މެންބަރުންގެ ޚިޔާލު: މުސްލިމުން މިއަދު ބަލިކަށި ވެފައި މިވަނީ ކީއްވެ؟

ފުނަމާ

ދުނިޔޭގެ ފުރަތަމަ ބޮޑުހަނގުރާމައާއި ، ދެވަނަ ބޮޑުހަނގުރާމަ އަކީވެސް މުޅިދުނިޔެ އަނދަވަޅަކަށް ވަށްޓާލި ދެހަނގުރާމައެވެ. ދުނިޔޭގެ މުޅި އިގުތިސާދު ހީނަރުވެ ދުނިޔޭގެ އުމްރާނީ ތަރައްގީއަށް އެކަމުގެ ސަބަބުން އެތަކެއް ބޮޑެތި ގެއްލުންތަކެއް ލިބި ގައުމުތައް ބައިބައިވެ މިއަދާ ހަމަޔަށްވެސް އެކަމުގެ ސަބަބުން ލިބުނު ގެއްލުންތަކުން ސަލާމަތް ނުވެވިއޮތް ބޮޑު ދެހާދިސާއެވެ. ފުރަތަމަ ބޮޑުހަނގުރާމައިގެ ސަބަބުން ލީގުއޮފް ނޭޝަންސް އުފެދި ދުނިޔޭގެ ސުލްހަ ބެލެހެއްޓުމަށް ގައުމުތަކުން ކުރަމުން ގެންދިޔަ މަސައްކަތް ކާމިޔާބުނުވެ ، ދެވަނަ ބޮޑުހަނގުރާމައަކަށް ދުނިޔެ ވެއްޓިގެން ދިޔައެވެ. މިއަދު އދ އުފެދި ދުނިޔޭގެ ސުލްހައަށް މަސައްކަތް ކުރާން ފަށާފައި މިވަނީ ދެވަނަ ބޮޑު ހަނގުރާމައިން ލިބުނު ގެއްލުންތަކުގެ ސަބަބުން އެފަދަ ތިންވަނަ ހަނގުރާމައެއް ދުނިޔޭގައި ތަޖުރިބާ ކުރާން ބޭނުން ނުވާތީއެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކޭ މިކިޔާ ގައުމުތަކުގެ މެދުގައި ” ފިނިހަނގުރާމައެއް” އޮތް ކަމުގައި ވީނަމަވެސް މަޑުމަޑުން އދ ގެ ތެރެއިން މިކަންކަން ބަދަލުވެ މިއަދު ދުނިޔެ މިދަނީ ” ގްލޯބަލައިޒް ” ވަމުން ނުވަތަ ” ބަވަނަވަމުން ” ނެވެ. އެކިނަންނަންކިޔާ އެކިގައުމު ރަސްމީކޮށް އުފެދި ޚާރުޖީ މިނިވަންކަން ލިބިފައި އޮތްނަމަވެސް އދ ގެ އޮނިގަނޑުގެ ތެރެއިން މިއިން ކޮންމެ ގައުމަކީ ދުނިޔޭގެ އަވަށެއްގެ ގޮތުގައި ހަމަޖެހި އެންމެން ގަބޫލުކުރާ ހަމަތަކަކާއި އެއްއުސޫލުތަކެއް ކޮންމެ ގައުމެއްގައިވެސް މިއަދު ހިންގަމުން ގެންދެވޭކަމީ ދޮގެއް ކަމުގައި ދެންނެވޭކަށް ނެތެވެ. އަދި މިކަންކަން މިގޮތުގައި ހިންގާ ބަލަހައްޓައި ހެދުމުގެ ވަޒީފާއާއި ހަވާލުކޮށްގެން ގާތްގަނޑަކަށް މުޅިދުނިޔޭގެ ހުރިހައި ގައުމު ތަކެއްހެން މިތިބީ އދ އާއި ނުވަތަ އެކުވެރި ދައުލަތްތައް ތަމްސީލުކުރާ ޖަމާއަތާއެވެ. ހުރިހައި ގައުމުތަކެއްގެ ހިއްސާ އޮވެގެން ދުނިޔޭގެ ސުލްހައާއި މަސަލަސްކަމަށް އަދި ، ކުރިއެރުމާއި ތަރައްގީއަށް ، ތިމާވެއްޓާއި އިންސާނީ ކަރާމާތަށް މިއަދުގެ އދ އިން ކުރާމަސައްކަތްތައް ދެކެތިބެ ތައުރީފުކުރުން ހައްގު ކަމުގައި ދެންނެވިދާނެއެވެ.
