ސިޔާސީ ވާދަވެރިކަމުގެ ތެރެއިން އެކަކު އަނެކަކު ބަދުނާމުކުރުމަށްކުރާ މަސައްކަތް ހުއްޓާލާ ޒިންމާދާރު ގޮތުގައި މަސައްކަތް ކުރުމަށް އަޅުގަނޑު މިއަދު މަޖިލީހަށް ގޮވާލަން- އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަޙުމަދު ޢަބްދުﷲ

9 ޖޫން 2010

ahmed-abdulla-450-x-301

ރައްޔިތުންގެ މަޖިލީހުގައި ސިޔާސީ ވާދަވެރިކަމުގެ ތެރެއިން އެކަކު އަނެކަކު ބަދުނާމުކުރުމަށް ކުރާ މަސައްކަތް ހުއްޓާލައި ރައްޔިތުންނަށްޓަކައި ޒިންމާދާރު ގޮތެއްގައި މަސައްކަތްތަކެއް ކުރުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި އިހަވަންދޫ ދާއިރާގެ މެންބަރު އަޙުމަދު ޢަބްދުﷲ މަޖިލިސް މެންބަރުންނަށް ގޮވާލައްވައިފިއެވެ.
އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އަޙުމަދު ވިދާޅުވީ ރައްޔިތުންނަށް ލާބަ އާއި މަންފާ ހުރި ގިނަ މަސައްކަތްތަކެއް ފަހަތަށް ޖައްސާލުމަށްފަހު ސިޔާސީ މަޤުޞަދުތައް ހާސިލުކުރުމަށްޓަކައި ކުރެވޭ މަސައްކަތް އިސް ސަފަށް ނެރެން ވެއްޖިއްޔާ ދެން ދިމާވާނެ ކަންތައް މިއަދު މިދަނީ މި ޤައުމުގައި ދެކެމުން ކަމަށާއި، އެ ކަންތައްތައް ރައްޔިތުން ތަހައްމަލުކުރަމުންދާ ކަމުގައެވެ. އަދި އެ މިސްރާބު އެހެން ގޮތަކަށް ބަދަލުކޮށް ރައްޔިތުންނަށްޓަކައި މަސައްކަތް ކުރެވޭ ތަނަކަށް މަޖިލިސް ހަދަން މަސައްކަތްކުރަން ޖެހިއްޖެ ކަމަށް އަޙުމަދު ޢަބްދުﷲ ވިދާޅުވިއެވެ.
” ހިތާމަކުރަންޖެހޭ ކަމަކީ ނޫނީ ކަންބޮޑުވާ މައްސަލައަކީ މަޖިލިސް ޗުއްޓީގައި އޮތް ހިނދުވެސް ޤައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ ބައިވަރު މަސައްކަތްތަކެއް ކުރުމަށް ނިންމި. މިދެންނެވި ކޮމިޓީގައި އޭގެ މާކުރިން ފޮނުވިފައި ހުރި އެތައް ބައިވަރު މަސައްކަތްތަކެއް ހުރި. ކޮބައިތޯ އެ މައްސަލަތައް. ފުލުހުން މިތަނަށް ހާޒިރުވެ ވީޑީއޯ ދައްކާ ޤައުމަށް ދިމާވެފައިވާ ބޮޑެތި ކަންތަކާ މެދު އެ ބޭފުޅުންގެ ހުރި ކަންބޮޑުވުންތައް ހާމަކުރަމުން ދިޔައިރު ޤައުމީ ސަލާމަތާ ބެހޭ ކޮމިޓީގައި މިދަންނަވާ މައްސަލަތައް ހުރި.” އަޙުމަދު ޢަބްދުﷲ ވިދާޅުވިއެވެ.
މަޖިލީހުން ހުށަހެޅޭ ބިލުތައް އާންމުކޮށް ދަނީ ޑީއާރުޕީއަށް ނިސްބަތްވާ މެންބަރުން މުޤައްރިރުކަން ކުރައްވަމުން ގެންދަވާ، ވަކިވަކި ކޮމިޓީތަކަށް ކަމަށާއި ކޮމިޓީތަކުގައި ފުނިޖެހިފައި ހުރި މައްސަލަތައް ނުނިމި ދިގުލާ ދާކަން ހިތާމައާ އެކު ފާހަގަކުރައްވާ ކަމަށާއި، އެކަމުގެ ސަބަބުން ޤައުމުގެ އިޤުތިޞާދަށް ވެސް އޭގެ ނުރަނގަޅު އަސަރު ކުރަމުންދާ ކަމަށް އަޙުމަދު ވިދާޅުވިއެވެ.
“މަޖީލީހުގެ ހުރިހާ ކޮމިޓީއެއްގައި މުޤައްރިރުންނަށް ތިބީ މަނިކުފާނު ވެސް އެ ޕާޓީއަކަށް ނިސްބަތްވެ ވަޑައިގަންނަވާ ޑީ.އާރު.ޕީ ގެ ޢިއްޒަތްތެރި މެންބަރުން. އަޅުގަނޑަކަށް ހިއެއް ނުވޭ މިހާ ހިސާބަށް އައިއިރު މަދު ދެތިން ބިލެއް ފިޔަވައި އެއްވެސް ބިލެއް ނިންމުގެ މުއްދަތު މަނިކުފާނާ ހަމައަށް އައިސްފައި އޮތް ކަމެއް. މިއީ އަޅުގަނޑު ދަންނަވާނީ އެންމެ ޒިންމާދާރުކޮށް މަސައްކަތް ނިންމުމެއް ނޫން. އަޅުގަނޑު ހަމަ ހިތާމައާ އެކު އެކަން ކުށްވެރިކޮށް މިއަށްވުރެ ޒިންމާދާރުކޮށް މަސައްކަތްކުރުމަށް އަޅުގަނޑު ގޮވާލަން.” މަޖިލީހުގެ ރައީސާ މުޚާޠަބުކުރައްވައި އަޙުމަދު ޢަބްދުﷲ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގެ މަރުޙަލާގައި ޤައުމަށް ކޮންމެހެން ބޭނުންވާ ގިނަ ބިލުތަކެއް ނުނިމި ހުރިކަން ފާހަގަކުރެވެއެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ގޭންގު ކުށްތައް މަނާކުރުމުގެ ބިލާއި، ދައުލަތަށް އާމްދަނީ ހޯދުމަށްޓަކައި ހުށަހެޅިފައި ހުރި ގިނަ ބިލުތަކެވެ. ސިޔާސީ މުޙައްލިލުން ލަފާކުރާގޮތުން ދައުލަތަށް އާމްދަނީ ލިބޭނޭ ފަދަ އެއްވެސް ބިލެއް ޑީއާރުޕީ ޕީއޭގެ އަޣްލަބިއްޔަތު އޮންނަ މަޖިލީހަކުން ފާސްކޮށްދިނުމަކީ ވުމަށްވުރެ ނުވުން ކައިރިކަމެކެވެ. އަދި އިދިކޮޅު ފަރާތްތަކުން އެފަދަ ބިލުތައް ކޮމިޓީ މަރުޙަލާގައި ހިފަހައްޓަނީ ސަރުކާރަށް ދަތިކޮށް ސަރުކާރު ވައްޓާލުމަށް ކަމަށް ބައެއް ސިޔާސީ ފަރާތްތަކުން ބުނެއެވެ.