނެތީ ދީނީގޮތުން ހައްދު ފަހަނަ އަޅާފައިވާ ވިސްނުމެއް މެނުވީ އެމީހުންގެ ކިބައިގައި ނެތުމުން ކަމުގައި ގިނަބަޔަކު ބުނެއެވެ. މިކަމުގައިވެސް އެމީހުން އެމީހުންނާއި ޚިޔާލުތަފާތުވެ އެންމެފަހުން ތިމަންނާމެން އެކަމުން ބަރީއަވަމޭ ގޮވައި ކަމުން ރެކުނީއެވެ. މިފަދަ މަކަރުވެރި އަދި ދުލުގައި އިތުބާރެއްނެތް ބައެއްގެ ކިބައިން ސަލާމަތްވުމުގެ ފުރުސަތު މިސަރުކާރަށް ދެއްވިކަމަށްޓަކައި ﷲގެ ހަޟްރަތަށް ހަމްދާއި ޝުކުރު ދަންނަވަމެވެ. އަދި ވީއެންމެ އަވަހަކަށް މިގައުމުގެ އިސްލާމީ ކަންކަން ބަލަހައްޓާން މިސަރުކާރުން އުފައްދާފައިވާ ވުޒާރާގައި މިމީހުންގެ ހައްދުފަހަނަ އަޅާފައިވާ ބަލިގަނޑު ޖެހިފައިވާ މީހަކުހުރިނަމަ އެމީހުންތައްނެރެ އިސްލާމިކް މިނިސްޓްރީ ދޮވެސާފުކުރުމަށް ސަރުކާރަށް ގޮވާލަމެވެ. މިގައުމުގައި ސުލްހަވެރި ކަމަށް ލޯބިކުރާ މެދުމިނުގެ ސިޔާސަތައް ބުރަވެ ކަންކުރާން އެނގޭނެ ކިތަންމެ ދީނީ ޢިލްމުވެރީންނެއް އެބަތިއްބެވިއެވެ. ހައްދުފަހަނަ އަޅާފައިވާ ހަރުކަށި ޖަމާއަތުގެ ނުފޫޒުން އެމްޑީޕީ ސަލާމަތްވީތީވެ ޝުކުރު ކުރަމެވެ.