ރާއްޖޭގެ ރަށްރަށުގައި ކަރަންޓްގެ ޚިދްމަތް މިހާރު ލިބެމުން އަންނަނީ ކުރިއަށްވުރެ ފަސޭހަކޮށް އަދި ކުރިއަށްވުރެ އަގުހެޔޮކޮށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ރާއްޖޭގެ ރަށްރަށުގައި ކަރަންޓްގެ ޚިދްމަތް މިހާރު ލިބެމުން އަންނަނީ، ކުރިއަށްވުރެ ފަސޭހަކޮށް އަދި ކުރިއަށްވުރެ އަގުހެޔޮކޮށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، ރާއްޖޭގެ ރަށްރަށުގައި އިލެކްޓްރިކް ކަރަންޓްގެ ޚިދްމަތް ފޯރުވައިދެއްވުމުގެ ކަންތައްތައް ހިނގަމުންދާ ގޮތުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިތާބުގައި، އަށްޑިހައިގެ އަހަރުތަކުގައި ވަރަށް ކުޑަކުޑަ ގޮތަކުން ރާއްޖޭގެ ރަށްރަށުގައި ކަރަންޓްގެ ޚިދްމަތް ދިނުމުގެ ކަންތައް ފެށިގެން އައި ގޮތުގެ މައްޗަށް ބައްލަވާލައްވަމުން، އޭރު ރަށްރަށުގައި ހުރި އިންޖީނުގެތައް ހިންގަމުން އައީކީ، ދުރާލާ ވިސްނައި، ރޭވިފައި އޮތް ކުންފުންޏެއްގެ އުޞޫލަކުން ނޫން ކަމުގައި ވިދާޅުވިއެވެ. އޭގެ ސަބަބުން، އިންޖީނުގެތައް ހުރީ ވަރަށް ބޮޑަށް ހާލުގައި ޖެހިފައި ކަމަށާއި، ސަރުކާރަށް މި ޙަޤީޤަތް އެނގިވަޑައިގެން، ސަރުކާރުން މަސައްކަތް ކުރެއްވީ، ރާއްޖޭގެ ވީހާވެސް ގިނަ ރަށްރަށަކަށް ކަރަންޓްގެ ޚިދްމަތް ދެއްވުމަށް ކަމުގައި ވިދާޅުވިއެވެ. އެ ބޭނުމަށްޓަކައި 7 ޔޫޓިލިޓީ ކުންފުނި އުފައްދަވައި، އެކުންފުނިތަކަށް ރަށްރަށުގެ އިންޖީނުގެތައް ބަދަލުކުރެއްވުމަށް ނިންމެވީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ރައްޔިތުންނަށް ހެޔޮގޮތުގައި، ފަސޭހަގޮތުގައި ކަރަންޓްގެ ޚިދްމަތް ދެއްވުމަށްޓަކައި ކުރައްވަންހުރި ހުރިހާ މަސައްކަތްތަކެއް ސަރުކާރުން ކުރައްވަމުން ގެންދަވާނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. މީގެކުރީގައި ކަރަންޓް ޔުނިޓަކަށް ފަސްރުފިޔާ، ހަރުފިޔާ ދައްކަމުން ގެންދިޔަ އަމިއްލަ ފަރާތްތައް، މިއަދު ކަރަންޓް ޔުނިޓަކަށް ދައްކަމުން ގެންދަނީ، ދެރުފިޔާބައި ނުވަތަ ތިންރުފިޔާ ކަމަށާއި، ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގައި ކަރަންޓްގެ ޚަރަދު މިއޮތީ ވަރަށް ބޮޑަށް ކުޑަވެފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސްޓެލްކޯގެ ހިސާބުތަކަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، 2005 ވަނަ އަހަރަށްފަހު ސްޓެލްކޯ ހިންގަމުން ގެންގޮސްފައިވަނީ ލިބޭ އެއްޗަކަށްވުރެ ގެއްލުން ބޮޑުކޮށް ކަމަށާއި، ސަރުކާރު ހިންގުމާ ޙަވާލުވެވަޑައިގަތުމަށްފަހު، ސްޓެލްކޯއަށް ވަމުންދާ ގެއްލުންތައް ފޫބައްދަމުން ގެންދިޔައީ، ސީދާ އެކުންފުންޏަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރައްވައިގެން ކަމުގައި ވިދާޅުވިއެވެ. އެގޮތުން، 2008 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ 200 މިލިއަނަށްވުރެ ގިނަ ރުފިޔާ، އެކުންފުނީގެ ގެއްލުން ފޫބެއްދުމަށް ދޫކުރައްވާފައިވާ ކަމަށާއި އަދި ނުދެއްކިހުރި 457 މިލިއަން ރުފިޔާގެ ތެޔޮ ބިލްތައް، 2009 ވަނަ އަހަރު ސަރުކާރުން ހަމަޖައްސަވައި ދެއްވާފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ދަރަނި ފޫބެއްދުމަށް ސްޓެލްކޯއަށް ދޫކުރެއްވި ފައިސާ އެއީ، ސީދާ ރައްޔިތު މީހާއަށް ދެވޭ ސަބްސިޑީގެ ގޮތުގައި ސަރުކާރުން ހަމަޖައްސަވާފައިވުމާއެކު، 2010 ވަނަ އަހަރު ސްޓެލްކޯއަށްވެސްވަނީ ދަރަނި ފޫބެދި، ފައިދާވާން ފަށާފައިކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، މިއަހަރުގެ ޖުލައިމަހާ ހަމައަށް ސަރުކާރުން މިވަނީ އެވްރެޖް ގޮތެއްގައި ކޮންމެ ކަރަންޓް މީޓަރަކަށް -/440 ރުފިޔާއަށްވުރެ ގިނަ ޢަދަދެއްގެ ސަބްސިޑީ ދޫކުރެވިފައިކަންވެސް ހާމަކުރެއްވިއެވެ. މިގޮތުން، ސްޓެލްކޯގެ ކަރަންޓް މީޓަރުތައް ހުރި ގޭގެއަށް ސަރުކާރުން ޖުލައިމަހު ސްޓެލްކޯއަށް 15 މިލިއަނަށްވުރެ ގިނަ ރުފިޔާ، ސަބްސިޑީގެ ގޮތުގައި ދޫކުރެވިފައިވާ ކަމަށާއި، އެއީ ކޮންމެ މީޓަރަކަށް -/975 ރުފިޔާއާ ގާތްކުރާ ޢަދަދެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ސަރުކާރުން މިހާރު ހިންގަވަމުން ގެންދަވާ އިންޖީނުގޭގެ ޢަދަދު، 118 އަށް އަރާ ކަމަށާއި، ސްޓެލްކޯއިން ކުރީގައި އެންމެ ގިނައިން އިންޖީނުގެ ހިންގިއިރުވެސް، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިންގީ 28 އިންޖީނުގެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބު ނިންމަވާލައްވަމުން، ޔޫޓިލިޓީ ކުންފުނިތަކުން ކަރަންޓްގެ ޚިދްމަތް ދެވޭ މިންވަރާއި އަދި ޚިދްމަތާ ގުޅިގެން ކުރެވޭ ކަންކަންވެސް، ދުވަހެއް ދުވަހަކަށް އިތުރުކުރަމުން ގެންދާ ކަމުގައި ވިދާޅުވިއެވެ.