މުޅި ރާއްޖެ ބަދަލުކުރެވޭނީ ޒުވާނުން ތަމްރީންވެގެން ރާއްޖެ ބަދަލުކޮށްގެން – ރައީސުލް ޖުމްހޫރިއްޔާ

ދިވެހިޒުވާނުންނަށް ވަޒީފާ ލިބުމުގައި ދިމާވެފައިވާ އެންމެ ބޮޑު ހުރަހަކީ ވަޒީފާއަށް ބޭނުންވާ ހުނަރު ނެތުން ކަމަށް ރައީސް ވިދާޅުވި

އިބްރާހީމް ރާމިޒް

މުޅި ރާއްޖެ ބަދަލުކުރެވޭނީ، ޒުވާނުން ތަމްރީންވެގެން ރާއްޖެ ބަދަލުކޮށްގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޕީއެލް ސަރަޙައްދުގައި މިއަދު ހެނދުނު ބޭއްވެވި ފަންނީ، ހުނަރުވެރި، ޤާބިލް، 8500 ދިވެހިން، މަސައްކަތުގެ ބާޒާރަށް ނެރުއްވުމަށް ސަރުކާރުން ހިންގަވާ “ހުނަރު ޕްރޮގްރާމް” އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މެނިފެސްޓޯގައިވާ އެއް އަމާޒުކަމުގައިވާ، ހުނަރުވެރި ޒުވާނުން އުފައްދައި، އެފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމަކީ، ސަރުކާރުގެ އެއް އަމާޒު ކަމަށާއި، މިގޮތުން، “ހުނަރު” ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ބޭނުންވާ 57 ދާއިރާއަކުން ސަރުކާރުގެ ޚަރަދުގައި 8500 ޒުވާނުން ތަމްރީންކުރެވިގެންދާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގައި ވަޒީފާ ނެތް ޒުވާނުންގެ ޢަދަދު އިތުރުވެ، ވަޒީފާގެ ބާޒާރުގައި ތަނަވަސްވެފައި އޮތް ފުރުޞަތުތައް ދިވެހި ޒުވާނުންނަށް ލިބުމުގައި އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ، އެ ވަޒީފާތަކަށް ބޭނުންވާ ހުނަރު، ދިވެހި ޒުވާނުންގެ ކިބައިގައި ނެތުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ވަޒީފާތައް ބޭރު މީހުންނަށް ދޭންޖެހެނީ އެވަޒީފާތަކަށް ބޭނުންވާނެ ހުނަރު ކޮންމެވެސް ވަރަކަށް އެމީހުންގެ ކިބައިގައި ހުރެ، އެ ހުނަރު ލިބިފައިވާ ދިވެހި ޒުވާނުން ނެތުމުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ މަސައްކަތަކީ، ޤައުމުގެ ޒުވާނުންނަށް ރަނގަޅު އާމްދަނީއެއް ލިބި، އަތް ފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުވައިދީ، މަސްތުވާތަކެތީގެ ޝިކާރައަކަށް ދިވެހި ޒުވާނުން ނުވެ، އެއްތަނުން އަނެއްތަނަށް ފަސޭހައިން ދަތުރުފަތުރުކުރެވި، ބޭސް ސިޓީއަށް ސަލާންޖަހަން ނުޖެހި، ތާހިރު، ތަނަވަސް ދިރިއުޅުމެއް ފޯރުވައިދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގައި ވަޒީފާ ނެތް ޒުވާނުންގެ ޢަދަދު އިތުރުވެ، ވަޒީފާގެ ބާޒާރުގައި ތަނަވަސްވެފައި އޮތް ފުރުޞަތުތައް ދިވެހި ޒުވާނުންނަށް ލިބުމުގައި އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ، އެ ވަޒީފާތަކަށް ބޭނުންވާ ހުނަރު، ދިވެހި ޒުވާނުންގެ ކިބައިގައި ނެތުން ކަމުގައި ވެސް މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިރަސްމިއްޔާތަށްފަހު، ހުނަރު ޕްރޮގްރާމްގެ ބައިވެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ތަމްރީން ޕްރޮގްރާމްގެ ދުވަސްވަރާއި މަސައްކަތުގައި ފަރުވާ ބެހެއްޓުމަށް ނަސޭހްތެރިވެވަޑައިގެންނެވިއެވެ. އަދި، ތަމްރީނުގެ މުއްދަތުގައިވެސް، އަދި ތަމްރީނުވުމަށްފަހުވެސް މަސައްކަތަށް ގަވައިދުން ނުކުތުމަށް ރައީސުލްޖުމްހޫރިއްޔާ ބާރުއަޅުއްވައި، ވާހަކަފުޅު ދެއްކެވިއެވެ.