މ. މުރާސިލު
މެދުސަރަހައްދުގެ ރަށްރަށުގެ ސިއްހީ ހާލަތު އެއްދުވަހުން އަނެއްދުވަހަށް ދަށަށް މިދަނީ ކީއްވެގެންތޯ ؟ މިހާރު ދަނީ ސުވާލު އުފެދެމުންނެވެ. މައުމޫނުގެ ދުވަސްވަރުވެސް ޚިދުމަތް ދެމުން ގެންދިޔަ ގޮތަށް ސީދާ ހެލްތު މިނިސްޓްރީގެ ދަށުން ސިވިލްސާވިސްގެ ޒިންމާދާރު މުއައްޒަފުންގެ ސީދާބެލުމުގެ ދަށުން މިސަރަހައްދުގައި ސިއްހީ ޚިދުމަތް ދެވެމުން ދާއިރު ކޮންމެ ދާއިރާއެއްގައިވެސް ސިއްހީ ޚިދުމަތް ދިނުމުގައި އިސްވެ ތިބީ ހަމަކުރީގެވެސް މިދާއިރާގެ ތަޖުރިބާ ލިބިފައިވާ ސިއްހީ ދާއިރާގެ މުއައްޒަފުންކަން ފާހަގަކުރެވެއެވެ. ނަމަވެސް އެފަރާތްތަކުގެ އެންމެފުރިހަމަ ޒިންމާ ނޫފުލުމުގެ ސަބަބުން މިސަރަހައްދުގެ ސިއްހީ ޚިދުމަތް މިއަދުވަނީ ބޮއްސުން ލާފައެވެ. ޚާއްސަކޮށް ދ ކުޑަހުވަދޫ ހޮސްޕިޓަލްއާއި މ. ރީޖަނަލް ހޮސްޕިޓަލުގެ ޚިދުމަތްތައް ހުއްޓިފައި އޮންނަތާ ގިނަދުވަސްތަކެއް މިވަނީ ވެފައެވެ. ނަމަވެސް ޚިދުމަތް ދިނުމާއި ހަވާލުވެގެން ތިބި ފަރާތްތަކުގެ ޒިންމާ އެންމެ ފުރިހަމަޔަށް އަދާކުރަމުން ނުގެންދާކަން ފާހަގަކުރާން ޖެހެއެވެ. ބޮޑުވަރިހަމައިގައި ސަރުކާރުގެ ބޮލަށް ހުރިހައި ކަމެއް ކަނޑާލައިގެން ބޮޑުމުސާރަ ނަގައިގެންތިބި އެތައްސަތޭކަ މުއައްޒަފުންނެއް މިސަރަހައްދުގެ ސިއްހީ ދާއިރާގައިވެސް އެބަތިއްބެވެ.
ސެންޓްރަލް ހެލްތު ސަރވިސަސް ކޯޕަރޭޝަން މީގެ ދެތިންމަސްދުވަސް ކުރީން ސަރުކާރުން އުފެއްދެވި ނަމަވެސް އަދި ރަސްމީކޮށް އެކޯޕަރޭޝަންގެ މަސައްކަތްތައް ފެށިފައި ނުވާކަން ފާހަގަކުރަމެވެ. ވީއިރު އިދިކޮޅު ފަރާތްތަކުން އެބުނާ “ތަންދޮރު ނުދަންނަ އެކްޓިވިސްޓުން” އަދި މިސަރަހައްދުގެ ސިއްހީ ދާއިރާގައި އަތްގަދަ ކޮށްގެން ނެތެވެ. އެހެންނަމަވެސް ތަޖުރިބާ ހުރި މަސައްކަތުގައި އެތައްދުވަހަކު މެދުނުކެނޑި ދެމިތިބި އެތައް ވެރީންނެއް އެބަތިއްބެވެ.