ފުރަތަމަ އަދި ، ދެވަނަ ބޮޑުހަނގުރާމަ އަކީވެސް ދީނީ ތަފާތު ކަމެއްގެ ތެރެއިން ފެށުނު ހަނގުރާމައެއް ކަމުގައި ދުނިޔެ އެއްބަހެއް ނުވާނެއެވެ. ނަމަވެސް ހަނގުރާމަ ކުރެވުނީ ބާރުހޯދުމުގެ ގޮތުންނެވެ. މިކަމުގެ ތެރޭގައި ދުނިޔޭގައި އިންސާނުން އުޅެމުން ގެންދިޔަ ދީންތަކުގެ ނުފޫޒުވެސް ވައްދައި އެކަންވެސް ބޭނުންކުރެވިފައި ވެދާނެއެވެ. ނަމަވެސް ކަނޑައެޅިގެން ދުނިޔޭގެ މުސްލިމުން އެއިރުވެސް ތިބީ ފިސާރި ސާބިތު ކަމާއެކު އަޅުގަނޑުމެންގެ އަގީދާގައި ހިފަހައްޓައިގެންނެވެ. އެހެންކަމުން ދީނީ ވާދަވެރިކަމެއްގެ ތެރެއަކަށް އަޅުގަނޑުމެން މުސްލިމުންގެ ނަމުގައި ވަދެގެން ހަނގުރާމަ ކޮށްފައި ނުވިނަމަވެސް ޣައިރު މުސްލިމުން މުސްލިމުންގެ ބޭނުން އެންމެ ވަރުގަދަ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރިކަމީ އެނގޭންއޮތް ހަގީގަތެކެވެ. ދެވަނަ ބޮޑުހަނގުރާމަ ދިގުލައި ދިއުމުގެ ސަބަބުން ހުޅަނގުން މުސްލިމުންގެ ކިބައިން ދުނިޔެ އެބިރުވެރި ކަމުން ސަލާމަތް ކޮށްދެއްވުންއެދި ﷲއަށް ދުޢާކޮށްދިނުމަށް އެދިފައިވާކަމީ ތާރީޚު އަންގައިދޭ ހަގީގަތެކެވެ. މުސްލިމުންގެ އެންމެ ވަރުގަދަ ހަތިޔާރަކީ އަޅުގަނޑުމެންގެ ދުޢާ ކަމުގައި ވީއިރު މުސްލިމުން ދުނިޔޭގައި ހޯދާފައިވާ ކޮންމެ ކާމިޔާބެއްގެ ފަހަތުގައި މިދެންނެވި ހަތިޔާރުގެ ބޭނުން ކޮށްފައި ވާކަމީ އިސްލާމީ ތާރީޚުން ފެންނާންއޮތް ހަގީގަތެކެވެ. މުސްލިމުންނަކީ ދުނިޔޭގައި އެންމެ ބާރުގަދަ ނުފޫޒުގަދަ ބައެއްގެ ގޮތުގައި މާޟީގެ ދުވަސްތަކެއް ހޭދަކޮށްފައިވާ ބައެކެވެ. އަދި މިއަދުވެސް މުސްލިމުންނަކީ ބާރުދެރަ ބައެއް ނޫންކަން މުޅިދުނިޔެވެސް ގަބޫލުކުރެއެވެ. ނަމަވެސް މުސްލިމުން އެންމެ ފުރިހަމަ ގޮތުގައި މިބާރުގެ ބޭނުންނުކޮށް ތިމަތިމާމެންގެ އަމިއްލަ މަސްލަހަތަށް ބުރަވެ ، މުސްލިމު ގައުމު ތަކުންވެސް މިމޭރުމުން ކަންކަން ކުރާން ފެށިދުވަހުން ފެށިގެން މުސްލިމުންގެ ބާރުމިވަނީ ދުނިޔެއިން ފަނޑުވެ ނެތިދާން ފަށާފައެވެ. ވެރީން އެމީހުންގެ ވެރިކަމުގެ ޖާހަތުގައި ރައްޔިތުންގެ މަތީން ހަނދާން ނައްތާލައި އަނިޔާއަކީ ނިޔާ ކަމުގައި ދެކޭންފެށި ހިސާބުން މުސްލިމުންގެ ބާރުކެނޑި ހުޅަނގާއި ދުނިޔޭގެ ބާރުތަކުގެ ދަށުގައި މުސްލިމުން މިއަދު މިތިބީ އަޅުވެތި ވެފައެވެ. ދުނިޔޭގެ ހުރިހައި ކުރިއެރުމެއްގެ މިލްކުވެރިކަން މިއަދުއޮތީ އެހެންބައެއްގެ ބާރުގެ ދަށުގައެވެ. އެމީހުން ޖެހިހައި ބެރަކަށް ނަށާން މިއަދުގެ މުސްލިމުންނަށް މިވަނީ މަޖުބޫރު ވެފައެވެ.
