އެމްޑީޕީގެ ޓީމެއް ރ. އަތޮޅަށް ފުރައިފި

އިބްރާހީމް ރާމިޒް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓީމެއް މިއަދު ރ. އަތޮޅަށް ފުރައިފިއެވެ.
މި ޓީމުގެ ދަތުރުގައި އަލިފުށީ ދާއިރާގެ 4 ރަށަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައި ވެއެވެ. އެގޮތުން އަލިފުއްޓާއި، ވާދޫގެ އިތުރުން ރަސްގެތީމާއި އަނގޮޅިތީމަށް މި ޓީމު ކުރާ ޒިޔާރަތުގައި އެ ދާއިރާގެ، ދާއިރާ މަޖިލިސް ބާއްވާނެއެވެ. އަދި އަލިފުށީ ދާއިރާއަށް އަމާޒުކޮށްގެން އެމްޑީޕީގެ މެންބަރު އަދި މަޝްހޫރު ފުޓްބޯޅަ ކޯޗު ހީނާ އަހުމަދު ސަލީމް ބާއްވާ ފުޓުބޯޅަ ކޯޗިންގ ކޭމްޕެއް އިފްތިތާޙްކުރުމާއި، ދާއިރާގައި އެމްޑީޕީ މެންބަރުން އިތުރުކުރުމުގެ ޕްރޮގްރާމް އިފްތިތާޙްކުރާނެއެވެ.
މި ދަތުރުގައި އެމްޑީޕީގެ ޗެއަރޕާސަން ނައިބު (އިދާރީ) މުޙައްމަދު އިމްތިޔާޒާއި، އެމްޑީޕީ އަލިފުށީ ދާއިރާ އަދި އެމްޑީޕީ މާލެ ސިޓީގެ ރައީސް މުޙައްމަދު ރަޝީދު އާއި، އަލިފުށީ ދާއިރާގެ އެމްޑީޕީ ނައިބު ރައީސް އިލްޔާސް އާއި، އެޑިއުކޭޝަން މިނިސްޓްރީގެ އެއް ނައިބު އަދި އެމްޑީޕީ މަޑުއްވަރީ ދާއިރާގެ ރައީސް އިބްރާހީމް ރަޝީދު އާއި، އެމްޑީޕީ އިނގުރައިދޫ ދާއިރާގެ ރައީސް ޙަސަން އަހުމަދު އާއި، އެމްޑީޕީ ދުވާފަރު ދާއިރާގެ ރައީސް އަދި އެމްޑީޕީ އުތުރު ޕްރޮވިންސްގެ ވަގުތީ ސްޕޯކްސް ޕާސަން އިބްރާހީމް އާތިފް (ޕްރިންސް) ގެ އިތުރުން އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަޙުމަދު މަރުޒޫޤް އާއި ހީނާ އަހުމަދު ސަލީމް ބައިވެރިވެލައްވައެވެ.
މި ޓީމް އެނބުރި މާލެ އަންނާނީ މިއަންނަ ހޮނިހިރު ދުވަހުއެވެ.