މެދުސަރަހައްދުގެ ސިއްހީ ޚިދުމަތްތަކަށް ބޭނުންވާ ޑޮކްޓަރުން މިހާރުވެސް ގެނެސްހަދަމުން ގެންދަނީ ކުރީގެ ސަރުކާރުންވެސް ހަމަޖައްސައިފައިވާ އުސޫލާ އެއްގޮތައް މުލީ ރީޖަނަލް ހޮސްޕިޓަލުންނެވެ. ނަމަވެސް އެނިސްތެތިސްޓެއް ހުރިނަމަ ސަރޖަންއަކު ނެތުމާއި ގައިނީއެއް ހުރިއްޔާ އެނިސްތެތިސްޓަކު ނެތި ގިނަދުވަސްވެ މަސައްކަތް ކުރަމުން ގެންދިޔަ ގިނަ ޑޮކްޓަރުންވެސް ފޫހިވެ އެނބުރި ގައުމަށް ގޮސްފައިވާކަން ފާހަގަ ކުރަމެވެ. އެހެންކަމުން ސިއްހީ ދާއިރާ ހިންގާންތިބި ފަރާތްތަކުން ގަސްތުގައި ޑޮކްޓަރުން ފޫހިކޮށް ފޮނުވާލައި ސިއްހީ ޚިދުމަތުގެ ފެންވަރު މިސަރަހައްދުގައި ދެވުނަ ނުދީ ރައްޔިތުންނާއި ސަރުކާރާ ދެމެދު މައްސަލަތައް އުފެއްދުމަށް މަސައްކަތް ކުރަމުން ގެންދަނީ ކަމުގައިވެސް ބައެއް ފަރާތްތަކުން ބުނަމުން ގެންދެއެވެ.
ކަންމިހެން އޮތްއިރު ސީ އެޗު އެސް ކޯޕަރޭޝަން އުފެދުމާއި ގުޅިގެން މިވަގުތުގެ ހާލަތު ރަނގަޅު ކުރުމުގައި ނުރަސްމީކޮށް މިދާއިރާގެ ހޮސްޕިޓަލް ތަކާއި ގުޅިގެން ކުރަމުން ގެންދިޔަ މަސައްކަތުގެ ސަބަބުން މިހާރު ކޮންމެވެސް ވަރެއްގެ ހައްލެއް އަތުވެދާނެ ކަމުގެ މަންޒަރުތައް ދަނީ ފެންނަމުން ކަމުގައި ވީނަމަވެސް އެންމެ ފުރިހަމަ ގޮތުގައި ކަންކަން ހިނގަމުން ނުދާކަމުގައި ދަންނަވާން ޖެހެއެވެ.
ވޭތުވެ ދިޔަ ހަފްތާގައި މުލީ ރީޖަނަލް ހޮސްޕިޓަލްއަށް އޮޕަރޭޝަން ޑޮކްޓަރއެއް ހޯދުމަށް ކުރެވުނު މަސައްްކަތާއި ގުޅިގެން ބުރާސްފަތި ދުވަހު މާލެގެނެވުނު އޮޕަރޭޝަން ޑޮކްޓަރ އެދުވަހާއި ހުކުރުދުވަހުވެސް ދަތުރެއް ނުލިބިގެން މުއްޔަށް ނުގެނެވި ހޮނިހިރުދުވަހު މުއްޔަށް ހެދުނުގެ ވަގުތެއްގައި ގެނެވި ވިހެއުމަށް ހާލުބޮޑުވެފައިވާ މިހަކު ވިއްސުމަށް ކުރާންޖެހޭ އޮޕަރޭޝަން ކުރުމަށް އޮޕަރޭޝަން ތިއޭޓަރއަށް ޑޮކްޓަރ ވަގުތުން ވަންނަމަވެސް ޖެހުނީ އޮޕަރޭޝަން ނުކޮށް ބަލިމީހާ އެމަރޖެންސީގައި މާލެ ފޮނުވާލާށެވެ. މުލީ ހޮސްޕިޓަލުން ނަންހާމަ ނުކުރުމަށް އެދި މައުލޫމާތު ދިންމީހަކު ބުނިގޮތުގައި ބުރާސްފަތި ދުވަހު ޑޮކްޓަރ އަންނާތީވެ އޮޕަރޭޝަން ތިއޭޓަރ ސާފުކޮށް ތައްޔާރުކުރުމަށް ހަމަޖެހިފައި ވީނަމަވެސް އެމަސައްކަތް ހުކުރުދުވަހު ކުރުމަށް ފަސްކުރީ އޯވަރޓައިމް ހޯދުމުގެ ބޭނުމުގައެވެ. ހުކުރުދުވަހު އޮޕަރޭޝަން ތިއޭޓަރ ދޮވެ ސާފުކޮށް