ފަލަސްތީނުގެ މައްސަލައަކީ އެންމެހާ މުސްލިމުންގެ ހިތްތަކަށްކަށި ހަރަ، ހަރައި އޮންނަތާ ބައިގަރުނަށްވުރެ ދިގުވެފައިވާ މައްސަލައެކެވެ. ފަލަސްތީނުގެ ބިންތަކުގައި މުސްލިމު އަޚުންނާއި އުޚުތުންނަށް ދެވިފައިވާ ހިތްދަތި އަނިޔާތަކަކީ ޣައިރު މުސްލިމުންވެސް ކަރުނައަޅާ ރޮމުން ގެންދާ އަނިޔާވެރި ޖަރީމާތަކެވެ. ނަމަވެސް މިއަދާ ހަމަޔަށްވެސް މިކަމުގައި މުޅިދުނިޔެއަށްވެސް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހޯދައި ދެވިފަކާނުވެއެވެ. ވަށައިގެން ބާރުގަދަ ތަނަވަސް އިސްލާމީ ގައުމުތަކެއް އޮތްއިރު ފަލަސްތީނުގެ ލޮބުވެތި ރައްޔިތުން އެދަނީ ހަނާވަމުންނެވެ. މިއީ އެގައުމުތަކުގެ ނިތްކުރީގައި ޖެހިފައިވާ މަލާމާތުގެ ލައްގަނޑެކެވެ. ސަބަބުތައް ބައިވަރެވެ. ކޮންމެ ބަޔަކުވެސް މިއަދު ދައްކަނީ ވާހަކައެވެ. ތަޅަނީ ހުސްއަނގައެވެ. އަބަދުވެސް ހިމާޔަތް ކުރާން އުޅެނީ ތިމާމެންގެ އަމިއްލަ މަސްލަހަތެވެ. މިއަދަކު އިސްލާމީ ” ދައުލަތެއް” ނެތެވެ. ހުރީ ވަކިވަކި އިސްލާމީ ” ގައުމުތަކެވެ.” ކޮންމެ ބަޔަކީ ވަކި ސަގާފަތެއް ވަކިއުސޫލުތަކެއް ގެންގުޅޭ ބައެކެވެ. މަޒުހަބީ ތަފާތުކުރުން ތަކާއި އަމިއްލަ ގޮތްދޫނުކުރުމުގައި މިތިބީ ފައިވިއްދައިގެންނެވެ. ރަސޫލު (ސ) އަށް އެތަކެއް އަނިޔާތަކެއް މުޝްރިކުން ކުރަމުން ގެންދިޔައިރު ފަރުބަދަތަކާ ބެހޭ މަލާއިކަތާ ފޮނުއްވައި މުޝްރިކުންގެ މައްޗަށް ފަރުބަދަތައް ފުރޮޅާލެއްވުމަށް އެދި ވަޑައި ގެންނެވި ދުވަހު އެކަލޭގެ ފާނުންގެ ދުޢާފުޅަކީ ” އެމީހުންނަށް ތެދުމަގު ދައްކަވައި ފާނދޭވެއެވެ. އެމީހުންނަށް ( މުޝްރިކުންނަށް ) ހަމަ ނޭނގެނީއެވެ.” އެކަަމަކު މިއަދުގެ މުސްލިމުން ދުއާކުރަނީ އަނެކުންގެ ހަލާކަށް އެކަންޏެއް ނޫނެވެ. މުސްލިމުން މުސްލިމުންނާއި ހަނގުރާމަވެސް ކުރަމުން މުސްލިމުންގެ މައްޗަށްވެސް ބަދުދުޢާ ކުރަމުން އެގެންދަނީއެވެ. ވީއިރު މުސްލިމުންގެ އެންމެ ބާރުގަދަ ހަތިޔާރުގެ ތޫނުކަން މިއަދު އެބައޮތް ހެއްޔެވެ؟ މުސްލިމުންގެ މިންބަރުތަކުން މިއަދު ފަލަސްތީނުގެ ހާލަތު ބަދަލުވުމަށް އެދިގެން މިކުރާ ދުޢާތަކުގެ ސިލްސިލާ ދިގުދެމިގެން ނުދޭ ހެއްޔެވެ؟ ނަމަވެސް ކާމިޔާބުނުވެ ދިގުދެމިގެން މިދަނީ ކީއްވެހެއްޔެވެ؟ ވިސްނާލައި އަމިއްލަ ނަފުސު އިސްލާހުކޮށް ފުރިހަމަ މުސްލިމުންގެ ގޮތުގައި އަޅުގަނޑުމެން ނުކުމެ މުސްލިމުންގެ އެންމެ ބާރުގަދަ ހަތިޔާރުގައި މިއަދު ހިފިކަމުގައި ވީނަމަވެސް ދާދި ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި މުސްލިމުންގެ ދުޢާތައް އިޖާބަވެ ކާމިޔާބީ ލިބިގެންވާ ބައެއް ކަމުގައި އަޅުގަނޑުމެން ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. އެހެނަސް ދެންތިބިހައި ބަޔަކަށް ފުރައްސާރަކޮށް ވަކިވެގަނެގެން އުޅޭ އަމިއްލަ އެދުމުން ފުރިފައިވާ އެއްވެސް ބަޔަކީ ދުނިޔޭގައިވެސް އާޚިރަތުގައިވެސް ކާމިޔާބެއް ނެތް ބައެއްކަން އެންމެ ފުރިހަމަޔަށް އެނގިގެން މިތިބީވެސް އަޅުގަނޑުމެން މުސްލިމުންނެވެ.