ހިތާދޫ ގޮފީގެ މެމްބަރުންނާ އެމްޑީޕީ އުތުރު ޕްރޮވިންސްގެ ރައީސް ބައްދަލުކުރައްވައިފި

އިބްރާހީމް ރާމިޒް

bhithaadhoo

ބ.ހިތާދޫ އެމްޑީޕީ ގޮފީގެ ހިންގާ ކޮމިޓީގެ މެމްބަރުންނާ އެމްޑީޕީ އުތުރު ޕްރޮވިންސްގެ ރައީސް ޢަލީ ނިޔާޒް (ނިޔާ) ބައްދަލުކުރައްވައިފިއެވެ.
މި ދިޔަ ހުކުރުދުވަހުގެ ރޭ ހިތާދޫގައި އޮތް މި ބައްދަލުވުމުގައި ހިތާދޫގައި މުޅިން އަލަށް އެމްޑީޕީގެ ގޮތްޕެއް އުފައްދާ ހިންގަން ފަށާފައިވާތީ އެކަން ފާހަގަކޮށް އުތުރު ޕްރޮވިންސްގެ ރައީސް ގޮފީގެ ހިންގާ ކޮމިޓީއަށް މަރުޙަބާ ވިދާޅުވިއެވެ. އަދި ހިތާދޫ އަކީ 200 އަށްވުރެ ގިނަ އެމްޑީޕީ މެމްބަރުން ހިމެނޭ ރަށަކަށް ވާތީ ގިނަ ގޮފި އުފައްދާ ޕާޓީގެ ޙަރާތްކަތްތައް ވަރުގަދަ ކުރުމަށް އެދުނެވެ. ގިނަ ގޮފިތައް އުފެއްދުމުން ގިނަ ބަޔަކު ދާއިރާ މަޖްލީހުގައި ތަމްސީލުވެގެންދާނެ ކަމަށާއި، އޭގެ ސަބަބުން ޕާޓީގެ ހިންގުމުގައި ގިނަ ބަޔެއްގެ އަޑު އުފުލުމުގެ ފުރުސަތު ތަނަވަސް ވެގެންދާނޭ ކަމަށްވެސް މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނިޔާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މި ދަނޑިވަޅަކީ އެމްޑީޕީގެ ހިންގުން ވަރުގަދަ ކުރުމަށްޓަކައި އެ ޕާޓީގެ ހިންގުން ލާމަރުކަޒުކުރުމަށް ޕާޓީގެ ލީޑަރޝިޕުން ބުރަމަސައްކަތެއް ކުރާ ދުވަސްވަރެއްކަމަށް ވާތީ ވަގުތުގެ ބޭނުންހިފައި ދާއިރާގެ ރައީސްގެ ލަފާގެ މަތިން ގޮފިތައް ހިންގުމުގެ ޤަވާޢިދު އެކުލަވާލާ ފާސްކުރުމަށް ގޮފީގެ މެމްބަރުންގެ ކިބައިން ނިޔާ އެދުނެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޑީޕީ ހިތާދޫ ގޮފީގެ ރައީސް އަދި ހިތާދޫ ކައުންސިލްގެ މެމްބަރ ޢަބްދުﷲ ޙާރޫނު ދެއްކެވި ވާހަކައިގާ އެރަށު ގޮފި ހިންގުމަށް ގިނަ ޕްލޭންތަކެއް އެބަހުރިކަމަށާއި، އެ ގޮފީގެ ސަބަބުން ހިތާދޫގައި ޕާޓީގެ ޙަރަކާތްތައް ވަރުގަދަވެގެންދާނެކަމުގެ ޔަޤީންކަން ދިނެވެ. އަދި ސަރުކާރުން ހިތާދޫގައި ހިންގުމަށް ރޭވިފައިވާ ޕްރޮޖެކްޓްތައް ލަސްނުވެ އަވަހަށް ފެށޭނޭ ގޮތެއް ހަދައިދިނުމަށް ޕްރޮވިންސްގެ ރައީސްގެ އަރިހުން އެމްޑީޕީ ހިތާދޫ ގޮފީގެ ރައީސް އެދިލެއްވިއެވެ. މި ބައްދަލުވުމުގައި ޕްރޮވިންސްގެ ރައީސްގެ އިތުރުން އުތުރު ޕްރޮވިންސްގެ ވަގުތީ ސްޕޯކްސްޕާސަން އިބްރާހިމް އާތިފް އާއި، އަންހެނުންގެ ރޫޙްގެ މެމްބަރު އާމިނަތު ޖަމީލް ބައިވެރިވެލެއްވިއެވެ.
.