އެކްޓިވިސްޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނަމުގައި އާ ޖަމިއްޔާއެއް ރަޖިސްޓްރީކުރުމަށް ހުށަހަޅައިފި

ފަހަލަސަޢީދު

ރާއްޖޭގައި ޙަރަކާތްތެރިވާ ސިޔާސީ ޕާޓީތަކަށް ނިޞްބަތްވާ ބައެއް ޒުވާނުން އިސްނަގައިގެން އެކްޓިވިސްޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނަމުގައި އާ ޖަމިއްޔާއެއް ރަޖިސްޓްރީ ކުރުމަށް މިއަދު ހޯމްމިނިސްޓްރީއަށް ހުށަހަޅައިފިއެވެ.
އަލަށް ރަޖިސްޓްރީ ކުރުމަށް ހުށަހެޅި މަދަނީ ޖަމިއްޔާގެ މަގްޞަދުތަކުގެ ތެރޭގައި ރާއްޖެއަށް ގެނެވިފައިވާ ޑިމޮކްރަސީއަށް ރައްޔިތުން އަހުލުވެރިކުރުވުމާއި، ރާއްޖޭގައި ހިނގާ ކުއްލި ޙާލަތްތަކުގައި އެހީތެރިކަން ފޯރުވައިދިނުމާ، ޕާޓީތަކުގެ މެދުގައި އެކުވެރިކަން އާލާކޮށް ރައްޔިތުންގެ ލާބަޔާ މަންފާއަށް އިސްކަންދީގެން ކަންކަން ނިންމުމުގެ ރޫޙު އާލާކުރުން ހިމެނެއެވެ.
ހުރިހާ ސިޔާސީ ޕާޓީތަކަށް ހުޅުވާލައިގެން އުފައްދާ އެޖަމިއްޔާ ވުޖޫދުވުމުން ޖަމިއްޔާގެ މަގާމުތަކަށް ބޭފުޅުން ހޮވާނެކަމަށާ އެކަންކުރާނީ ޑިމޮކްރެޓިކް އުޞޫލުން ވޯޓުލައިގެންކަމަށް ޖަމިއްޔާ ރަޖިސްޓްރީކުރުމުގައި އިސްކޮށް ޙަރަކާތް ތެރިވެލައްވާ އެމްޑީޕީގެ އެކްޓިވިސްޓް މުޙަންމަދު ނާޒިމް (ބައުންޓީ) ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް ރައްޔިތުންނަށް ކުރިމަތިވާ ތަފާތު ދަތިތައް ބަލާ އެދަތިކަން ކުރިމަތިމަތިވާ ސަބަބުތައް ހޯދާ އެޖަމިއްޔާގެ ގަވާޢިދުގެ ތެރެއިން ޙައްލު ހޯދައިދެވެން ހުރި ހުރިހާ ދިމާލަކަށް ފޯކަސް ކުރައްވާނޭކަމަށް ވެސް ބައުންޓީ ވިދާޅުވިއެވެ. އަދި މިޖަމިއްޔާގައި ޙަރަކާތްތެރިވާނީ ރާއްޖޭގެ ސިޔާސީޕާޓީތަކުގެ އެކްޓިވިސްޓުންގެތެރޭގައި ހިމެނޭ ޒުވާނުން ކަމަށް ވެސް ބައުންޓީ ވިދާޅުވިއެވެ.