ހެދުމުގެ ސަބަބުން ތިއޭޓަރގެ ކެމިކަލް ރިއެކްޝަން ހުރީ މަތީ ދަރަޖައެއްގައި ކަމުން ހޮނިހިރު ދުވަހު އޮޕަރޭޝަން އެއް ކުރެވޭ މިންވަރަށް ތިއޭޓަރ ތައްޔާރު ނުކުރެވި އޮތުމުގެ ސަބަބުން ކުރިމަތިވި މިމައްސަލައާއި ގުޅިގެން ބަލިމީހާ މާލެފޮނުވާލަން ހޮސްޕިޓަލުގެ ލޯންޗު ހަލާކުވެފައި އޮތުމުގެ ސަބަބުން އަތޮޅު ކައުންސިލުގެ ދަށުގައި އޮންނަ ކުރީގެ އަތޮޅު އޮފީހުގެ ލޯންޗު ހޯދަން ކުރެވުނު މަސައްކަތާއި ގުޅިގެން ވަގުތުން ފައިސާ ދެއްކުމުން މެނުވީ ލޯންޗު ކިތަންމެ ހާލުބޮޑު ބަލިމީހަކު ނަމަވެސް މާލެގެންދާން ދޫނުކުރެވޭނެ ކަމުގައި އަތޮޅުކައުންސިލުން އެކަމާ ހަވާލުވެހުރި ކައުންސިލަރ އަންގާފައި ވާކަމުގައި ހޮސްޕިޓަލުން މައުލޫމާތުދިން ސީނިއަރ މުއައްޒަފު މައުލޫމާތު ދިނެވެ.
މ އަތޮޅުގެ ހާލަތު މިހިސާބުގައި އޮތްއިރު ދ އަތޮޅުގެ ހޮސްޕިޓަލުގެ ހާލަތު އަދި ހުރީ މިއަށްވުރެ ދަށުދަރަޖައިގައި ކަމުގައިވެސް ބުނެވެއެވެ. ދ އަތޮޅުގެ ހޮސްޕިޓަލު ލޯންޗު ހަލާކުވެފައިވާތާ ދިހަމަސް ދުވަސް ވެފައިވާއިރު އެލޯންޗު މަރާމާތު ކުރުމުގެ މަސައްކަތް މިއަދާ ހަމަޔަށްވެސް ވަނީ ނުކުރެވިއެވެ. ގައުމީ އިދާރާއާއި ގުޅިގެން ފަސޭހައިން ކުރެވެންހުރި ކަންކަން އެއިދާރާ މެދުވެރިކޮށް ނުކުރާން ނިންމައިގެން ވާނެގޮތެއްވާން ދޫކޮށްލައިގެން ތިބީއެވެ. ލޯކަލް ގަވަރނަސްއާއި ބެހޭ ގާނޫނަށް އިދިކޮޅު ފަރާތްތަކުން ގެނައި އިސްލާހުތަކާ ގުޅިގެން ޕަބްލިކް ހެލްތު ސެކްޓަރގައި މަސައްކަތްކުރާންތިބި މުހިންމު މުއައްޒަފުންތަކެއް ކައުންސިލްތަކުގެ ދަށަށް ގެންދިޔަ ނަމަވެސް މިދާއިރާތަކުގެ އިސް ފަރާތްތަކުގެ ގޮތުގައި މިއަދުވެސް ތިބީ ކައުންސިލު ތަކުގެ ދަށުގައި ފިތިފައިވާ ސިއްހީ މުއައްޒަފުންނެވެ. އެފަރާތްތަކުން ޖަވާބުދާރީ ވާންޖެހެނީ ކައުންސިލްތަކަށެވެ. ހެލްތު މިނިސްޓްރީއާއި ގައުމީ އިދާރާ ތަކަކީ އެފަރާތްތަކުން ގަބޫލުކުރާ ތަންތަނެއް ނޫނެވެ. މިހެންކަމުން މިސަރަހައްދުގެ ސިއްހީ ޚިދުމަތް މިވަގުތު އޮތީ ހާލެއްނެތި އައިސީޔޫގައެވެ. މިކަން ބަދަލުކުރެވޭނީ ސެންޓުރަލް ހެލްތު ސަރވިސަސް ކޯޕަރޭޝަންގެ ދަށަށް މިޚިދުމަތް ބަދަލުކުރެވިގެން ކަމުގައި ވާތީވެ ވީއެންމެ އަވަހަކަށް މެދުދާއިރާގެ ސިއްހީ ޚިދުމަތް ދިނުން ކޯޕަރޭޝަންއާއި ހަވާލުކޮށް ދެއްވުމަށް ސަރުކާރަށް ގޮވާލަމެވެ.