އެމްޑީޕީ އިނގުރައިދޫ ދާއިރާގެ ރައީސް އެ ދާއިރާގެ ރަށްރަށަށް ޒިޔާރަތްކޮށްފި

އިބްރާހީމް ރާމިޒް

hassante

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އިނގުރައިދޫ ދާއިރާގެ ރައީސް ޙަސަން އަހުމަދު (ހަސަންޓޭ) އެ ދާއިރާގެ ރަށްރަށަށް ޒިޔާރަތްކުރައްވައި އެ ރަށްރަށުގެ އެމްޑީޕީގެ ހާލަތު ބައްލަވާލައްވައިފި ކަމަށް އެމްޑީޕީ އިނގުރައިދޫ ދާއިރާއިން މަޢުލޫމާތު ދީފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް އެ ދާއިރާއަށް ޙަސަން އަހުމަދު ކުރެއްވި ޒިޔާރަތުގައި، އިނގުރައިދޫ، އިންނަމާދޫ، ރަސްމާދޫ، ފައިނު އަދި ކިނޮޅަހަށް ޒިޔާރަތްކުރައްވައި، އެ ރަށްރަށުގެ އެމްޑީޕީ މެންބަރުންނާ ބައްދަލުކުރެއްވި ކަމަށާއި، އަދި އެ ރަށްރަށުގައި އެމްޑީޕީ ޕްރޮމޯޓްކުރުމަށްހުރި ގޮންޖެހުންތަކާއި، މެންބަރޝިޕް އިތުރުކުރުމަށް ކުރެވިދާނޭ ކަންތައްތަކާއި ބެހޭ ގޮތުން މަޝްވަރާކުރުމުގެ އިތުރުން އިންޖީނުގެތަކާއި، ކަރަންޓްގެ ހާލަތު ހުރިގޮތާއި، ހުނަރު ޕްރޮގްރާމްގެ މަޢުލޫމާތު ދިނުމުގެ އިތުރުން ވެސް ފެރީ ނިޒާމް ހިނގަމުންދާ ގޮތާ ބެހޭ ގޮތުން މައުލޫމާތު އޮޅުން ފިލުއްވި ކަމަށް އެމްޑީޕީ އިނގުރައިދޫ ދާއިރާއިން މަޢުލޫމާތުދެއެވެ. އަދި އެ މައުލޫމާތުގެ އަލީގައި އެ ސަރަހައްދުގެ ފެރީގެ ނިޒާމު ރައްޔިތުން ވަރަށް ބޮޑަށް ބަލައިގަންނަކަން ހާމަވި ކަމަށާއި، ޖުމްލަ ގޮތެއްގައި އެ ދާއިރާގައި އެމްޑީޕީގެ ހާލަތު ދުވަހުން ދުވަހަށް ރަގަޅުވަމުންދާ ކަމަށް އެ ދާއިރާގެ އެމްޑީޕީ ރައީސް ވިދާޅުވިއެވެ.
މި ޒިޔާރަތުގައި އެމްޑީޕީއިނގުރައިދޫ ދާއިރާގެ ނައިބު ރައީސް އަދި ފައިނު ކައުންސިލް ގެ ރައީސް މޫސާ އުމަރު މަނިކު ވެސް ބައިވެރިވެލެއްވިއެވެ.