އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ގަވައިދު އަލުން އެކުލަވާލުމަށް 5 މެންބަރުންގެ ކުޑަ ކޮމިޓީއެއް ނަގައިފި

އިބްރާހީމް ރާމިޒް

dsc_1691-400-x-211

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ ހިންގާ ކޮމިޓީގެ ގަވައިދު އަލުން އެކުލަވާލުމަށް 5 މެންބަރުންގެ ކުޑަ ކޮމިޓީއެއް ނަގައިފިއެވެ.
އެމްޑީޕީގެ މައި އޮފީހުގައި މިރޭ ބޭއްވި ގައުމީ ހިންގާ ކޮމިޓީގެ ޖަލްސާގައި 5 މެންބަރުންގެ ކޮމިޓީއަށް ހޮވުމަށް ހުށަހަޅާފައިވަނީ އެންމެ ލިސްޓެކެވެ. އެއީ ޕާޓީގެ ނައިބު ރައީސް އަލްހާން ފަހުމީ ހުށަހަޅުއްވައި، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޤަފޫރު މޫސާ ތާޢީދުކުރެއްވި ލިސްޓެވެ. މި ލިސްޓްގައި ހިމެނި، މިރޭގެ ޖަލްސާއަށް ހާޒިރުވި މެންބަރުންގެ އަޤްލަބިއްޔަތުން ފާސްވީ އެމްޑީޕީގެ ނައިބު ރައީސް އަލްހާން ފަހުމީ އާއި، މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް ޔޫތު އެންޑް ސްޕޯޓްސް އަލްއުސްތާޛް ޙަސަން ލަތީފް އާއި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ 2 ނައިބު ރައީސުން ކަމަށްވާ ދިއްދޫ ދާއިރާގެ މެންބަރު އަޙުމަދު ސަމީރު އާއި، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމްގެ އިތުރުން އެ ޕާޓީގެ އަމީން އާންމު ޙަސަން ޝާހް އެވެ.

މި ޖަލްސާގައި މޫސާ މަނިކު ދެއްކެވި ވާހަކަފުޅުގައި އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީ ކުރިން ހިންގީ ވަލީ ކޮމިޓީގެ ނަމުގައި ކަމަށާއި، މި ކޮމިޓީއަކީ އެ ޕާޓީ ހިންގުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރި ކޮމިޓީއެއް ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީގެ ޤައުމީ ހިންގާ ކޮމިޓީގައި އެކުލެވިގެންވަނީ ޕާޓީގެ ރައީސްއާއި، ނައިބު ރައީސް އާއި، ޤައުމީ ޗެއަރޕަރސަން އާއި، ޕާޓީގެ ކެބިނެޓް މެމްބަރުންނާއި، އަމީން ޢާންމު އަދި އަމީން ޢާންމުގެ ނައިބު ޗެއަރޕާސަންގެ 2 ނައިބުންނާއި، ޕާރލިމަންޓްރީ ގްރޫޕްގެ މެންބަރުންނެވެ.

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ އެމްޑީޕީގެ ޗެއަރޕާސަން މޫސާ މަނިކެވެ.